ހޮލީވުޑް

އާ ޓްރެއިލާ: ތޭނޯސް އާއި ދެކޮޅަށް އެވެންޖާސް

މާވެލް ސްޓޫޑިއޯސް އިން މީހާރު ގެނެސްދިނުމަށް ތައްޔާރުވަމުންދާ ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ގެ އާ ފޮޓޯއެއް އާންމު ކުރުމުން ފިލްމަށް ކުރާ އިންތިޒާރުގެ ފޯރި އިތުރަށް ގަދަވެފައި ވަނިކޮށް ފިލްމުގެ އާ ޓްރެއިލާއެއް ނެރެ ފޯރި އިތުރަށް ގަދަކޮށްލައިފި އެވެ.

ދެ މިނެޓަށް ދެމިގެންދާ މި އާ ޓްރެއިލާގައި، މާވެލް ސިނެމެޓިކް ޔުނިވާސްގެ ހުރިހާ ސުޕަހިރޯ ކެރެކްޓާސްތަކެއް ފެނިގެންދެ އެވެ. މި ޓްރެއިލާގައި ފެނިގެންދަނީ އެ ހުރިހާ ސުޕަހީރޯތަކެއް، އެ މީހުންގެ ދުޝްމަނު ތޭނޯސް އާއި ދެކޮޅަށް ކުރާ ހަނގުރާމަ އެވެ.

މާވެލް އިން މި ފިލްމުގެ އާ ޓްރެއިލާއެއް މި ދޫކޮށްލީ ފިލްމުގެ އާ ފޮޓޯއެއް ޝޯޝަލް މީޑިއާގައި ދައުރުވެ ފޯރިގަދަވެފައި ވަނިކޮށެވެ. މިދިޔަ ހަފްތާގައި އާންމުވި އެ ފޮޓޯ އިންވެސް މާވެލް ސިނެމެޓިކް ޔުނިވާސްގެ ގިނަ އަދަދެއްގެ ސުޕަހީރޯ ކެރެކްޓާސްތައް ފެނިގެންދިއަ އެވެ.

ކެޕްޓަން އެމެރިކާ، ބްލެކް ޕެންތާ، ބްލެކް ވިޑޯ، ބަކީ އަދި އޮކޮއޭ ފެނިގެންދާ އެ ފޮޓޯ އިން ފެންނަ ގޮތުން ހީވަނީ އެމީހުން ހަނގުރާމައަކަށް ތައްޔާރުވަނީ ހެނެވެ. އެންމެ ގިނަބަޔަކު ފޯރިގަދަވީ ކެޕް އާއި ޕެންތާ އެއްކޮށް ފެނިގެން ދިއުމުންނެވެ. މާވެލް އާ ޓްރެއިލާއާއެކު ފިލްމުގެ އާ ޕޯސްޓަރެއްވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު ނިކުތްތާ 10 އަހަރު ފަހުން، އެ 10 އަހަރު ތެރޭގައި މާވެލް ސިނެމަޓިކް ޔުނިވާސް އިން ފައްކާކުރި މާވެލްގެ ހުރިހާ ސުޕަހީރޯތަކެއް ބޭނުން ކޮށްގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު "އަޔަން މޭން" ނިކުތް ހިސާބުން ފެށިގެން ވެސް ޕްލޭން ކުރެވެމުން އައިސްފައިވާ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯ އިން މިހާތަށް ގެނެސްދޭނެ އެންމެ ބޮޑު ފިލްމެވެ.

މި ފިލްމުގައި ފެނިގެންދާނެ މާވެލް ސިިނަމެޓިކް ޔުނިވާސްގެ އިތުރު ސުޕަހީރޯ ކެރެކްޓާސްތަކުގެ ތެރޭގައި ސްޕައިޑާ މޭން، ތޯރް، ހަލްކް، އަދި އަޔަން މޭން އާއި އިތުރު ކެރެކްޓާސްތައް ހިމެނެ އެވެ.

އެވެންޖާސް: އިންފިޓީ ވޯގެ އާ ޓްރެއިލާ.

މި ކެރެކްޓާސްތަކުގެ ރޯލުންވެސް ފެނިގެންދާނީ ހަމަ މާވެލްގެ ފިލްމުތަކުގައި އެ ކެރެކްޓާސް ކުޅެފައިވާ އެކްޓަރުންނެވެ. އޭގެ ތެރޭގައި ކްރިސް އީވާން، ކްރިސް ޕްރެޓް، ޗެޑްވިކް ބޯސްމަން، ސްކާލެޓް ޖޮނަސަން، ކްރިސް ހެމްސްވޯތް އަދި ޓޮމް ހޮލެންޑާއި އިތުރު ތަރިންވެސް ފެނިގެންދާނެ އެވެ.

އެވެންޖާސް: އިންފިނިޓީ ވޯ ރިލީޒްކުރާ ތާރީހު ވެސް މިހާރު ވަނީ އަވަސް ކޮށްފަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ފިލްމު ރިލީޒްކުރުމަށް ކުރިން ހަމަޖައްސާފައި އޮތީ މެއި ހަތަރެއްގަ އެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒްކުރާ ތާރީހު އަންނަ އޭޕްރީލް މަހު 27 އަށް ވަނީ ބަދަލުކޮށްފަ އެވެ.