ސިވިލްސާވިސް ކޮމިޝަން

މުސާރައާ އެއްވަރަށް މަސައްކަތް ކުރަން ޝަމީމް ގޮވަލައިފި

މިހާތަނަށް އިންތިޒާރުކުރަމުން އައި ބޮޑު މުސާރަ މިހާރު ލިބެންފަށާފައިވާތީ މުސާރައާ އެއްވަރަށް މަސައްކަތް ރަނގަޅުކޮށް ދިނުމަށް ސިވިލްސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އެދިލައްވައިފި އެވެ. ޝަމީމް މިހެން އެދިލައްވާފައިވަނީ އެ ކޮމިޝަންގެ އަހަރީ ރިޕޯޓް ނެރުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ސަރުކާރު މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރާ އާދައިގެ މީހަކަށް މީގެ ކުރިން މަހަކު 5،000ރ. ނުލިބެ އެވެ. މިކަމުގެ ސަބަބުން ސަރުކާރު މުވައްޒަފުންގެ ޝަކުވާތައް ބޮޑުވި އެވެ. އަދި ބައެއް ދާއިރާތަކުގެ މުވައްޒަފުން އިހުތިޖާޖުވެސް ކުރި އެވެ. އެއާ ގުޅިގެން މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައި ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓްގައި އެކަމަށް 234 މިލިއަން ރުފިޔާ ހިމަނާފައެވެ. އަދި މިދިޔަ މަހުން ފެށިގެން ވަނީ ބައެއް މަގާމްތަކުގެ މުސާރައަށް ބަދަލު ގެނެސް ބޮޑު ކުރި މުސާރަ ދޭން ފަށާފަ އެވެ.

ޝަމީމް ރޭ އެދިލެއްވީ ގިނަ މުވައްޒަފުންތަކެއްގެ މުސާރަ ބޮޑުވެފައިވާތީ އެކަން މަސައްކަތުން ވެސް ދައްކައިދިނުމަށެވެ.

ސީއެސްސީން ރޭ ނެރުނު އަހަރީ ރިޕޯޓް އާންމުކޮށްފަ އެއް ނުވެ އެވެ. ނަމަވެސް ރިޕޯޓުގައި ހުރި ބައެއް ކަންކަން އެކޮމިޝަނުން ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ކޮމިޝަނަށް ލިބޭ ބަޖެޓް އަހަރުން އަހަރަށް ކުޑަވަމުންދާކަން ކަންބޮޑުވުމެއްގެ ގޮތު އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ބަޖެޓުގައި ފައިސާ ނެތިގެން މިދިޔަ އަހަރު ކުރަން ނިންމި ގިނަ މަސައްކަތްތަކެއް ނުކޮށް ދޫކޮށްލަން ޖެހުނު އިރު ކޮމިޝަނަށް ފައިސާ ހޯދަން ޓްރަސްޓް ފަންޑެއް ހަދައި އެއަށް ފައިސާ ހޯދަން މިއަހަރު މަސައްކަތް ފަށާފައިވާކަމަށް ވެސް ބުނެފައިވެ އެވެ.

ލިމިޓެޑް ބަޖެޓެއްގައި މަސައްކަތްކުރަން ޖެހުނު ނަމަވެސް މިދިޔަ އަހަރު މުހިއްމު މަސައްކަތްތަކެއް ކުރިކަމަށް ސީއެސްސީ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެގޮތުން ކޮމިޝަންގެ ޓްރެއިނިން ސެންޓަރުން މިދިޔަ އަހަރު 154 ކޯހެއް ހިންގައި 4109 މުވައްޒަފުން ތަމްރީންކޮށްފައިވެ އެވެ.

ސީއެސްސީން ބުނީ މިއަހަރު ވެސް މުހިއްމު މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ. އަދި މި އަހަރަކީ ސިވިލްސާވިސް ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރު ފުރޭ އަހަރަށް ވާތީ އެކަން ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.