ހަބަރު

ރޭ މަގުސަދު ހާސިލުވި، އަދިވެސް އިހްތިޖާޖު ކުރިއަށް ދާނެ: އިދިކޮޅު

ސަރުކާރުން ހިންގަމުން ގެންދާ ގާނޫނު އަސާސީއާ ހިލާފު ކަންކަން ހުއްޓުވެންދެން އިހްތިޖާޖް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ. އެ ޕާޓީތަކުން ބުނީ ރައީސް އަބްދުﷲ ޔާމީން ކަންކަން އިސްލާހުކުރަން ދެން އިހްތިޖާޖުތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. މިރޭ ވެސް އިހްތިޖާޖު ކުރާނެ ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި "ހުއްޓުވަން" މުޒާހަރާގެ މަގުސަދު ހާސިލްވި ކަމަށެވެ. އަދި ރައީސް އަބުދުﷲ ޔާމީންގެ އަނިޔާވެރިކަން ހުއްޓުވުމަށް ރައްޔިތުން ފަސް ނުޖެހޭނެ މަންޒަރު ރޭ ފެނިގެން ގޮސްފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަަން ވިދާޅުވީ، ރޭގެ މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށާއި މިރޭ ވެސް މުޒާހަރާއަށް ނިކުންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ރައީސް އަބުދުﷲ ޔާމީން ގާނޫނު އަސާސީއާ ހިލާފަށް ކުރަމުންދާ މަސައްކަތް ހުއްޓުވުން ކަމަށާއި އެކަން ކުރިއަށް ގެންދަނީ ސުލްހަވެރިކަމާއެކު ކަމަށެވެ.

"ރޭ ފެނިގެން ދިޔައީ ރައްޔިތުން ނިކުމެ ބޮޑުތަނުން ރައީސް ޔާމީންގެ އަނިޔާވެރިކަން ހުއްޓުވަން މައްސަކަތް ކުރި މަންޒަރު، ފެނިގެން ދިޔައީ ސަރުކާރުގެ ފިއްތުންތަކާއެކުވެސް ފުލުހުން މެދުވެރިކޮށް ރައީސް ޔާމީން ރައްޔިތުންނަށް އަނިޔާ ކުރަމުން ގެންދެވި އިރުވެސް ރައްޔިތުން އެއަށް ފަސްޖެހުމެއްނެތި އިހުތިޖާޖުގައި ތިބި މަންޒަރު،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު ހުކުމް ތަންފީޒުކޮށް، ސިޔާސީ ހައްޔަރީން ދޫކޮށްލައި، ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހޭ ކަމަށާއި އެހުރިހާ ކަމެއް ކުރުމަށްފަހު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިދިކޮޅާއި މަޝްވާރާ ކުރަންދެން އިޖްތިޖާޖްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް ދަންނަވަން ބޭނުން، ސަރުކާރަށް މި ގޮވާލާކަންކަން، ނުވަތަ އިދިކޮޅު ފަރާތްތަކުން އެދޭ ކަންކަން، އަދި އިހްތިޖާޖްގައިވެސް އަޑު ހަރުކޮށް ބުނަމުންދާ ކަންކަން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ހުކުމް ތަންފީޒު ކުރާށޭ، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރެވޭނެ ގޮތް ހަދާށޭ، ސިޔާސީ ހައްޔަރީން ދޫކޮށްލާށޭ، ހަމަ އެހެންމެ ފަނޑިޔާރުން ދޫކޮށްލާށޭ، އަދި ގާނޫނު އަސާސީގެ ތެރެއަށް ރައީސް ޔާމީން ވެދެވަޑައިގަންނަވާށޭ، މި ހުރިހާ ކަމެއް ކުރެއްވުމަށްފަހު އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަވާށޭ، މި ހުރިހާ ކަމެއް ކުރުމަށްފަހު އަޅުގަނޑު މެންނާ ވާހަކަ ދައްކަވަންދެން އިހްތިޖާޖް ކުރިއަށް ގެންދާނަން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ރައްޔިތުން ފަހަތަކަށް ނުޖެހޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކާއެކު ރައްޔިތުން ތިބީ ކުރިއަށްދާން ތައްޔާރަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ނިންމުމަށް ރައްޔިތުން އެންމެ ފިޔަވަޅެއްވެސް ފަހަތައް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) ވިދާޅުވީ، މި މަސައްކަތަކީ ގައުމާއި ދީނާއި އިސްތިގުލާލުގެ ދިފާއުގައި ކުރަމުންދާ މަސައްކަތެއް ކަމަށާއި އެގޮތުން އިހްތިޖާޖްތައް ކުރިއަށް ގެންދަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ސުލްހަވެރިކަމާއެކު ކަމަށެވެ.

"ހަގީގަތުގައިވެސް އިދިކޮޅު ފަރާތްތަކުން ކުރަމުން މިގެންދާ މަސައްކަތަކީ ރައްޔިތުންނަށް ހައްގުތައް ހޯދައި ދިނުމަށްޓަކައި، އިސްލާހީ މަސައްކަތެއްގެ ގޮތުގައި އިދިކޮޅު ލީޑަރުން ފެއްޓެވި މަސައްކަތް ނިންމާނީ ރައްޔިތުން އެދޭ ފޮނި ރަހަ ލިބުމުން، ރައްޔިތުން މިއަދު ކުރަމުން ގެންދާ މަސައްކަތަކީ މިނިވަން ކަން ހޯދުަމަށް ކުރަމުންދާ މަސައްކަތް،" ވައްޑެ ވިދާޅުވި އެވެ.

ރައްޔިތުން މިއަދު ކުރާ މަސައްކަތުގައި ދެމި ތިއްބެވުމަށާއި ކުރަމުންދާ މަސައްކަތް ކާމިޔާބު އޮތީ ވަރަށް ކައިރީގައި ކަަމަށާއި މަސައްކަތުގައި ދެމި ތިބުމަށް ވައްޑެ ގޮވާލާފައި ވެއެވެ.