ބޮލީވުޑް

ޕަދްމާވަތް: ދީޕިކާ، ރަންވީރު އަދި ޝާހިދުގެ އެންމެ ބޮޑު ކާމިޔާބީ

މިއަހަރު ބޮލީވުޑްގައި ރިލީޒްކުރި ފުރަތަމަ ބޮޑު ފިލްމު "ޕަދްމާވަތް" އަށް އިންޑިއާގެ ބޮކްސް އޮފީހުގައި 300 ކަރޯޑު ރުޕީސް ލިބިއްޖެ އެވެ. އެއާއެކު މި ފިލްމު ވެގެންގޮސްފައި ވަނީ ފިލްމުގެ ލީޑުން ފެނިގެންދާ ތިން ތަރިން ކަމަށްވާ ދީޕިކާ ޕަދުކޮނީ އާއި ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރުގެ ފިލްމަކަށް ފުރަތަމަ ފަހަރަށް 300 ކަރޯޑު ލިބުނު ފިލްމަށެވެ.

މިއީ ތާރީހުގައި ލިޔެވިގެންދާނެ ހަބަރެއްކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެ އެވެ. ސަބަބަކީ މީގެ ކުރިން އިންޑިއާގެ ބޮކްސް އޮފީހުގައި 300 ކަރޯޑު އާންމުކޮށް ހޯދާފައި ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ހާނުންގެ ފިލްމުތަކަށްވެފައި މި ފިލްމުގައި އެއްވެސް ހާން އެއް ފެނިގެން ނުދާތީ އެވެ.

ޕަދްމާވަތް ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަތާއި 50 އަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. މަޝްހޫރު ޑައިރެކްޓާ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކުރި މި ފިލްމު ސިނަމާއަށް އައީ ގިނަ ހަމަނުޖެހުންތަކަކާއެކު ދިގު އިންތިޒާރަކަށްފަހު އެވެ. ފިލްމު ރިލީޒްކުރުމާއެކު ބެލުންތެރިންގެ ތައުރީފު ފިލްމަށް ދަނީ އޮހެމުންނެވެ.

މިހާރު މި ފިލްމު ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން 500 ކަރޯޑަށްވުރެ މަތިން އާމްދަނީ ހޯދާފަ އެވެ. އެއާއެކު މި ފިލްމު މިހާރު ވަނީ މީގެ ކުރިން އެ މަގާމު ދިފާއުކޮށްފައި އޮތް ސަލްމާން ހާންގެ ފިލްމު "ޑައިގާ ޒިންދާ ހޭ" ފަހަތަށް ޖައްސާލާ އެ ރެކޯޑު މުގުރާލާފަ އެވެ.

ޕަދްމާވަތްއަކީ ދެ ބިލިިއަން ރުޕީސްގެ ބަޖެޓަކުން ތައްޔާރުކުރި ފިލްމެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން މި ފިލްމަށް މިހާރު ޖުމްލަ ފަސް ބިލިއަންވުރެ ގިނަ ރުޕީސްގެ އާންމުދަނީއެއް ލިބިފައިވެ އެވެ. ފައިދާގެ ގޮތުގައި ފިލްމަށް ތިން ބިލިއަނަށްވުރެ ގިނަ ރުޕީސް ވަނީ މިހާރު ލިބިފަ އެވެ.