ބޮލީވުޑް

ބޯ ކޮށާލަންޖެހުމުން ޓައިގާގެ ލޮލުން ކަރުނަ

އަރަމުން އަންނަ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފްގެ ކުރިއަށް އޮތް ފިލްމު "ބާގީ 2" ގެ ޓްރެއިލާ އާންމުކުރި ހިސާބުން ފެށިގެންވެސް އޭނާގެ އިސްތަށިގަނޑަށް ގެނައި ބަދަލުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެ ވާހަކަ ގަދައަށް ދެކެވެމުންދަނިކޮށް ޓައިގާ މިހާރު ވަނީ އޭނާގެ އިސްތަށިގަނޑު ކޮށާލި މަންޒަރުތައް ފޭނުންނާއި ވީޑިއޯއަކުން ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޓައިގާގެ އިސްތަށިގަނޑު ކޮށަމުންދިޔައިރު އޭނާއަށް ރޮވުނެވެ. ޓައިގާ ބުނީ އިސްތަށިގަނޑު ކޮށާލަން އޭނާ ބޭނުންނުވި ކަމަށާއި، ނަމަވެސް އޭނާގެ ބޮސް އެކަން ކުރަން ބުނުމުން އިންކާރުކުރަން ބޭނުންނުވީ ކަމަށެވެ. ޓައިގާގެ އިސްތަށިގަނޑު ކޮށަމުން ދިޔައިރު ގާތުގައި ޑައިރެކްޓަރު އަހްމަދު ހާން އަދި ބާގީ 2 ގައި އޭނާއާކު ފެނިގެންދާ ލީޑު ބަތަލާ ދިޝާ ޕަޓަނީ ވެސް ހުއްޓެވެ.

ޓައިގާ އިސްތަށިގަނޑަށް ގެނައި ބަދަލާއި ބެހޭގޮތުން ޑައިރެކްޓަރު އަހްމަދު ބުނީ، "އަހަރެމެން ބޭނުންވީ އާ ކަމެއް ކުރަން. އަހަރެމެން ފުރަތަމަ ޕޯސްޓަރު ތައްޔާރުކުރަން ޓައިގާގެ ދިގު އިސްތަށިގަނޑާއެކު ފޮޓޯ ޝޫޓްކުރިއަށް ގެންދިޔައީ. ދެން ފިލްމުގެ ޕްރޮޑިއުސާރު ސާޖިދް ބުނީ މީގެން އާ ކަމެއް ނުފެޔޭ. ސާޖިދްގެ އައިޑިއާއެއް މިއީ."

ބަތަލާ ދިޝާ ޕަތަނީ ބުނީ، "އަހަންނަށް އޭނާގެ އާ ހެއާ ސްޓައިލް ވަރަށް ކަމުދޭ، އެކަމަކު ކުރީގެ ދިގު އިސްތަށިގަނޑު މަތިންވެސް ވަރަށް ހަނދާންވޭ." އެވެ.

ޓައިގާ ޓުވިޓާގައި ޝެއާކުރި ވީޑިއޯ.

މި ވީހާތަނަށް ކުޅުނު ހުރިހާ ފިލްމެއްގައިވެސް ޓައިގާ އިސްތަށިގަނޑު ހުރީ ދިގުކޮށެވެ. އެކަމަކު މި ފަހަރު ޓައިގާގެ ފިލްމުގެ ޓީމުން އޭނާއަށް އާ ލުކްއެއް ދިނުމުގެ ގޮތުން ނިންމީ އިސްތަށިގަނޑު ކުރުކޮށް ކޮށާލާށެވެ. ޓައިގާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލުމަށް އޭނާ ރުއްސަން 15 ދުވަސް ހޭދަކުރަންޖެހުނު ކަމަށް ބާގީ 2 ގެ ޕްރޮޑިއުސާ ސާޖިދް ނަޑިއާޑްވާލާ ވަނީ ފިލްމުގެ ޓްރެއިލާ ލޯންޗުކުރި ދުވަހު ބުނެފަ އެވެ.

ސާޖިދް އަދި ޓައިގާވެސް ހުރީ އޭނާގެ އާ ލުކްއާއި މެދު ހިތްހަމަޖެހިގެންނެވެ. ޓުވިޓާގައި އެ ވީޑިއޯ ޝެއާކުރުމަށްފަހު ޓައިގާ ބުނެފައިވާނީ، "އިސްތަށިގަނޑު ކޮށާލަންޖެހުމުން ދެރަވި އެކަމަކު މިއީ ހެޔޮ ބަދަލެއްކަމަށް ގަބޫލުކުރަން." ކަމަށެވެ.