މޯލްޑިވްސް ޕޮލިސް ސާވިސް

ރޭގެ މުޒާހަރާއިން 141 މީހަކު ހައްޔަރުކުރި: ޕޮލިސް

ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށްގެންދިޔަ "ހުއްޓުވަން" މުޒާހަރާއިން 141 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ އިރާކޮޅު ފެށި މުޒާހަރާ މެންދަމަށް ދިގު ދެމިގެން ދިޔައިރު މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިންޒާރުދީ އެއްވުން ރޫޅާލާނެ ކަމަށް ބުނެފަ އެވެ. އަދި އެއްވުމަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ބުނެ އެއްވުން ރަނގަޅަށް ނުފެށެނީސް ވެސް ގިނަ ބަޔަކު އެ ސަރަހައްދުން ހައްޔަރުކުރި އެވެ.

އޭގެ ތެރޭގައި ރާއްޖެޓީވީގެ ތިން ނޫސްވެރިއަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ އެ ތިން ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ ރޭގެ މުޒާހަރާއިން ޖުމްލަ 141 މީހަކު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން މިހާރު ހައްޔަރުގައި ތިބީ 26 އަންހެނުންނާއެކު 139 މީހުން ކަމަށެވެ.

ރޭގެ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅުގެ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ވަނީ އިބޫ ހައްޔަރުކުރުމަށްފަހު ދޫނިދޫއަށް ގެންގޮސްފަ އެވެ.

ރޭގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިއަކު ފުލުހަކަށް އަނިޔާކުރި ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.