އަހުމަދު ނިހާން ހުސައިން މަނިކު

ގަޑިއެއް ދެއްވީ މަނިކު، އަގަކީ 169،000 ރުފިޔާ

Mar 18, 2018
25

އަނެއްކާވެސް ގަޑީގެ ވާހަކަ އާއި ހަމަ އެ ސުވާލެވެ؛ އަހުމަދު ނިހާން ހުސެއިން މަނިކަށް ރޮލެކްސް ގަޑި ދެއްވީ ކާކު ހެއްޔެވެ؟ އެންމެން ވެސް ބުނަމުން އައީ އެ ފަރާތަކީ ނިހާން ކުރިން ވަރަށް ގާތްކޮށް އުޅުއްވާ، ސެލްފީ ނަންގަވާ އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި އަގު ބޮޑު ހަދިޔާ އެކޭ އެވެ.

އެ ލިސްޓުގައި އޮތީއަކީ އެކަނި އަދީބުގެ ނަމެއް ވެސް ނޫނެވެ. ގާސިމް އިބްރާހިމާއި ސިޔާދު ގާސިމާއި މުހައްމަދު އަލީ ޖަނާހާއި ރައީސް އަބްުދުﷲ ޔާމީންގެ އަނބިކަނބަލުންނާއި އެނޫން ވެސް ފަރާތްތަކުގެ ނަން ކިޔަ އެވެ. ދާދި ފަހުން ނިހާން ވަނީ އެ ވާހަކަތަކަށް ކުޑަ މިންވަރެއްގެ "ހިންޓެއް" ދެއްވާފަ އެވެ. އެންމެ ގަދައަށް ދެކެވޭ، އަދީބުގެ ނަން ފޮހެލުމަށް ފަހު ވިދާޅުވީ ގޮތުގައި ރޮލެކްސް ގަޑި އޭނާއަށް ދެއްވި މީހާ އަދިވެސް ދުނިޔޭގައި އެބަހުންނެވި އެވެ.

"އަޅުގަނޑުގެ އަތުގައި ރޮލެކްސް ގަޑިއެއް އެބައޮތެވެ. އަޅުގަނޑަށް ރޮލެކްސް ގަޑި ދެއްވީ އަދީބެއް ނޫނެވެ. އަދީބު ދެއްވި އެއްވެސް ގަޑިއެއް އަޅުގަނޑުގެ އަތަކު ނޯންނާނެ އެވެ. އެ ގަޑި އަޅުގަނޑަށް ދެއްވި މީހާ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ،"

ގަޑި ދެއްވި ބޭފުޅާ ދުނިޔޭގައި ހުންނެވި ކަމަށް ވިދާޅުވެ ނިހަން ދެއްވި "ހިންޓަ"ކީ އެއީ އެ މީހެއްގެ ނަން ހޯދަން ފަސޭހަ ވާނެ ކަމަކަށް ބަލައިގެން ވިދާޅުވި އެއްޗެއް ކަމަށް ނުބެލެވެ އެވެ. ސަބަބަކީ އެއް އިރެއްގައި ވެސް ގަޑި ދިން ފަރާތް މަރުވެއްޖެއޭ ނުކިޔާތީ އެވެ. އަދި އެފަދަ ގަޑިއެއް ދެވޭ ފެންވަރުގެ މަހުޖަނުން މަދެއް ވެސް ނޫނެވެ. އެހެންވެ ނިހާން ހިންޓާއެކު ސޯޝަލް މިޑިއާ ކެކި އަރައިގަތީ، އެ ނަން ހޯދުން ބޮޑު ޗެލެންޖެއް ނަގައިގެނެވެ. އަދި ގަޑި ދިން ކަމަށް ބުނާ މީހުންގެ ނަން ލިސްޓު އިތުރަށް ދިގުވެ އެ ބަހުސްގެ އަޑު އިތުރަށް ގަދަވީ އެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރަކުން ވަނީ އެ ގަޑި ދެއްވި މީހާއާއި ބައެއް މައުލޫމާތުތައް ހިއްސާ ކޮށްފަ އެވެ. އަދި ނިހާންއަށް އެ ގަޑި ހަވާލު ކުރި އިރުގެ ފޮޓޮއެއް ވެސް ވަނީ ދޫކޮށްލާފަ އެވެ. އެ އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން ވެސް އެބަދެ އެވެ. އެ ފޮޓޯގައިވާ ގޮތުން ނިހާނަށް އެ ގަޑި ދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅެއްގެ ފިރިކަލުންނެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި މަނިކަކީ ހޮބީއެއްގެ ގޮތުގައި ރޮލެކްސް ހޯއްދަވައި ގަޑި އެއްކުރައްވާ ބޭފުޅެކެވެ. އަދި އޭނާގެ ގަޑި ކަލެކްޝަނުން ހަދިޔާގެ ގޮތުގައި ގާތް ރައްޓެހިންނަށް ގަޑި ހަދިޔާ ކުރައްވަ އެވެ. ނިހާންއަށް ވެސް އޭނާ އެންމެ ބޭނުންވެފައި ހުރި ރޮލެކްސްގެ "ސަބްމެރީނާ ބްލޫ" ސީރީޒްގެ ގަޑިއެއް މަނިކު ހަދިޔާ ކުރެއްވީ އެވެ. ނިހާން އަތުކުރީގައި އަޅާ އެ ގަޑީގެ އަގަކީ 11،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 169،620 ދިވެހި ރުފިޔާ އެވެ.