މުޒާހަރާ

މުޒާހަރާތަކުން ހައްޔަރުކުރި 20 މީހަކު އަދިވެސް ބަންދުގައި

ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް "ހުއްޓުވަން" ނަމުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 20 މީހަކު އަދިވެސް ބަންދުން ދޫނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ދެ ދުވަހުގެ މުޒާހަރާތަކުން ފުލުހުން ވަނީ 140ހަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. ހުކުރުދުވަހުގެ ރޭ އެކަނިވެސް 141 މީހަކު ހައްޔަރުކޮށްގެން ގެންދިޔަ އެވެ. ރޭ ހައްޔަރުކުރި މީހުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން މިއަދު ބުނީ ދެ ދެދުވަހުގެ މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާޜު ބަންދުގައި ތިބީ 20 މީހުން ކަމަށެވެ. އެއީ ހުކުރު ދުވަހުގެ ރޭ މުޒާހަރާއިން 15 މީހުން، ރޭގެ މުޒާހަރާއިން ފަސް މީހުންނެވެ.

ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ކުރި މުޒާހަރާއަށް ގިނަ ބަޔަކު އެއްވި އެވެ. މުޒާހަރާ ރަނގަޅަށް ނުފެށެނީސް ފުލުހުން ވަނީ އެއްވުމުގެ ބައިވެރިންނަށް ިންޒާރުދީ މީހުން ހައްޔަރުކުރަން ފަށާފަ އެވެ. މުޒާހަރާ ރޫޅާލަން އެކި ފަހަރުމަތިން ތަފާތު ބާރުގެ ބޭނުންކުރަން ފުލުހުންނަށް ޖެހުނު އިރު އިރާކޮޅު ފެށި އެ މުޒާހަރާ އެއްކޮށް ރޫޅައިލެވުނީ މެންދަމު 2:00 ހާއިރު އެވެ.