ހަބަރު

އިބޫ ދޫކޮށްނުލާކަން އައިޕީޔޫގެ ވަފުދަށް ސާފުކޮށްދީފި

އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދޫކޮށްލި ކަމަށް އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ވަަފުދު ކައިރީ ވިދާޅުވެފައި ނުވާނެ ކަމަށާއި އެ ބޭފުޅުންނަށް އެކަން އޮޅިވަޑައިގަތުމުން މިހާރު އެކަން ސާފުކޮށްދީފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ އައިޕީޔޫގެ ވަފުދާ ޕީޕީއެމްގެ ވަފުދުން ބައްދަލު ކުރުމުން އިބޫ ދޫކޮށްލާފައިވާ ކަމަށް ނިހާން ވިދާޅުވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެނެވެ. އިދިކޮޅު ފަރާތްތަކުން ބުނީ އެ ވަފުދުން އެމްޑީޕީގެ ޕީޖީއާ ބައްދަލު ކުރެއްވި އިރު އިބޫ ދޫކޮށްނުލާ ކަމަށް ބުނުމުން އެ ވަފުދުން ހައިރާންވި ކަމަށެވެ.

އެކަމާ ގުޅިގެން ނިހާން "އަވަސް"އަށް މިއަދު ވިދާޅުވީ އިބޫ ދޫކޮށްލި ކަމަށް އޭނާ އެއް އިރެއްގައި ވެސް ވިދާޅުވެފައި ނޯންނާނެ ކަމަށެވެ. ނަމަވެސް އާންމު ގޮތެއްގައި މަޖިލީސް މެންބަރުން ދޫކޮށްލާތީ، އިބޫ ވެސް "ދޫކޮށްލަފާނެ" ކަމަށް ވިދާޅުވި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އެކަން ވެސް ބޮޑުކޮށްލަނީ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އިބޫ އަކީ އެހެން މަޖިލީސް މެންބަރުންހެން މަގު މައްޗައް ނުކުމެ ދަނޑިބުރި ހިފައިގެން ހަޅޭއްލަވާ މީހެއް ނޫން، އެހެންވެ އިބޫގެ ވާހަކަ އެހީމަ އަޅުގަނޑު ބުނީ އޭނާ ދޫކޮށްލާނެއޭ، އެެއް އިރެއްގައި ވެސް އޭނާ ދޫކޮށްލައިފި އޭ ނުބުނަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެކަން އީޔޫއަށް އޮޅިވަޑައިގެންފައިވެދާނެތީ އެ ވަފުދަށް ގުޅުއްވާ އިބޫ ދޫކޮށްނުލާކަން ސާފުކޮށްދީފައިވާ ކަމަށެވެ.

އިބޫ ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި "ހުއްޓުވުން" މުޒާހަރާގެ ތެރެއިންނެވެ. އޭނާަ ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުން ކަމުގެ ތުހުމަތަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.