ދޫނިދޫ

ހައްޔަރުކުރި މީހުން ދޫނިދޫއަށް ގެންގޮސްފި

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "ނޭވާހޮޅިއަށް" އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫނިދޫއަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިއަދުގެ މުޒާހަރާއާ ގުޅިގެން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށްވެސް ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހިމެނިވަޑައިގަންނަވައެވެ.

ހައްޔަރުކުރި މީހުން ފުލުހުންގެ ލޯންޗެއްގައި މިހާރު ދަނީ ދޫނިދޫއަށް ގެންގޮސްފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ނުދިނެވެ. ނަމަވެސް ހައްޔަރުުކުރި މީހުން ލޯންޗަށް އަރުވައިގެން ގެންދާ މަންޒަރު ނޫސްވެރިން ވަނީ ފޮޓޯ ނަގާ ވީޑިއޯކޮށްފައެވެ.

"ނޭވާހޮޅިއަށް" އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ޕީޕީއެމުން ބުނީ މިހާތަނަށް 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ވަގުތުން ދޫކޮށްލުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.