ހަބަރު

ވަކީލުންނަށް ނޭނގި ޝަރީއަތް ނިމެންދެން ރިޔާޒު ބަންދުކޮށް މާފުއްޓަށް

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކޮށްފައިވާ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ. ރިޔާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް މިހާރު ހިންގަމުންދާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގަ އެވެ.

އިއްޔެ އެ މައްސަލާގައި އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމަކީ ރިޔާޒަށް ވަކީލަކު ހޯދަން ދިން ފަސް ދުވަހުގެ މުއްދަތު ހަމަނުވަނީސް ބޭއްވި އަޑުއެހުމެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ. އިއްޔެގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ވަކީލަކު ހޯދުމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.

ރިޔާޒުގެ ވަކީލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޔާޒުގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަކި އަޑުއެހުމެއް ބޭއްވި ކަމަށާއި ވަކީލަކު ހޯދަން ދެ ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ވަކީލަކާ ނުލާ އަދި ވަކީލަކަށް އެންގުމެއް ވެސް ނެތި ބޭއްވި އަޑުއެހުމެއް ކަމަށެވެ. އެ އަޑުއެހުމުގައި ގާޒީ ނިންމެވީ އެ މައްސަލާގެ ޝަރީއަތް ނިމެންދެން ރިޔާޒު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކަމަށެވެ. އެހެންވެ އޭނާ މިހާރު ވަނީ ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.

ވަކީލުންގެ މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ރިޔާޒުގެ މައްޗަށް ޝަރީއަތް ހިންގާ މައްސަލައަކީ ކޯޓަށް ހުށަހަޅާފައިވާތާ ގިނަ ދުވަސްތަކެއްވެފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލާގެ ބާވަތުން ރިޔާޒު ބަންދުގައި ނުބެހެއްޓުމަށް މީގެކުރިން ނިންމާފައިވާ ކަމަށެވެ. އެހެން އޮތްވާ ވަކީލެއްގެ ފުރުސަތު ނުދީ ކުއްލިއަކަށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ގާނޫނާ ހިލާފު ބަންދަކަށް ރިޔާޒު ގެންދެވުން ކަމަށް ވަކީލުން ވިދާޅުވި އެވެ.

ރިޔާޒު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިފައިވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށާއި އެކަމުގައި ބައިވެރިވި އެންމެންގެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ. އެގޮތުން އެެމަކުގައި ބައިވެރިވި ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ.

އިއްޔެއާ ހަމައަށް ރިޔާޒު ބަންދުގައި ދޫނިދޫގައި ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި ރިޔާޒަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރާ ތުހުމަތަކީ ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.