މުޒާހަރާ

މަޖިލިސް އިދާރާ ކައިރީ އިހުތިޖާޖެއްކޮށްފި

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި އެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ހިިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރި ގޮތާއި ގުޅޭގޮތުން ސުވާލު ކުރަން ހައުސިން މިނިސްޓަރު އަސްލަމް ހާޒިރު ކުރުމުން އެ ކޮމިޓީ އަޑު އަހަން ކޮމެޓީ ރޫމަށް ވަންނަން ބަޔަކަށް ކޮމެޓީ ރޫމަށް ވަދެވޭ ގޮތް ނުވެގެން ކަމަށް ބުނެ މަޖިލިސް އިދާރާގެ ކުރިމަތީގައި އަޑުއުފުލައި އިހުތިޖާޖެއް ކޮށްފި އެވެ.

މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމަށް ވަންނަން ދިޔައީ "އާންމުންގެ އެކުވެރި ޖަމިއްޔާ" އަށް ނިސްބަތްވާ ބައެކެވެ. އެ ޖަމިއްޔާއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހިޔާ މަޝްރޫއުގައި އަޅާފައިވާ ފްލެޓްތައް ދޫކޮށްފައިވާ ގޮތާއި ގޯތި ބޭނުން ވެގެން އުޅޭ މީހުންގެ ހައްގުގައި ވާކާލަތު ކުރަން އުފައްދާފައިވާ ޖަމާއަތެކެވެ. އެ ޖަމާއަތުން ވަނީ ކޮމިޓީގައި ބައިވެރިވާން މަޖިލިސް ކުރިމައްޗަށް ދާން އިއްޔެ ޓްވީޓެއް ވެސް ކޮށްފަ އެވެ.

އެ މީހުން ދިޔަ ނަމަވެސް ފުރަތަމަ 20 މީހުނަށް ފުރުސަތު ދިނުމަށް ފަހު އެޗްޕީއޭގެ ގަވައިދަށް ފެއްތުމުގެ ގޮތުން އެ އަދަދު މަދު ކުރަމުން ގޮސް ވަދެވޭނީ ފަސް މީހުނަށް ކަމަށް މަޖިލީހުގެ އިދާރާއިން އެންގި އެވެ. އެހެންވެ އެކަމާ ހިތްހަމަ ނުޖެހިގެން އެ ފަރާތްތަކުން މަޖިލިސް އިދާރާގެ ދޮރުމަތީގައި އިހުތިޖާޖެއް ކުރީ އެވެ.

ނަމަވެސް ފުލުހުން ވަނީ ގާތްގަނޑަކަށް 50 މީހުން ބައިވެރިވި އެ އިހުތިޖާޖް އެއްވުމުގެ ބައިވެރިވެރިން ފަހަތަށް ޖައްސައި އެއްވުން ވަނީ ރޫޅާލާފަ އެވެ.

އިހުތިޖާޖް ކުތި މީހުންގެ ތެރެއިން މީހަކު ބުނީ ފުލުހުން އެ މީހުން ފަހަތަށް ޖެއްސީ ކޮމެޓީއަށް ނުވެއްދުމުން ފޮޓޯއެއް ނަގަން މަޑުކޮށްލުމުން ކަމަށެވެ. އަދި ފަހުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ މީހުންނާ ބައްދަލު ކުރައްވާ މައުލޫމާތު އޮޅުން ފިލުއްވާ ޝަކުވާތައް ބައްލަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކޮށްފައިވާ ގޮތާއިމެދު އާންމުންގެ އެތައް ޝަކުވާތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެކަމާ ސުވާލު ކުރަން ކޮމިޓީއަށް މިނިސްޓަރު އަސްލަމްގެ އިތުރުން ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ހާޒިރު ކޮށްފަ އެވެ.