ހަގީގީ ހާދިސާއެއް މައްޗަށް ބިނާކޮށް ގެނެސްދޭ ލޯބީގެ ފިލްމު "އެޑްރިޕްޓް" އޮފިޝަލް ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. ފިލްމުގެ ވާހަކަ އާއި ޓްރެއިލާގެ މަންޒަރުތަކުން ފިލްމަށް ބޮޑު އުއްމީދުތަކެއް ކުރެވޭއިރު މި ފިލްމު ހާއްސަވާ އެހެން ސަބަބެއްވެސް އެބަ އޮތެވެ.
އެއީ މި ފިލްމުގެ ލީޑުން ފެނިގެންދާނެ ދެ ތަރިންނެވެ. ބަތަލާއަކަށް ފެނިގެންދާނީ "ދަ ފޯލްޓް އިން އަވާ ސްޓާސް" އާއި "ޑައިވާޖެންޓް" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި ޝެއިލިން ވުޑްލީ އަދި ބަތަލްއަކަށް ފެނިގެންދާނީ "ހަންގާ ގޭމްސް" އާއި "މީ ބިފޯ ޔޫ" އިން ފެނިގެންދިޔަ އެކްޓާ ސޭމް ކްލަފްލިން އެވެ.
މި ދެ ތަރިންނަކީ ލޯބީ ރޯލުތައް މީގެ ކުރިން ފިލްމުތަކުގައި ކުޅެ ގިނަ ބައެއް ލޯބި ހޯދާފައިވާ ކުޅަދާނަ ދެ ތަރިންނެވެ. މި ފިލްމުގައި އެ ދެމީހުން އެއްކޮށް ފެނިގެންދާނެއިރު، ލޯބީގެ އަސަރުގަދަ މަންޒަރުތަކެއް ފެންނާނެކަން ހަމައެކަނި ޓްރެއިލާ އިންވެސް މިހާރު ވަނީ ހާމަވެފަ އެވެ.
ޝެއިލިން ކުޅުން ދަ ފޯލްޓް އިން އަވާ ސްޓާސް އަދި ސޭމް ކުޅުނު މީ ބިފޯ ޔޫގައި އެ ދެމީހުން ލޯތްބާ ހަނގުރާމަކުރަންޖެހުނީ ބައްޔެއްގެ ސަބަބުން ނަމަވެސް މި ފިލްމުގައި އެ ދެމީހުން ލޯތްބާއި ހަނގުރާމަ ކުރަންޖެހެނީ ބާރުގަދަ ތޫފާނެއްގެ ސަބަބުންނެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ 1983 ވަނަ އަހަރު ރިޔަލު ދޯނި ދުއްވުމަށް ލޯބި ކުރި ދެ ލޯބިވެރިން ހިތްހަމަޖައްސާލުމަށް ރިޔަލު ދޯންޏެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮސް ބާރުގަދަ ތޫފާނެއްގައި ޖެހި އޭމީހުން ކަނޑުމަތިވި ހާދިސާގެ މައްޗަށެވެ.
އެ ދެމީހުން ސަލާމާތުގެ އައްސޭރިއަށް ދިއުމަށް ކުރާ މަސައްކަތް މި ފިލްމުގައި ފެނިގެންދާނެ އެވެ. އެ ދެ މީހުން ކުރިމަތިލާންޖެހުނު އެ ތޫފާނަކީ ދުނިޔޭގެ ތާރީހުގައިވެސް ރެކޯޑުކުރެވުނު އެންމެ ނުރައްކާތެރި ތޫފާންތަކުގެ ތެރޭގައި ހިމެނޭ ތޫފާނެކެވެ.
އެޑްރިފްޓް ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ ޖޫން މަހު އެކަކުން ފެށިގެންނެވެ.