ހޮލީވުޑް

"އެވެންޖާސް: އިންފިނިޓީ ވޯ"ގައި ޕީޓާ ޑިންކްލެޖް

މާވެލް ސްޓޫޑިއޯސް އިން މީހާރު ގެނެސްދިނުމަށް ތައްޔާރުވަމުންދާ ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ގައި "ގޭމް އޮފް ތްރޯންސް" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރި ޕީޓާ ޑިންކްލެޖް ފެނިގެންދާނެކަން ކަށަވަރުވެއްޖެ އެވެ.

އެ ފިލްމުގެ އާ ޓްރެއިލާއާއެކު ދޫކޮށްލި އާ ޕޯސްޓަރުގައި ޕީޓާގެ ނަން ވަނީ ޖަހާފަ އެވެ. ނަމަވެސް އޭނާ ފެނިގެންދާނީ ކޮން ރޯލަކުން ކަމެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

މީގެކުރިންވެސް ސުޕަހީރޯ ޒޯންރާގެ ފިލްމަކުން ޕީޓާ ފެނިގެންގޮސްފައިވެ އެވެ. އެއީ 2014 ގައި ނިކުތް ފިލްމު "އެކްސްމޭން: ޑޭސް އޮފް ފިއުޗާ ޕާސްޓް" އިންނެވެ.

އެވެންޖާސްއަކީ މާވެލްގެ ފުރަތަމަ ފިލްމު ނިކުތްތާ 10 އަހަރު ފަހުން، އެ 10 އަހަރު ތެރޭގައި މާވެލް ސިނެމަޓިކް ޔުނިވާސް އިން ފައްކާކުރި މާވެލްގެ ހުރިހާ ސުޕަހީރޯތަކެއް ބޭނުން ކޮށްގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު "އަޔަން މޭން" ނިކުތް ހިސާބުން ފެށިގެން ވެސް ޕްލޭން ކުރެވެމުން އައިސްފައިވާ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯ އިން މިހާތަށް ގެނެސްދޭނެ އެންމެ ބޮޑު ފިލްމެވެ.

ސިނަމާތަކުގައި މި ފިލްމު ދައްކަން ފަށާނީ އަންނަ މަހު 27 އިން ފަށައިގެންނެވެ.