ބޮލީވުޑް

ސްރީދޭވީގެ ހަޔާތަށް ހަދާ ފިލްމަށް ވިދްޔާ ބާލަން

ދާދިފަހުން މަރުވި އިންޑިއާ ސިނަމާގެ ފުރަތަމަ އަންހެން ސުޕާސްޓާ ސްރީ ދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ބަޔޮޕިކް ފިލްމެއް ތައްޔާރުކުރާނެ ކަމަށް މީގެ ކުރިން ވަނީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފަ އެވެ.

އެ ފިލްމުގެ ލީޑަށް އަދި ފިލްމުގައި ސްރީ ދޭވީގެ ރޯލަށް ބޮލީވުޑްގެ މަގުބޫލު ބަތަލާ ވިދްޔާ ބާލަން ނަގަން ވާހަކަ ދައްކަމުން ދާކަމަށް ހަންސަލް ބުނެފި އެވެ. ސްރީ ދޭވީ ނިޔާވީ، ހަންސަލް އެނާއާއެކު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަން ވާހަކަ ދެއްކުމަށް ތާއްޔާރުވަމުން ދަނިކޮށެވެ.

އިންޑޯ އޭޝީއާ ނިއުސް ސާވިސްއަށް ދިން އިންޓަވިއުއެއްގައި ހަންސަލް ބުނީ އެ ޕްރޮޖެޓުގެ ވާހަކަ ސްރީދޭވީއާއެކު ދެއްކޭނެ ގޮތެއް ނުވުމާއި އޭނާއާކު ފިލްމެއް ނުހެދުމުން އަބަދުވެސް ދެރަވާ ކަމަށެވެ.

"އެކަމަކު އޭނާގެ ހަޔާތަށް އަހަރެން ފިލްމެއް ހަދާނަން." އޭނާ ބުންޏެވެ.

އެ ފިލްމާ ބެހޭގޮތުން ވާހަކަ ދެއްކިއިރު އޭނާ ހުރީ ފުން ވިސްނުމަކަށް ވެސް ގެނބިފަ އެވެ. ފިލްމާއި ގުޅޭ މާގިނަ މައުލޫމާތުތަކެއް އޭނާ ހާމަކޮށްފައެއް ވެސް ނުވެ އެވެ.

ފިލްމު ގެނެސްދޭނެކަން ޔަގީން ކޮށްދެމުން ހަންސަލް ބުނީ ފިލްމުގައި ސްރީ ދޭވީގެ ރޯލު ކުޅޭވެނެ ބައެއް އެކްޓަރުން އޭނާގެ ބޮލުގައި އެބަހުރި ކަމަށެވެ.

"އަހަރެން ވިދްޔާ ބާލަން އާއި ބައްދަލު ކުރާނަން. މި އަދި ފިލްމު ކޮންމެހެންވެސް ހަދާނަން،"

ސްރީ ދޭވީ ކުއްލި ގޮތަކަށް ނިޔާވީ މިދިޔަ ފެބްރުއަރީ މަހު 24 ގައި ދުބާއީގަ އެވެ. ސްރީ ދޭވީ އޭރު ހުރީ އޭނާގެ ފިރިމީހާއަށް ބޮޑުބެ ކިޔާ ކުއްޖެއްގެ ކައިވެންޏަށް ގޮށްސަ އެވެ. ސްރީ ދޭވީ ނިޔާވީ އޭނާ ދުބާއީގައި ހުރި ހޮޓަލުގެ ބިލިގާ ތެރެއަށް ގެނބިގެން ކަމަށް ދުބާއީގެ ފުލުހުން ކަށަވަރު ކޮށްދީފައިވެ އެވެ. ބޮޑު ޖަނާޒާއަކަށްފަހު ސްރީދޭވީގެ ހަށިގަނޑު އަންދާލީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.