ހަބަރު

ހައްޔަރުކުރި ފުލުހުންގެ ބަންދަށް 15 ދުވަސް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ފުލުހުންގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ރޭ ޖަހައިފި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަށް ފުލުހަކު ހައްޔަރު ކޮށްފައި ވެއެވެ.

ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނެނީ އިންސްޕެކްޓާ ސައިފް ހުސައިނާއި، ޗީފް އިންސްޕެކްޓާ ފާއިޒް މުހައްމަދާއި، ސާޖަންޓް އަލީ ރިސްވާން އަހުމަދާއި، ސާޖަންޓް އަބްދުﷲ ރިޔާޒާއި ސާޖަންޓް އަހުމަދު އާސިމާއި، ސާޖަންޓް އަލީ ނަސީރުގެ އިތުރުން ކޯޕަރަލް ހަސަން ނަސީރު އަދި މުހައްމަދު ޝާމިން އެވެ.

އެ ފުލުހުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. ކުރާ ތުހުމަތަކުގެ ތެރޭގައި ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތު ހިމެނެ އެވެ. އެ ތުހުމަތު އެ ފުލުހުންގެ މައްޗަށް ކުރަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް މަސައްކަތް ކުރުމުން ކަމަށްވެ އެވެ. މި އެންމެ ވެސް ތިބީ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގަ އެވެ.

ތުހުމަތާ ގުޅިގެން އެމީހުންގެ ވަކީލުން ބުނެފައިވަނީ އެމީހުން ބަންދުކޮށްފައިވަނީ ވެރިން ކުރި އަމުރުތަކަށް ކިޔަމަންވުމުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށާއި ވެރިން ކުރާ އަމުރަކަށް ކިޔަމަންވެގެން ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ ދިވެހި ހުރިހާ ފުލުހުންނަށް އެ ބިރު އެބައޮތް ކަމަށެވެ.