ކުޅިވަރު

ކޯޗިން ސްޓައިލްގައި މުޅިން ތަފާތު ދެބެން!

މިއީ ކުރީގެ ގަދަ ބާރު ވިކްޓަރީގެ ތެރެއިން އައި ދެ ކޯޗުންނެވެ. އެއްބަނޑު އެއްބަފާ ދެބެންނެވެ. ކުޅުންތެރިޔެއްގެ ކެރިއާގައި ދެ މީހުންވެސް އެންމެ ބޮޑަށް ފާހަގަވީ ވިކްޓަރީގެ ތެރެއިންނެވެ. ސުޒޭން އާއި ނަޒީހް އަކީ ފުޓްބޯޅައިގެ އާއިލާއަކުން އައި ދެ މީހުންނެވެ. އެ މީހުންގެ ބޭބެ އަހްމަދު ރިޔާޒު (ގާނާ) އަކީ ވިކްޓަރީގެ ގޯލްކީޕަރު ޓްރެއިނަރެވެ. ކޮއްކޮ ޝިނާޒު (ޝިނާ) އަކީ ކުރިން ވިކްޓަރީއަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ އަކީ ވިކްޓަރީގެ މިހާރުގެ ބޯޑު މެންބަރެކެވެ.

މި ހަތަރު ބެއިން ވިކްޓަރީގައި 2012 ވަނަ އަހަރު އެއްކޮށް މަސައްކަތް ކުރި އެވެ. ސުޒޭން އަކީ ޓީމުގެ ހެޑްކޯޗެވެ. އޭނާގެ އެސިސްޓެންޓަކަށް ހުރީ ނަޒީހެވެ. ގާނާ އަކީ ގޯލްކީޕަރު ޓްރެއިނަރެވެ. ޝިނާ އަކީ ޓީމުގެ ކުޅުންތެރިޔެކެވެ. ހަތަރު ބެއިން ވިކްޓަރީ އާ މިހާބޮޑު ގުޅުމެއް އޮތަސް، ބައްޕަ އަލީ ހަސަން އިސްވެ އުފެއްދީ ކުލަބު އީގަލްސް އެވެ، އޭނާ އަކީ އީގަލްސްގެ އެންމެ އިސް މުއައްސިސެވެ.

މާލޭ ލީގްގައި މިރޭ ގްރީން ސްޓްރީޓާއި ޔުނައިޓަޑް ވިކްޓަރީގެ ކުރިމަތިލުން އެންމެ ހާއްސަ ވަނީ ސުޒޭން އާއި ނަޒީހް ދެ ޓީމުގައި ތިބީމަ އެވެ. މި ދެ ކޯޗުން އެންމެ ފަުަރަތަމަ ކުރިމަތި ލުމަކަށްވީ 2016 ވަނަ އަހަރު ދިވެހި ލީގްގައި މާޒިޔާ އާއި ވިކްޓަރީގެ ކުރިމަތިލުމުގަ އެވެ. އެ މެޗުގެ ކުރިން 'އަވަސް' އިން ވާނީ އެ ދެބެންގެ ކުރިމަތިލުމާ ބެހޭގޮތުން ޕްރިވިއުއެއް ގެނެސްދީފަ އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ސުޒޭން އަށްވުރެ ކުރިއަށް ދިޔައީ ނަޒީހެވެ. އޭނާ އަކީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރެވެ. ނަމަވެސް ކޯޗިންގައި ސުޒޭން އުޅެނީ މާކުރީގައެވެ. ގިނަ ތަށިތަކެއް ހޯދައި އޭނާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ނަމަވެސް މިވަގުތު މާލޭ ލީގް ތާވަލުގައި ނަޒީހް އޮތީ ސުޒޭން އަށް ވުރެ ކުރީގަ އެވެ.

ދެ ބެން އެއް ގެއަކުން ނިކުމެގެން މެޗަށް އަޔަސް ދަނޑުމަތީގައި ބޭނުން ކުރާ ޓެކްޓިކްސްތަކަށް ބަލާއިރު ދެ ކޯޗުންވެސް މުޅިން ތަފާތެވެ.

"އަޅުގަނޑާއި ބޭބެ [ސުޒޭން] ކޯޗިންގައި ސްޓައިލް މުޅިން ތަފާތު ވާނެ،" ނަޒީހް ބުންޏެވެ. "އަޅުގަނޑުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗަށް ވާން ނަމަވެސް ތަށީގެ ގޮތުން ބޭބެ އަތުލެވޭ ވަރަށް ވުރެ ބޭބެ އުޅެނީ މާ ކުރީގައި."

އޭނާ ހުރި ހިސާބަށް ނަޒީހްއަށް ދެވިދާނެތޯ ސުވާލު ކުރުމުން ސުޒޭން ބުނީ، ގަދަ ހިތްވަރަކާއެކު މަސައްކަތް ކޮށްފިނަމަ ނަޒީހްއަށްވެސް އެހިސާބަށް ވާސިލު ވެވޭނެ ކަމަށެވެ.

ދެކޯޗުންގެ ސްޓައިލަށް ބަލާއިރު ސުޒޭން ޓެކްޓިކްސް ބޮޑަށް ބިނާ ވަނީ ދެ އަރިމަތިން ހަލުވި ކުޅުންތެރިން ބޭނުން ކޮށްގެން ހަމަލާ އުފެއްދުމުގެ މައްޗަށެވެ. މި ސީޒަންގައި ނަޒީހް އޭނާގެ ޓީމު މެދުތެރެ ބޭނުން ކޮށްގެން ހަމަލާ އުފައްދަން މަސައްކަތް ކުރެ އެވެ. އޭނާ ކުޅުނު ދެ މެޗު އޭނާ ކާމިޔާބު ކުރިވެސް މިޑްފީލްޑްލައިނުން ޓީމުގެ ބިދޭސީ ފޯވަޑަށް ބޯޅަ ސަޕްލައިކޮށްދިގެންނެވެ.