(15 މާރިޗު 2018 އާ ގުޅޭ)
"އޮރެންޖުގައި ވެސް އޮއް ހުންނާނެ... ދެން ފަހަރަކުން އޮއްނަގާފައި ޖޫސްމޭކާއަށް ލާނީ... އޯކޭ" މަޑުމަޑުން ބުނެލާފައި ނިކަން ފުޅާ ހިނިތުންވުމެއް ނިމްރާއާ ރާދިން ބަދަލުކޮއްލިއެވެ. އަދި އަރްސަލްގެ ފަހަތުން އޭނާ ވެސް ނުކުންނަން ދިޔައެވެ.
އެޕާޓްމެންޓުގެ ދޮރު ލެއްޕުނު އަޑާއެކު ނިމްރާއަށް ހަމަޖެހިލެވުނެވެ. ރާދިންގެ ސަބަބުން ހިފެހެއްޓިފައި ހުރި ނޭވާ ބޭރުކޮއްލެވުނީ ދެނެވެ. ކައުންޓަރު މަތީ ހުރި އޮރެންޖު ޖޫސްތަށްޓަށް ނިމްރާ ބަލާލިއެވެ. އަދި އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.
"ހައު ކޭން އައި ބީ ދެޓް ސްޓުޕިޑް" ނިމްރާ ބުނެލިއެވެ. ދެފަރާތަށް މަޑުމަޑުން ބޯހޫރުވަމުން ނިމްރާ ތަށިތައް ނަގާ ސާފުކުރަން ފެށިއެވެ.
އަރްސަލްއާއި ރާދިންގެ މަސައްކަތްތައް އާދައިގެ ދުވަސްދުވަހަށްވުރެ ބުރަވެފައި މުޅި ދުވަހުހެން އަވަދިނެތި އުޅެން ޖެހުމުން ގޭގައި ނިމްރާ ހުރި ކަމެއް ވެސް އެމީހުން ހަނދާން ނެތްކަހަލައެވެ. މެންދުރުފަހު އެއްގަޑި ބައިވަނިކޮށް ދެ ޒުވާނުން ހުޅުމާލޭގެ ރެސްޓޯރެންޓަރަކަށް އެރީ ކީފާއާއެކު މެންދުރުގެ ކެއުމާއި މުހިންމު ލިޔެކިޔުންތަކެއްގެ މަސައްކަތް ނިންމުމަށެވެ. ގަޑިއެއްގެ އިރަށްވުރެ ގިނައިރު އެމީހުން އެކަމުގައި ހޭދަ ކުރިއެވެ.
"މިއަދު ދެން ބެއްބެއަށް މިއެއްޗެހި ފޮނުވާނެހާ ވަގުތެއްނެތް. އަދި ސްކޭންކޮއްފައި މެއިލް ކުރެވޭނީ... އެނީވޭޒް... ގުޑް ޖޮބް ކީފާ" އަރްސަލް އިނީ ހިތްހަމަޖެހިފައެވެ.
"ކީފާއަށް އެޕްރޯޗް ކުރެވުނުކަން އެއީ ސަޅި ނިންމުމެއް... އާފްޓާ އޯލް ވީ އާ ބެސްޓް ބަޑީޒް" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ.
"އަހަރެން މިރޭ ދާނަން... ކިހާ ދުވަހެއްވެއްޖެ އެންމެން ދިމާނުވާތާ. މި އަރްސަލް އަތުގައި ފޯނެއް އޮތަސް އޭނާ އަހަންނަށް ނޫން އެހެން އެންމެނަށް ގުޅާނެ. ކީއްތަވާނީ އެއްފަހަރު ވެސް އަހަންނަށް ގުޅާފައި ތިގެއަށް އަންނަން ދަޢުވަތު ދިނިއްޔާ. މިހާ ބޮޑު ކަމެއް އަހަރެން ނިންމާދިނީމަ އޮންނަންވާނެ އޭގެ ބަދަލު އިނގޭ" އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ގޮނޑީގައި ހަމަޖެހިލަމުން ކީފާ ވާހަކަދެއްކިއެވެ. އޭނާ ވެސް އިނީ އަރްސަލްއާއި ރާދިންގެ މަސައްކަތުގައި ބައިވެރިވެވުނީތީ ހިތްހަމަޖެހިފައެވެ. މި ދުވަސް އަންނާނޭ ކަމެއް ކުރިއަކުން އޭނާ އުންމީދެއް ނުކުރެއެވެ. ޚާއްޞަކޮއް އެ ތިންމީހުންގެ މެދުގައި އޮތް އެކުވެރިކަން ހީނަރުވީފަހުންނެވެ.
"ރާދު ގުޅިޔަސް އަހަރެން ގުޅުމެކޭ އެއްވަރުވާނޭ... ތޭންކްސް ކީފާ... ސީރިއަސްކޮއް ވެސް" އަރްސަލް ބުނެލިއެވެ.
"ޕީޒާ ޕާޓީއެއް ބާއްވަންވާނެއެއްނު... ނޫނީ ޓެރެސްގައި ބާބެކިއުއެއްތަ ބާއްވާނީ... ކީފް... އިޓްސް ޔޯ ޗޮއިސް" ރާދިން ބުނެލިއެވެ.
"އަހަންނަށް އޯކޭ ތި ދެގޮތް ވެސް. އަރްސަލްގެ ޚިޔާލަކީ ކޮބާ؟" ކީފާގެ ނަޒަރު އަރްސަލްއަށް ހުއްޓާލިއެވެ.
"ބާބެކިއުއެއް ބާއްވަމާ" ލިޔުންތައް އެއްކޮށް ފައިލެއްގެ ތެރެއަށް ލަމުން އަރްސަލް ބުނެލިއެވެ.
މޭޒު ދޮށުން ތިން މީހުން ތެދުވީ އެ މީހުންގެ ޕްރޮޖެކްޓް ކާމިޔާބުވެއްޖެނަމަ ވީ އެންމެ އަވަހަކަށް ބާބެކިއުއެއް ބާއްވާ ގޮތަށް ނިންމައިގެންނެވެ. މަގުމައްޗަށް ނުކުމެވުމުގެ ކުރީން ކީފާ ކުއްލިއަކަށް ރާދިންގެ އަތުގައި ހިފާ ހުއްޓުވިއެވެ. ހައިރާންކަން ލިބިގެން ދިޔަ ރާދިންއަށް ދެ ލޯ ބޮޑުކޮއްލެވުނީ ޤަބޫލުނުކުރެވިގެންނެވެ. ކީފާގެ ނަޒަރު ހުރީ ކުރިއަށް ހިނގަމުން ދިޔަ އަރްސަލްއަށް ހުއްޓިފައެވެ. އެ މީހުންނާ ތަންކޮޅެއް ދުރަށް އަރްސަލް ދިއުމުން ކީފާ އަވަސް އަވަހަށް ބަލާލީ ރާދިންއަށެވެ.
"އަރްސަލް މިހާރު އޯކޭހެން ހީވޭ... ނޫނީ އަހަންނަށް ހީވާ ގޮތަކީތަ؟" ކީފާގެ ހިތުގައިވާ އެއްޗެއް ހާމަ ކުރުމުން ރާދިންގެ ނަޒަރު ވެސް އަރްސަލްއާ ދިމާއަށް ދަތުރުކުރިއެވެ. ހިމޭންކަން އެކުލެވިފައިވާ ފަދަ ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ވިއެވެ.
"ރާދު... ޓެލް މީ... އަރްސަލް އޯކޭތަ؟" ކީފާ ހިފަހައްޓައިގެން ހުރި ރާދިންގެ އަތް ތަޅުވާލަމުން އޭނާގެ ސަމާލުކަން ދެވަނަ ފަހަރަށް ކީފާ ހޯދިއެވެ. އޭނާގެ މޫނުގައިވާ ކަންބޮޑުވުމުން ރާދިންއަށް ފެނުނީ ދެނެވެ. ކީފާގެ އަތާއި އަތް ވަކިކޮއްލާފައި ކިފާގެ ކޮނޑުގައި އަތް ޖައްސާލަމުން ރާދިން ހިނިތުންވެލައިގެން ހުރެގެން ބޯޖަހާލިއެވެ. ރާދިންގެ އެ ހަރަކާތުން ކީފާގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކީފާ ކުރިއަށް ހިނގައިގަތުމާއެކު ރާދިންގެ ތުންފަތުގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ.
ކީފާ ގެއަށް ލާފައި އަރްސަލްއާއި ރާދިން އެނބުރި އައީ އޮފީހަށެވެ. މޭޒުދޮށުގައި ހަމަޖެހިލައި ދެ މީހުންވެގެން ލިޔުންތައް ތަރުތީބުކުރުމަށްފަހު ބާސިތަށް ގުޅިއެވެ. ތިނެއްޖަހަން ވަގުތުކޮޅެއް އޮތުމުން ބާސިތު އެދުނީ މުހިންމު ޑޮކިއުމެންޓުތައް އޭނާއަށް އަވަހަށް މެއިލް ކުރުމަށެވެ.
ހަވީރު ފަހެއް ޖަހަން އުޅެނިކޮއް އޮފީސް ތަޅުލާފައި އަރްސަލްއާއި ރާދިން އެ މީހުން އުޅޭ އެޕާޓްމެންޓަށް ވަނެވެ. ދޮރު ހުޅުވާލުމާއެކު ދެ މީހުންގެ ނޭފަތުގައި ވެސް ޖެހުނީ ކޮންމެވެސް އެއްޗެއް އެނދުމުން ދުވާ ފަދަ ވަހެކެވެ. ދެ ޒުވާނުންނަށް ހުއްޓުން އެރީ ބަދިގޭގެ ތިރީ ކަބަޑުސެޓު ކައިރިން ކުއްލިއަކަށް ތެދުވި ނިމްރާ ފެނުމުންނެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައި ހުރި މީހަކު ހެނެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ.
"ކީއްކޮއްގެން ތިއުޅެނީ؟ ކޮންވަހެއް އެ ދުވަނީ؟" ހަރުކަށިކަމުން ފުރިގެންވީ އަރްސަލްގެ އަޑު އައެވެ.
"ކައްކަން... މެންދުރަށް..." ނިމްރާ ބުނަން އުޅެފައި ވެސް ހުއްޓާލީ ކަންވީގޮތް އަރްސަލްއަށް އެނގިއްޖެއްޔާ ރުޅި އަންނާނޭ ހިތަށް އަރާފައެވެ.
"އަރްސަލް" ރާދިން ގޮވާލައި ބޮލުން އިޝާރާތްކޮއްލީ އެތެރެއަށް ދިއުމަށެވެ. އަރްސަލް ހިނގައިނުގަނެފާނެތީ އޭނާގެ ކޮނޑުގައި ރާދިން އަތްއަޅުވާލިއެވެ.
"ޑާލިންގ... ކީއްކޮއްލައިގެން ތިއުޅެނީ" ހަދާނޭ ގޮތެއް ނޭނގިފައި ނިމްރާ ހުއްޓާ އިރުކޮޅެއް ފަހުން އޭނާގެ ގާތަށް އައީ ރާދިންއެވެ. އޮފީސް ހެދުން ބަދަލުކޮއްލައިގެން ޓީޝާޓަކާއި ޖީންސެއްގައި ރާދިން ހުރިއިރު އޭނާގެ ހަފޫޓު ހަތަރު އިންޗީގެ އިސްކޮޅުގައި މޮޑެލްއެއް ފަދައެވެ. އެހާ ގިނައިރު އޮފީހުގައި އުޅެފައި އައިއިރު ވެސް އޭނާގެ ހަތަރެސްކަން މޫނުގައި ވަރުބަލިކަމުގެ އަސަރެއް ނެތެވެ. ނިމްރާއާ ދާދި ގާތުގައި ހުއްޓިލައިގެން ހުރިއިރު އެ ދެ ލޮލުގެ ތޫނުފިލިކަން ނިމްރާގެ ސިކުނޑީގައި ވަންހަނާ ކުރާ ކަންކަން ދެނެގަތުމަށް ބާރުފޯރުވާ ކަހަލައެވެ.
"ޑާލިންގ... އައި އޭމް ވެއިޓިންގ... ބުނީމަ ދޯ އެހީވާން އެނގޭނީ" އަރްސަލްގެ އަޑުގައި ހުރި ގާތްކަން ނިމްރާއަށް މިފަހަރު ހަމަޖެހެން ފުރުޞަތު ދިނެވެ. ނަމަވެސް ބައެއްފަހަރަށް ރާދިންގެ އެ ގާތްކަންދެކެ އޭނާ ބިރުގަނެއެވެ. ރާދިންގެ ޢަމަލުތަކާއި އޭނާގެ ބަސްތަކުގައި ފޮރުވިފައިވަނީ ކީކޭކަން ދެނެގަންނަން ނިމްރާއަށް ނޭނގޭތީއެވެ.
"މެންދުރު ކައްކަން އުޅުނީ... އަހަންނަކަށް ކައްކާކަށް ނޭނގޭ... މަސް ފިހަން އުޅުނީމަ މަސްތައް ތަތްލެވީ. ކަޅުކުލަ އަރާފަ ހުރީ. ރިހަ ހެދީމަ އެއްވެސް ރަހައެއްނުލާ... ނޫން ކުޅި ރަހަލާ... އެ ހުރީ ފެންކޮއް... އެ ބަލާފަ އަރްސަލް ނުކާނެކަން އެނގޭ. އަލުން އެއްޗެއް ހަދަން އުޅުނީ. އަވަނަށް ލީމަ އެވެސް ހަލާކުވީ... ބަތް އެކަނި ރަނގަޅަށް ހުރީ. އަހަންނަކަށް ނޭނގުނު އަވަސް ސާފު ކުރާކަށް ވެސް" ނިމްރާ ކިޔައިދިނެވެ. އެ އަޑު އަހަން ހުރި ރާދިންގެ ހިނިތުންވުން ފުޅާވެގެންދިޔައެވެ. އަޑުވީއްލާ ނުހޭންވެގެން ތިރީ ތުންފަތުގައި އޭނާ ދަތްއަޅާ ހިފަހައްޓާލައިގެން ހުއްޓެވެ.
"ޔޫ އާ ރައިޓް... އަރްސަލްއަށް އެނގިއްޖެއްޔާ ވަރަށް ރުޅި އަންނާނެ. އަހަންނަށް ދައްކަބަލަ ތި ހެދި އެއްޗެއް" ހިނިގަނޑު އޮއްބާލަމުން ރާދިން ބުންޏެވެ. އެއާއެކު ނިމްރާ ތެއްޔާއި މަސްހަދާފައި އޮތް ތަވައެއް ދެއްކިއެވެ. އަދި އަވަން ތެރޭގައި އޮތް ޓްރޭ ދެއްކިއެވެ. ކައްކާފައި ހުރި ރިހަ ތެލި ބަލާފައި ރާދިންއަކަށް ނުހިފެއްޓުނެވެ. ޕަކަޕަކަލާފައި ހޭންފެށިއެވެ. އިރުކޮޅަކު ހުނުމަށްފަހު ނިމްރާއަށް އޭނާ ބަލާލިއެވެ. އެސްފިޔަ ޖަހާލުމެއްނެތި ރާދިންއަށް ބަލަން ނިމްރާ ހުރި ގޮތް ފެނި ހުނުންގަނޑު ވަގުތުން ފިލައިގެން ދިޔައެވެ. މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވި ނަމަވެސް ނިމްރާގެ ދެ ލޮލުގައިވާ އަސަރުތަކެއް އޭނާއަކަށް ނުފޮރުވުނެވެ.
"ސޮރީ... މަލާމާތް ކުރާކަށްނޫން އިނގޭ... ސޮރީ" ނިމްރާއާ ނަޒަރު އަމާޒުކޮއްލައިގެން ހުރެ ރާދިން މަޑުމަޑުން ބުނެލިއެވެ.
ރާދިން ހޭ އަޑު އިވިގެން އަރްސަލް ކޮޓަރިން ނުކުތީ ވާނުވާ ބަލާށެވެ. ނަމަވެސް އޭނާ ހުއްޓުނީ ރާދިން ހުނުން ހުއްޓާލާފައި މަޢާފަށް އެދުނު އަޑު އިވިގެންނެވެ. ފާރާނިވާވެލުމާއެކު އަރްސަލް މަޑުކޮއްލީ ނިމްރާއާއި ރާދިންގެ ދެމެދުގައި ދެކެވެނީ ކޮންވާހަކައެއްކަން އެނގެން ބޭނުންވެގެންނެވެ. ހެނދުނު ވެސް ރާދިން ސިއްރުން ކޮންމެވެސް ވާހަކައެއް ނިމްރާގެ ކަންފަތް ދޮށުގައި ދެއްކިކަން އަރްސަލް ދެނެހުއްޓެވެ. ނަމަވެސް އެކަމާ އަޅާނުލީ އެއީ ބޮޑުކަމެއް ނޫންކަން ޤަބޫލުކޮއްގެނެވެ.
"ކައްކާ ގޭތެރެ ސާފުކުރުމަކީ މެއިޑެއް ކުރާނެ ކަންކަން... ނޭނގޭއިރު ކީއްވެ އެއްބަސްވީ މިތަނަށް އަންނަން" ރާދިން އެހިއެވެ.
"އަހަރެން ނައީ ވިއްޔާ އަރްސަލް އަހަރެންގެ ފަހަތުން އައުން ހުއްޓާލާނެތަ؟ އެހެންނޫނަސް އަހަރެން ހުރި ހާލު އެނގޭނީ އަހަންނަށް. ކިރިޔާ ވެސް އެހެން ގޮތެއް އޮތްނަމަ ނާންނާނަން... އަހަރެން ވެސް މަސައްކަތް ކުރީމޭ އަރްސަލްއާ ކުރިމަތިނުލާ އިތުރުގޮތެއް އޮތްތޯ... އަހަންނަކީ އަންހެންކުއްޖެއް... އަހަރެން ދާނޭ ތަނެއްނެތް. ސަލާންޖެހުމަށްވުރެ ކޮންމެވެސް މަސައްކަތެއް ކުރަން އަހަރެން ބޭނުންވަނީ. އަހަންނަށް ކައްކަން މިހާރު ނޭނގުނަސް އަހަރެން ދަސްކުރާނަން... ބައެއް ކަންކަމާ ކުރިމަތިވީމަ އެނގޭނީ ދެންކަންތައް ކުރަންވީ ގޮތެއް. އެފަދަ ކަންކަމަށް ކުރީބައިގައި ތައްޔާރުވާކަށް އެންމެންނަކަށް ފުރުޞަތެއް ނުލިބޭނެ.... އެހެންވީމަ އަހަރެން ކަހަލަ އަންހެންކުއްޖަކަށް ޖަލަކަށް ލިޔަސް އެވާނީ ނަސީބަކަށް" އިސްޖަހާލައިގެން ހުރެ ނިމްރާ ބުންޏެވެ. ރާދިން އެއްޗެކޭ ނުބުނެ ނިމްރާއަށް ބަލަން ހުރީއެވެ. އެހެން ހުއްޓާ ނިމްރާ އިސްއުފުލާ އޭނާއަށް ބަލާލިއެވެ.
"ރާދިންއަށް ކައްކަން އެނގެއެއްނު... އަހަންނަށް ދަސްކޮއްދީފާނަންތަ؟ އަހަރެން ވަރަށް އަވަހަށް ދަސްކުރާނަން" ނިމްރާގެ ލޮލުން އަޖައިބެއްފަދަ ވިދުމެއް ރާދިން ދުށްޓެވެ. ބުނާނޭ އެއްޗެއް ނޭނގިފައި އިރުކޮޅަކު އޭނާ ހުރީއެވެ. ދެން މަޑުމަޑުން އެނބުރުނީ ނިމްރާއާ ދުރަށް ދިއުމަށެވެ. އެހިނދު ކުއްލިއަކަށް އޭނާގެ ވައަތު މުލައްދަނޑީގައި ނިމްރާ ހިފުމުން ހުއްޓެވުނެވެ.
"ޕްލީޒް... އަރްސަލްއަށް ޓަކައި... އަހަރެންގެ އަތުން އޭނާގެ ވައިފްއާއި ބޭބީ މަރުވީ. މަރުގެ އަގެއް އަހަންނަކަށް ދުވަހަކުވެސް އަދާއެއްނުކުރެވޭނެ. އެހެންވިޔަސް... އޭގެ ބަދަލު... ކޮންމެވެސް ސިފައެއްގައި އަހަންނަށް އަދާކުރެވޭތޯ މި ބަލަނީ... ޕްލީޒް ރާދިން..." ނިމްރާގެ އަޑުގައިވާ އާދޭސް ރާދިންގެ ހިތާ ހަމައަށް ފޯރިއެވެ. ނޫނެކާ ބުނާކަށް އޭނާއަކަށް ނުކެރުނެވެ. ލުއި ހިނިތުންވުމެއް ނިމްރާއަށް ބަދަލުކޮއްލުމާއެކު ރާދިން ބޯޖަހާލިއެވެ.
"އެހެންވާހަކައެއް ބުނަންތަ؟" ރާދިންގެ އަތުން ދޫކޮއްލުމާއެކު ނިމްރާ އަހާލިއެވެ.
"އަހާލަބަލަ" ރާދިން ބުނެލިއެވެ.
"ތި އެހީތެރިކަމުގެ ބަދަލު ރާދިން... ރާދިން ބޭނުންވިޔަސް... އަހަރެންގެ... އަހަރެންގެ ހަށިގަނޑެއް ނުދެވޭނެ" ހާސްވެފައި ހުރެ ނިމްރާ އުނދަގޫ ގޮތަކަށް ބުނެލިއެވެ. ނިމްރާ ބަލަން ހުރިއިރު އޭނާގެ ދެ ލޮލުން އެ ޔަގީންކަން ރާދިންއަށް ފެނުނެވެ. ލުއި ގޮތަކަށް ރާދިން ހީނލިއެވެ.
"އެހީތެރިކަމުގެ ބަދަލު ދޯ... އެކަން އިހަށް ފަހަށް ބާއްވަމާ... ވަގުތު ޖެހުނީމާ ބުނާނަން. މިވަގުތު އިހަށް ހިނގާ މިތަން ސާފު ކުރަމާ... އޯކޭ ޑާލިންގ! ރޯލް އަޕް ސްލީވްސް" ރާދިން މަޑުމަޑުން ދެއަތް ޖަހާލިއެވެ. އަދި ނިމްރާއަށް އިރުޝާދު ދޭން ތައްޔާރުވެލިއެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް ނިމްރާގެ ތުންފަތުގައިވީ ތަން ރާދިން ދުށްޓެވެ. އޭނާ އަވަހަށް މަސައްކަތައް އެނބުރި ލިއެވެ.
ފާރުގެ ނިވަލުގައި ހުރި އަރްސަލް އިރުކޮޅަކު މަޑުކޮއްލުމަށްފަހު ސިއްރުން ބަލާލިއެވެ. މަތީގައި ހުރި ކެބިނެޓް ތަކުގެ ސަބަބުން ނިމްރާގެ މޫނު ނުފެނުނު ކަމުގައި ވިޔަސް ރާދިންގެ އިރުޝާދުތަކާއެކު ބަދިގެ ތެރޭގައި ނިމްރާ ހަރަކާތްތެރިވާތަން އަރްސަލްއަށް ފެނުނެވެ. އެތަނުގައި ހުރުމުގެ ބަދަލުގައި އަރްސަލް އެނބުރި އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު އޭނާގެ ސިކުނޑީގައި ނިމްރާގެ ވާހަކަތައް ހަރުލާފައި ވިއެވެ. އަރްސަލްގެ އަނބިމީހާއާއި ދަރިފުޅުގެ މަރުގެ ވާހަކަ ބުނާ ކޮންމެ ފަހަރަކު ނިމްރާ ބުނަނީ އެއީ ގަޞްދުގައި ހިނގައިދިޔަ ކަމެއްނޫންކަމެވެ. އެކަމުގައި އޭނާގެ ކުށެއްނުވާކަމެވެ. އެކަމަކު މިއަދު އޭނާގެ ކަންފަތައް އިވުނީ ތަފާތު ކޮށެވެ. އަރްސަލްގެ އަނބިމީހާއާއި ދަރިފުޅުގެ މަރުގެ ޒިންމާ ޚުދު ނިމްރާގެ ބޮލުގައި އެޅިފައިވާކަން އޭނާ ޤަބޫލުކުރާކަން ހާމަކޮއްފިއެވެ. ނިތްކުރީގައި އަރްސަލްއަށް ހިފަހައްޓާލެވުނެވެ. މަޑުމަޑުން އައިސް އެނދުގައި އަރްސަލް އިށީނެވެ.
"އަރްސަލް ބޭނުންވީގޮތެއްނު އެއީ... އަރްސަލްއެއްނު ބުނީ ލޫންއާއި ދަރިފުޅުގެ މަރުގެ ޒިންމާ ނަގަންޖެހޭނީ ނިމްރާ ކަމަށް. އެމީހުންގެ މަރުގެ ބަދަލު ދޭންޖެހޭނީ ނިމްރާކަން ވެސް ނިންމީ ޚުދު އަރްސަލްއެއްނު... ދެން ކީއްވެ ޤަބޫލުނުކުރެވިގެން ތިއުޅެނީ... އަރްސަލް ބޭނުންވި ބަދަލު އެ އަންހެންކުއްޖާގެ ކިބައިން ހިފިދާނޭކަން ޔަގީންވެއްޖެއެއްނު... ދެން ކީއްކުރަން އެކަމާ ވިސްނަނީ" އަރްސަލްއާ ދެކޮޅަށް އޭނާގެ ޟަމީރު އަޑުލައިގަތެވެ. ދަތްތަކަށް ބާރުކޮއްލުމާއެކު އިހުނަށްވުރެ ބާރަށް ނިތްކުރީގައި އަރްސަލްއަށް ހިފަހައްޓާލެވުނެވެ.
"ވަރުބަލިވެއްޖެ ދޯ... ބަޓް ޔޫ ޑިޑް ގުޑް" ހުރިހާ ކަމެއް ނިންމާލާފައި ނިމްރާ އެނބުރިލުމުން ރާދިން ބުނެލިއެވެ. ޖަވާބަކަށް ނިމްރާ ކުޑަކޮށް ހިނިތުންވެލީއެވެ.
"މަޣުރިބު ނަމާދަށްފަހު އުޅޭނީ ޑިނާ ތައްޔާރުކުރަން. އައި ވިލް ބީ ހިއަ..." ކޮފީ ތަށްޓެއް ނިމްރާ ލައްވާ ހަދުވާފައި އެ ގެނެސް ކާމޭޒު މަތީ ބެހެއްޓުމުން ރާދިން ބުނެލިއެވެ.
"އަދި އެއްކަންތަ؟" ނިމްރާ ދިއުމުގެ ކުރީން ބުނެލިއެވެ.
"ޔެސް ޑާލިންގ..." ކާމޭޒު ދޮށުގައި އިން ރާދިން އޭނާގެ ފިރިހެންވަންތަ މަސްތީ ގޮތުގައި ބުނެލިއެވެ. ނިމްރާ ބިރުން ފިލަން ބޭނުންވާ ފަދަ ގޮތްތަކެއް މިފަހަރު އިހުސާސެއް ނުވިއެވެ. އޭގެ ބަދަލުގައި އޭނާ ހުރީ ރާދިން އޭނާއަށް އެހީވާތީ ވަރަށް ބޮޑަށް އުފާވެފައެވެ.
"ބޭރަށް ގޮސްފައި އެނބުރި އައިސް ކިހިނެއްވަންނާނީ... ދޮރުގެ ކީއެއް ނެތީމަ" ނިމްރާ އަހާލިއެވެ.
"އޯ!... ތިކަން ހައްލުކުރަން އެންމެ ރަނގަޅުވާނީ އަރްސަލް ގާތުގައި ބުނުން" ރާދިން ބުނެލިއެވެ. (ނުނިމޭ)