ހަބަރު

ހަސަން ސައީދަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ، ޝަރީއަތް މާދަމާ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަށް ގާނޫނަށް ހުރަސް އެޅުމުގެ ދައުވާކޮށްފި އެވެ. އެ ދައުވާގެ ޝަރީއަތް ވަނީ މާދަމާއަށް ތާވަލުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ހަސަން ސައީދުގެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޝަރީއަތް ފެށުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށެވެ.

ހަސަން ސައީދުގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ބުނެ އެވެ. އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހަސަން ސައީދު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަނެވެ. ނަމަވެސް ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވަ އެވެ. އޭގެފަހުން އޭނާ ހޯދުމަށް ވެސް ފުލުހުން އިއުލާންކުރި އެވެ. ނަމަވެސް ފުލުހަށް ހާޒިރުވެފައެއް ނުވެ އެވެ.

ހަސަން ސައީދު ހައްޔަރުކުރީ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އޭނާއާ ދެކޮޅަށް އެކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާފައެއް ނުވެ އެވެ.

ހަސަން ސައީދާއެކު އޭނާގެ ގާތް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. އެ ދެ ފަނޑިޔާރުންނަށް ވެސް ކުރަނީ ރިޝްވަތު ހިފައިގެން ވަކި ގޮތަކަށް ހުކުމްތައް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.