ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން ގުޅުން ވަރުގަދަކުރުމަށް އިންޑިއާ އާއި ޗައިނާ އިން 22 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ޗައިނާ އަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
މި އެއްބަސްވުންތަކުގެ ފައިދާ ފައިނޭންޝިއަލް ސެކްޓަރުތަކުންނާއި ވިޔަފާރި ބަނދަރުތަކުން އަދި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާ އިން ވެސް ދެ ގައުމަށް ކުރާނެ އެވެ. މީގެ އިތުރުން ތައުލީމީ ދާއިރާ އާއި ރޭލު ސްޓޭޝަންތައް ތަރައްގީކުރުމަށް އަދި ދެ ގައުމު ގުޅިގެން ސައިންޓިފިކް ދިރާސާތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.
ޗައިނާ އަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯދީ ވިދާޅުވެފައި ވަނީ ޗައިނާއާ އެކު ވިޔަފާރިކުރުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވެފައިވާ ސަރަހައްދީ މައްސަލަތަކުގެ އިތުރުން ދެ ގައުމުގެ ބޯޑަރުގެ މައްސަލަތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމަށް ވެސް މި ދަތުރުފުޅުން ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ ކަމަށެވެ.
މޯދީ މިހެން ވިދާޅުވި ނަމަވެސް އަދި ތާރީޚީ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެން ވިޔަފާރީގެ ބޮޑެތި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި ނަމަވެސް ސަރަހައްދުގެ ހުރިހާ ގައުމުތަކަކަށް ވެސް އެނގޭ ހަގީގަތަކީ މި ދެ ގައުމަކީ އެއް ގަލަކަށް އަރާނެ ބައެއް ނޫން ކަމަށާއި ސަރަހައްދުގެ ކޮންޓްރޯލް އަތުލަން މަސައްކަތްކުރަމުން އަންނަ ދެ ގައުމުކަން ކަމެވެ.
އިންޑިއާ އިން ދެކުނު އޭޝިއާގެ ބޮޑު ބާރުގެ ގޮތުގައި އޮތުމަށް ކުރާ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާ އެވެ. ނަމަވެސް ޗައިނާއާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށް މޯދީގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
އަނެއްކޮޅުން ޗައިނާ އިން ދަނީ މި ސަރަހައްދުގެ އެކި ގައުމުތަކުގައި ބޮޑެތި އިންވެސްޓްތަކެއްކޮށް އިންޑިއާގެ ނުފޫޒު އެގައުމުތަކުގައި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.