ހޮލީވުޑް

"ސްކޭންޑަލް" ގެ ފަހު އެޕިސޯޑު ޝޫޓުކޮށް ނިންމައިފި

ދިވެހިންގެ މެދުގައިވެސް މަގުބޫލު އެމެރިކަން ޓީވީ ޕްރޮޑިއުސާ ޝޮންޑާ ރައިމްސްގެ ޝޮންޑަލޭންޑުން ގެނެސްދޭ ސިޔާސީ ޑްރާމާ ސީރީޒް "ސްކޭންޑަލް" ނިމުމަކަށް އަންނަނީ އެވެ. އެ ސީރީޒްގެ އެންމެފަހު އެޕިސޯޑު މިހާރު ވަނީ ޝޫޓުކޮށް ނިންމާފަ އެެވެ.

ޝޫޓިން ނިންމާލުމަށްފަހު އެ ސީރީޒްގެ ކާސްޓު އެންޑް ކްރޫ ވަނީ ވްރެޕް އަޕް ޕާޓީއެއްވެސް ބާއްވާފަ އެވެ. އެ ޕާޓީއަށް ސްކޭންޑަލް ސިލްސިލާ ފެށިގެން މިހާތަނަށް އައިރު އެކި މަސައްކަތްތައްކުރި ގިނަ އަދަދެއް މެމްބަރުން ބައިވެރިވެފަވެ އެވެ.

ސްކޭންޑަލްގެ ލީޑު އެކްޓާ ކެރީ ވޮޝިންގްޓަންގެ ރޯލު "އޮލިވިއާ ޕޯޕް" އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޖޫޑީ ސްމިތްވެސް ބައިވެރިވެފައިވެ އެވެ. ޖުޑީ ވަނީ ސްކޭންޑަލްގެ ކޮންސަލްޓެންޓެއް އަދި އެގްޒެކެޓީވް ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފަ އެވެ.

ފަހު އެޕިސޯޑު ޝޫޓުކޮށް ނިމިގެންދިޔައީ ކާސްޓާއި ކްރޫއަށް ފުން އަސަރުތަކެއްކޮށް ރޮއްވާލާފަ އެވެ. ޝޫޓިން ނިންމާލުމަށްފަހު ކާސްޓާ ކްރޫ ސީރީޒްގެ މި ބޮޑު ދަތުރުގައި އެމީހުނަށް ކުރެވުނު ތަޖުރިބާއާއި އެންމެ ހަނދާންވާނެ ކަންކަން ޓުވިޓާ މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފައިވެ އެވެ.

"ވަރަށް ބައިވަރު ކަރުނަ. ވަރަށް ބައިވަރު ލޯބި. އެއިން ކޮންމެ ސިކުންތަކަށް އަބަދުމެ ޝުކުރުވެރިވާނަން." ސްކޭންޑަލްގެ ކްރިއޭޓާ އަދި ޕްރޮޑިއުސާ ޝޮންޑާ ރައިމްސް ބުނެފައިވެ އެވެ. ޝޮންޑާ ވަނީ އެ ސީރީޒްގެ މަންޒަރުތައް ނަގަން ބޭނުންކުރި ބައެއް ސެޓުތަކުގެ ފޮޓޯތައްވެސް ހިއްސާކޮށް އަސަރުގަދަ މެސެޖުތަކެއް ފޮނުވާފަ އެވެ.

ސްކޭންޑަލްގެ ކާސްޓުން ފެނިގެންދާ ގިނަ ތަރިންވެސް ވަނީ ތަފާތު ފޮޓޯތަކާއެކު އަސަރުގަދަ މެސެޖުތަކެއް ފޭނުންނަށް ފޮނުވާފަ އެވެ.

ކާމިޔާބު ހަ ސީޒަނަކަށްފަހު މިހާރު ހަތް ވަނަ ސީޒަން ދައްކަމުން އަންނަ މި ސީރީޒްގެ އެންމެފަހު އެޕިސޯޑު ދައްކާނީ އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.