ހޮލީވުޑް

އޭވަ ޑުވަނޭ ސުޕަހީރޯ ފިލްމެއް ޑައިރެކްޓް ކުރަނީ

ޑިޒްނީ ޕިކްޗާސް އިން މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމު "އަ ރިންކަލް އިން ޓައިމް" ގެ ޑައިރެކްޓަރު އޭވަ ޑުވަނޭއަށް ސުޕަހީރޯ ފިލްމެއް ޑައިރެކްޓުކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އެވާއަށް ޑައިރެކްޓު ކުރުމުގެ ފުރުސަތު ލިބިފައި ވަނީ ޑީސީ ކޮމިކް ކެރެކްޓާސްގެ ސުޕަހީރޯ ފިލްމު "ދަ ނިއު ގޯޑްސް" އެވެ.

މި ފިލްމު ވެގެންދާނީ އަންހެން ޑައިރެކްޓަރަކު ޑައިރެކްޓުކުރާ ދެ ވަނަ ބޮޑު ސުޕަހީރޯ ފިލްމަށެވެ. ސުޕަހީރޯ ފިލްމެއް ޑައިރެކްޓުކުރި ފުރަތަމަ އަންހެން ޑައިރެކްޓަރަކީ "ވޮންޑާ ވުމަން" ގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް އެވެ. ޕެޓީ އަންނަނީ މިއަހަރު ނިކުންނަ ވޮންޑާ ވުމަންގެ ސީގުއެލް ފިލްމުގައިވެސް މަސައްކަތްކުރަމުންނެވެ.

އަ ރިންކަލް އިން ޓައިމްއަށް ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ބޮކްސް އޮފީހުގައި މިހާރު އޮތް އެންމެ ބޮޑު ފިލްމު "ބެލްކް ޕެންތާ" އަށްފަހު އެންމެ ވިޔަފާރީ ރަނގަޅީ މި ފިލްމުގެ އެވެ.

މިއަހަރު އޮސްކާއަށް ނޮމިނޭޓުވި އެވާ އަކީ މިހާތަނަށް ހޮލީވުޑްގައި 100 މިލިއަން ޑޮލަރުގެ ބަޖެޓެއްގެ ފިލްމެއް (އަ ރިންކަލް އިން ޓައިމް) ޑައިރެކްޓުކުރަން ފުރުސަތު ލިބުނު ހަމައެކަނި ކަޅު ނަސްލުގެ އަންހެން ޑައިރެކްޓަރެވެ. ކަޅު ނަސްލުގެ އަންހެން ޑައިރެކްޓަރަކަށް ހޮލީވުޑްގައި މިހާ ބޮޑު ބަޖެޓެއްގެ ފިލްމެއް ޑައިރެކްޓުކުރަން ފުރުސަތެއް ލިބުމަކީ ނާދިރު ކަމެކެވެ.