ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާސް" އަކީ ގިނަ ބައެއްގެ ހިތްތައް ފަތަހަކުރި ފިލްމެކެވެ. އެ ފިލްމު ހިންދީ ރީމޭކްއެއް ހެދުމުގެ މަސައްކަތް މިހާރު ބޮލީވުޑް އިން ވަނީ ފަށާފަ އެވެ.
އެގޮތުން ހިންދީ ރީމޭކްގައި ލީޑުން ފެނިގެންދާނެ ދެ ތަރިން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ބަތަލްއަކަށް ފެނިގެންދާނީ ސުޝާތް ސިންހް ރާޖްޕުތްކަން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ފިލްމުގައި ފެނިގެންދާނެ ބަތަލާގެ އޮތީ ސިއްރުކޮށްފަ އެވެ.
ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ މިހާރު ވަނީ ބަތަލާއަކަށް ފެނިގެންދާނެ ތަރި ކަށަވަރުކޮށްދީފަ އެވެ. މި ފިލްމުގެ ބަތަލާއަކަށް ފެނިގެންދާނީ "ރޮކްސްޓާ" އަދި "ހިންދީ މީޑިއަމް" އިން ފެނިގެންދިޔަ ތަރި ސަންޖަނާ ސާންގީ އެވެ. ސަންޖަނާ ބަތަލާއަކަށް ނެގިކަން ޗަބްރާ ކަށަވަރުކޮށްދިނީ އޭނާ ކުރި ޓުވީޓެއްގަ އެވެ.
ސަންޖަނާ ބަތަލާއަކަށް ހަމަޖެއްސުމާއި ގުޅިގެން ސުޝާންތުވެސް ވަނީ ޓުވީޓެއްކޮށްފަ އެވެ. އެ ޓުވީޓުގައި ސުޝާންތު ބުނެފައި ވަނީ ސަންޖަނާ އޭނާ އާއެކު ފިލްމުގައި ފެނިގެންދާނެ ކަމަށާއި އަދި ސަންޖަނާގެ މަސައްކަތް ބަލާލަން ވަރަށް ބޭނުންވާ ކަމަށެވެ.
ހޮލީވުޑްގައި 2014 ވަނަ އަހަރު ހިޓުވި ދަ ފޯލްޓް އިން އަވާ ސްޓާސްގެ ހިންދީ ރީމޭކް ޕްރޮޑިއުސްކުރަނީ ފޮކްސް ސްޓާ ސްޓޫޑިއޯސް އިންނެވެ. މި ފިލްމުގެ ޝޫޓިން މިއަހަރު މެދު ތެރޭގައި ފަށާނެ އެވެ. މި ފިލްމަކީ މޫކޭޝް ޗަބްރާގެ ފުރަތަމަ ޑައިރެކްޝަންވެސްމެ އެވެ.
ފިލްމުގެ މިއުޒިކު ތައްޔާރުކޮށްދިނުމަށް އޮސްކާ ހޯދާފައިވާ ލަވަކިޔުންތެރިޔާ އޭއާރް ރަހުމާނު މިހާރު ވަނީ އެއްބަސްވެފަ އެވެ.
ދަ ފޯލްޓް އިން އަވާ ސްޓާސްއަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯން ގްރީންގެ ވާހަކައެކެވެ. މި ވާހަކައަށް ތައްޔާރުކުރި ހޮލީވުޑް ފިލްމު ޑައިރެކްޓުކުރީ ޖޯޝް ބޮނީ އަދި ޕްރޮޑިއުސްކުރީ 20އެތް ސެންޗުރީ ފޮކްސް އިންނެވެ. އެ ފިލްމުގެ ލީޑުން ފެނިގެންދިޔައީ ޝެއިލިން ވުޑްލީ އަދި އޭންސެލް އެލްގާޓް އެވެ. އެ ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ ކެންސަރުޖެހިފައިވާ ޒުވާން އަންހެން ކުއްޖަކަށް ސަޕޯޓު ގުރޫޕެއްގެ ތެރެއިން ފިރިހެން ކުއްޖަކާ ދިމާވެ އެ ދެމީހުނަށް ލޯބިވެވުމެވެ.