ރާއްޖޭގައި ތަންފީޒު ކުރުމަށް ކަންތައްތަކެއް ހުށަހަޅައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލަމެންޓުން ރާއްޖެއާމެދު ފާސްކޮށް ނެރެފައިވާ ގަރާރުގައި ގޮވާލާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދިވެހިންގެ އަގީދާއާ އިސްލާމީ އުސޫލުތަކާ ހިލާފު ކަންތައްތަކެއްވާ ކަމަށާއި އެ ގަރާރަށް ތާއީދު ކުރުމުން ދުރުވެގަތުމަށް އިސްލާމީ ކަންތައްތަކާބެހޭ ފަތުވާ މަޖިލީހުން ގޮވާލައިފި އެވެ.
އީޔޫގެ ގަރާރުގައި އިސްލާމްދީނާ ހިލާފު ކަންތައްތަކެއް ހިމަނައި އެއަށް އަމަލު ކުރުމަށް ރާއްޖެއަށް ބާރު އަޅާފައިވާތީ އެކަމާ ބެހޭގޮތުން ފަތުވާ މަޖިލީހުން މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ދީނާ ފުށުއަރާ ގޮތަށް ގަރާރުގައި ހިމަނާފައިވާ ބައެއް ކަންކަން ތަފްސީލު ކޮށް ދެއްވާފަ އެވެ.
އެގޮތުން ދީނުގެ އަސާސްތަކާ ހިލާފުވާ ގޮތަށް އީޔޫގެ ގަރާރުގައި ހިމަނާފައިވާ ތިން ކަމެއް އެ މަޖިލީހުން ފާހަގަކުރި އެވެ. އޭގެ ތެރޭގައި، ރާއްޖޭގައި އިސްލާމްދީނުގެ އިތުރަށް އެހެން ދީންތަކަށް ޖާގަ ދިނުމަށް އަންގައި ހުށަހަޅާފައި އޮތް އޮތުމާއި، އެއް ޖިންސުގެ ގުޅުންތަކަށް ރާއްޖޭގައި ފުރުސަތު ލިބޭ ގޮތަށް ހުށަހަޅާފައި އޮތް އޮތުމާއި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ހުށަހަޅާފައި އޮތް އޮތުން ހިމެނެ އެވެ.
މި ކަންކަމަކީ ކީރިތި ގުރުއާނުގައި ސަރީހަ އިބާރާތުން އަމަލުކުރަންޖެހޭ ސީދާ ގޮތް އަންގަވާފައިވާ ކަންތައްތަކަކަށް ވާއިރު މުސްލިމުންގެ ހައިސިއްޔަތުން ގަރާރުގައިވާ ގޮތަށް އަމަލު ކުރުމެއްނެތް ކަމަށް ފަތުވާ މަޖިލިހުން މިއަދު ވަނީ ބުނެފަ އެވެ.
"ރާއްޖެއަކީ މީގެ 900 އަހަރުން ފެށިގެން އިސްލާމްދީނުގެ އުސޫލުތަކުގެ މަތީގައި އޮތް ގައުމެއް. އެހެންވީމާ ހުރިހާ އެންމެންގެ ވާޖިބެއް ދީނުގެ ކަންކަން ކުރިއަރުވައި ދީނުގައި އަންގަވާ ކަންކަން ނެގެހެއްޓުމަކީ. މާތް ﷲ ވަހީކުރައްވާފައިވަނީ، ދީނަކީ އިސްލާމްދީން ކަމަށް، އެހެންވީމާ އެހެން ދީނެއްގެ ފިކުރަކަށް، ނޫނީ އެހެން ދީނެއް ރަމްޒު ކޮށްދޭ ފައްޅިއެއް މިތާނގައި އެޅުމެއް ނެތް،" ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދް އިބްރާހިމް ވިދާޅުވި އެވެ.
ޝައިހު ރަޝީދު ވިދާޅުވީ ޔަހޫދީންނާއި ނަސޯރާއިން މުސްލިމުންނަށް ހެޔޮ ނޭދޭނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށާއި މި ޒަމާނުގައި މިސާލު ނަގަން ބޭނުންނަމަ ތުރުކީ އަކީ ދިރި އޮތް މިސާލެ ކަމަށެވެ.
އެ މަޖިލީހުން ވަނީ ހާލުގައި ޖެހިފައިވާ މުސްލިމް ގައުމުތަކުގެ ތާރީހުން އިބްރަތް ހާސިލް ކުރުމަށް ވެސް ގޮވާލާފަ އެވެ. އަދި ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ނަމުގައި ދީނާ ހިލާފުކަންކަން ރާއްޖެއަށް ގެންނަން ބޭރުގެ ފަރާތްތަކުގައި އެދި އެފަދަ ކަންކަމަށް ހިއްވަރު ދިނުމުން ދުރުވެގަތުމަށް ގޮވާލަމުން ބުނީ ރައީސް އަބްދުﷲ ޔާމީން، ރާއްޖޭގައި އިސްލާމްދީނުގެ އުސޫލުތައް ތަންފީޒު ކުރަން ހިއްވަރުދެއްވާ ކަމަށެވެ.
އީޔޫ ޕާލަމެންޓްގެ ގަރާރުގައި ހިމެނޭ އިސްލާމް ދީނާ ފުށު އަރާ ކަންކަމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ރައްދުދީ ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތެއް ނެތް ކަމަށް ބުނެފައެވެ.