(18 މާރިޗު 2018 އާ ގުޅޭ)
"ބޭރަށް ގޮސްފައި އެނބުރި އައިސް ކިހިނެއްވަންނާނީ... ދޮރުގެ ކީއެއް ނެތީމަ" ނިމްރާ އަހާލިއެވެ.
"އޯ!... ތިކަން ހައްލުކުރަން އެންމެ ރަނގަޅުވާނީ އަރްސަލް ގާތުގައި ބުނުން" ރާދިން ބުނެލިއެވެ.
މަޑުމަޑުން ބޯޖަހާލާފައި ނިމްރާ އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ކާމޭޒު މަތީ ހުރި ކޮފީ ޖޯޑު ނަގަމުން ރާދިން ތެދުވިއެވެ. އަދި އެތެރެއަށް ދިޔަ ނިމްރާ އޭނާގެ ކޮޓަރިއަށް ވަންނަން ދެން ބަލަން ހުރެފައި ސިޓިންރޫމުގައި ހުރި ސޯފާގޮނޑިތަކުން ޓީވީއާ ކުރިމަތިވާ ގޮތަށް ހުރި ބޮޑު ސޯފާގައި އިށީނެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ޓީވީ ހުޅުވާލިއެވެ. ނަމަވެސް ރާދިން ގޮނޑީގައި ލެނގިލި ގޮތުން އޭނާގެ ސަމާލުކަން ހުރީ ޓީވީއަކަށް ނޫންކަން އެ މޫނުމަތިން ފާޅުވަމުންދިޔައެވެ. ލޯ ހުޅުވައިގެން އިނދެ އޭނާ އެހެން މަންޒަރުތަކެއް ބަލަމުންދާ ފަދައެވެ. އެހެން އިންނަތާ އިރުކޮޅެއް ފަހުން ރާދިންއަށް ފެނުނީ ދުވަންދާ ޓީޝާޓާއި ސޯޓުގައި އަރްސަލް ނުކުމެގެން އަންނަތަނެވެ. އޭނާ އަނގައިން ބުނުމެއްނެތި ދޮރުކައިރީ ހުރި ކަބަޑުން ބޫޓު ނަގައި އެއަށް އެރުމަށްފަހު އެޕާޓްމެންޓުގެ ދޮރުހުޅުވާލައި ނުކުތީއެވެ.
މަޣުރިބު ނަމާދަށް ގޮވަންވާއިރަށް ފެންވަރައިގެން ރާދިން ނުކުތީ މިސްކިތަށް ދާށެވެ. އެޕާޓްމެންޓުން ނުކުތުމުގެ ކުރީން އަރްސަލްގެ ކޮޓަރި ބަލާލިއެވެ. އޭނާ ފެންނަން ނެތުމުން އަދިވެސް ގެއަށް ނާންނަނީކަން އެނގުނެވެ. ނިމްރާ ކޮބާތޯ ބަލާލަން ހިތަށް އެރިއެއްކަމަކު ރާދިން އަމިއްލައަށް އެކަމުން މަނާވެ ގަތީއެވެ. އަދި ހަލުވިކޮށް އެޕާޓްމެންޓުން ނުކުތެވެ.
ދުވެ ނިންމާލި އިރު އަރްސަލްގެ ސިކުނޑިއަށް ލުއިވެފައި ވެއެވެ. ސިޑީގެ ހަރުފަތްތަކުން ދުވެފައި އަރްސަލް އެރިއެވެ. އެޕާޓްމެންޓަށް ވަން އިރު ސިޓިންރޫމުގައި ހުޅުވާފައި ހުރި ދޮރުތައް ލައްޕަން ނިމްރާ އުޅެއެވެ. ހުޅުވާފައި ހުރި ޓީވީއިން ބަންގި ދުޢާ ކިޔާ އަޑު މުޅި އެޕާޓްމެންޓުގައި ހަރުލާފައި ހުއްޓެވެ. މައްޗަށް ވާގޮތަށް އިސްތަށިގަނޑު އޮމާންކޮއްލާފައި ނިމްރާ ހުރުމުގެ ސަބަބުން މޫނުމަތި ފުރިހަމައަށް ފެންނަން ހުއްޓެވެ. ސޯފާތަކާ ދިމާލުގައި ހުރި ދެ ކުޑަދޮރުން ކުރެ ނުލެއްޕި ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑު ދަމާލި ގޮތަށް މައިދޮރުހުޅުވާފައި އެތެރެއަށް ވަން އަރްސަލްއަށް ނިމްރާގެ ނަޒަރު ހުއްޓިފައި ހުއްޓެވެ. އެއްފައިން އަނެއްފައިގެ ބޫޓުކިބަ ނައްޓާލަމުން ފައި ހިއްލާލާ ގުދުވެލައިގެން އޮވެ އިސްޓާކީނު އަރްސަލް ބޭލިއެވެ. ދެ އިސްޓާކީނު ބާލާ ނޭފަތާ ކައިރިކޮއްލާފައި ދުރުކޮއްލަމުން ނިމްރާއާ ދިމާއަށް އެނބުރުނެވެ. ކަނާތުން ނިމްރާއަށް އިޝާރާތްކޮއްލީ އަރްސަލްގެ ގާތަށް އަންނާށޭ ބުނުމަށެވެ. އެއާއެކު މަޑުމަޑުން ނިމްރާ އައެވެ. އޭނާއަށް ނުހުއްޓެވެނީސް އަރްސަލްގެ އަތުގައި އޮތް ދެ އިސްޓާކީނު ނިމްރާއާ ދިމާއަށް އެއްލިއެވެ.
"އަހަރެންގެ އެއްޗެހި ދޮންނަންވެފައި ހުރީ... ތަންމަތި ވެސް ބަދަލުކުރާތި" އަރްސަލް ބުނެލިއެވެ. ނިމްރާގެ މޭގައި ޖެހުނު އިސްޓާކީނުތައް ހިފަން އުޅުމުގައި އެއް އިސްޓާކީނު ތިރިއަށް ވެއްޓުމުން އަވަހަށް އެ ނަގައި އަރްސަލްއާ ކުރިމަތިލިއެވެ. އިތުރު އެއްޗެކޭ ނުބުނެ އަރްސަލް ހިނގައިގަތުމުން އޭނާގެ ފަހަތުން ނިމްރާ އައެވެ.
"މިހާރަކު ނޫން... އަހަރެން ފެންވަރަން މިއުޅެނީ... ރޭގަނޑު ކައިގެން އެކަން ކުރޭ" ކޮޓަރިއަށް ވަދެފައި އަރްސަލް އެނބުރިލީ އޭނާގެ ފަހަތުގައި ނިމްރާ ހުރިކަން އެނގޭތީއެވެ. މިފަހަރު އަރްސަލްއާއެކު ކޮޓަރިއަކަށް ނިމްރާ ނުވަދެއެވެ. އަރްސަލްގެ ހުއްދަނެތި އެ ކޮޓަރިއަށް ނުވަންނަން އޭނާ ނިމްރާ ގާތު ބުނި ހަނދާނެއް ނުނެތެވެ. ބޯޖަހާލާފައި ނިމްރާ ހިނގައިގަތީ އަތުގައި އޮތް އިސްޓާކީނު އެއްޗެހި ދޮންނަ ބައިގައި ހުރި ވަށިގަޑަށް ލާށެވެ.
ރޭގަނޑުގެ ކެއުމަށް ނިމްރާއާއި ރާދިން ވެގެން ތައްޔާރު ކުރީ ތަރުކާރީ ބަތާއި ފިހުނު މަސްކޮޅެކެވެ. އެއާއެކު ރަޝިއަން ސެލެޑެކެވެ. އެއްޗެހި ކޮށާނޭ ގޮތާއި ލޮނު ހެޔޮވަރު ކުރާނޭ ގޮތާއި ކެއްކުމުގައި ގިނި މަޑުކޮށް ގަދަކުރާނޭ ހާލަތްތައް ނިމްރާއަށް ރާދިން ކިޔައިދިނެވެ. މުޅިން އަލަށް ކަމެއް ދަސްކުރާ ކުއްޖަކު ފަދައިން ނިމްރާގެ ޝައުގުވެރިކަން ރާދިންގެ ކޮންމެ ހަރަކާތަކާއި އޭނާ ދޭ ކޮންމެ އިރުޝާދަކަށް ހުއްޓިފައިވިއެވެ.
"ޔޫ ޑިޑް އިޓް ޑާލިންގ... ބަނޑުހައި ވެސް ވެއްޖެ..." އުނދުން ނިއްވާލުމާއެކު ނިމްރާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލި ހިނދު އޭނާގެ ގާތުގައި ހުރި ރާދިން ބުނެލި އަޑު އިވުނެވެ. އެނބުރި ރާދިންއަށް ނިމްރާ ބަލާލީ ނިކަން ފުޅާ ހިނިތުންވުމަކާއެކުއެވެ. ރާދިންގެ ބަސްތަކުން ނިމްރާއަށް ހިތްވަރު ލިބުނެވެ.
ސޯފާގައި އިން އަރްސަލްގެ ނަޒަރު ސިއްރުން ނަމަވެސް ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ނިމްރާއާއި ރާދިންއަށް ހުއްޓެވެ. ރަނގަޅަށް ކަމެއް ކުރެވޭ ކޮންމެ ފަހަރަކު ނިމްރާ ހިނިތުންވުމަކާއެކު ރާދިންއަށް ބަލާލައެވެ. އެއެއާއެކު ނިމްރާގެ ނިތްކުރިމަތިން އިސްތަށިގަނޑުގައި ރާދިން އަތް ހިންގާލައި އިސްތަށިތައް ހާވާލައެވެ. އެ މަންޒަރުތަކުން އަރްސަލްގެ ދެބުމަ ކައިރިވަމުންދިޔައެވެ. ނިމްރާގެ ތުންފަތުން ހިނިތުންވުމެއް ފެންނަ ކޮންމެ ފަހަރަކު އަރްސަލްއަށް ދަތްކުނޑިވިކާލެވެއެވެ. އުނގުގައި ބާއްވާލެވިފައި އޮތް ދެއަތްތިލަ އެއްއަތް އަނެއްއަތާ މަހާލައިގެން އިން އިރު އިނގިލިތަކުން އަތަށް ބާރުކުރަމުން ދިޔައެވެ. އޭނާ ހީވަނީ ނޭވާ ހާސްވަމުންދިޔަ މީހަކު ހެންނެވެ. މޫނުމަތިން ހިސާބެއްގެ ރަތްކަމެއް ފާޅުވަމުންދިޔައިރު ދެކަންފަތް ވެސް ރަތްވަމުންދިޔައެވެ. ތުނިތުނިކޮށް ހުރި ތުނބުޅި މަތިމަހުގައި ކުއްލިއަކަށް އަތް ހިންގާލުމާއެކު އަރްސަލް ކޮޅަށް ތެދުވިއެވެ. ހީވީ އޭނާގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ ހެނެވެ. ހަރުކޮށް ހިނގައިފައި އައިގޮތަށް ނިމްރާގެ ހިކަނދި މަސްގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. ނިމްރާއާއި ރާދިން ވެސް ތިބީ ހައިރާންވެފައެވެ.
"އަރްސަލް..." ހާސްވެފައި ރާދިން ގޮވާލިއެވެ. އެހިނދު ނިމްރާގެ އަތުގައި ހިފައިގެން ހުރި އަތް ނޫން އަނެއްއަތް އުފުލާލީ ވާހަކަނުދައްކާށޭ ރާދިންއާ ދިމާއަށް ބުނާ ފަދައިންނެވެ.
"މިހާރު ކިހިނެއްވީ؟... ނިމްރާގެ އަތުން..." ނިމްރާގެ ކޮނޑުގައި ހިފަން ރާދިން އުޅުނު ހިނދު އޭނާގެ އަތް އަރްސަލް ފޮޅުވާލުމުން ރާދިން ބުނަން އުޅުނު އެއްޗެއް ވެސް ނުބުނެވުނެވެ.
"ޑޯންޓް ޓަޗް ހާ... އަހަރެން ބުނާ ކޮންމެ ކަމެއް ކުރާން އޭނާ ގެނެސްފަ އެ ހުރީ" އަރްސަލްގެ ލޮލުގައިވާ ނުރުހުން ރާދިންއަށް ފެނުނެވެ. ނިމްރާގެ އަތުގައި ހިފައިގެން އަރްސަލް ހިނގައިގަތް ވަގުތު އެޕާޓްމެންޓުގެ ބެލް އަޅާލި އަޑު އިވުނެވެ. އެހިނދު ތިން މީހުންނަށް ވެސް އެއްފަހަރާ ބަލާލެވުނީ ދޮރާ ދިމާއަށެވެ. ނިމްރާގެ އަތުގައި ހިފަހައްޓައިގެން ހުރި ގޮތަށް އަރްސަލް ހުރީއެވެ. ދެވަނަ ފަހަރަށް ބެލްއަޅާލި އަޑު އިވުމާއެކު ރާދިން ހިނގައިގަތެވެ.
"ހޭ ރާދު... ކޮބާ އަރްސަލް... އަހަރެން ގުޅީ" ރާދިން ދޮރު ހުޅުވާލުމާއެކު އެތެރެއަށް ވަން ކީފާގެ ބަސް ހުއްޓުނީ ބަދިގެ ކައިރީ އަންހެންކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެން އަރްސަލް ހުރި ތަން ފެނިފައެވެ. އަރްސަލްގެ މޫނުމަތީގައިވި އަސަރުތައް އޭނާ ކީފާއަށް ފޮރުވާލުމަށް މޫނު އަނބުރާލި ނަމަވެސް ކީފާގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް އޭނާއާ ވަތްކެއްނުވިއެވެ. ނިމްރާގެ އަތުގައި ހިފާ ދަމާލަމުން އޭނާ ގޮވައިގެން އަރްސަލްގެ ކޮޓަރިއަށް ވަންތަން ފެނުމާއެކު ކީފާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
"ވަޓްސް ގޮއިން އޮން... ހޫ އިޒް ޝީ؟" ކުރިއަށް ފިޔަވަޅެއް އަޅާލެވުމާއެކު އަރްސަލްގެ ކޮޓަރިއާ ދިމާއަށް ބަލަން ހުރެ ކީފާ އަހާލީ އެތަނުގައި ހުރި ރާދިންގެ ގާތުގައެވެ.
"ރާދު!... ބުނެބަލަ... ކާކުތަ އެއީ؟... ކީއްވެ؟ ކީއްވެ އޭނާ ގޮވައިގެން އަރްސަލް ކޮޓަރިއަށް އެ ވަނީ؟... ރާދު!... ބުނެބަލަ... ޕްލީޒް" ލޮލަށް ފެނުނު މަންޒަރު ހަޤީޤަތަކަށް ނުވުމަށް ކީފާގެ އަވަސްވެފައިވާ ހިތް ބުނަމުންދިޔައެވެ. އެހެންވެ އެކަން ޔަގީން ކުރަން ރާދިންގެ ބަހެއް ހޯދަން ކީފާ ބޭނުންވީއެވެ. ނަމަވެސް ރާދިން އަނގަޔަކުން ނުބުންޏެވެ. އޭނާ ހިނގައިގަތީ ސޯފާއާ ދިމާއަށެވެ. އެހިނދު ކީފާ އޭނާ ހިފެހެއްޓިއެވެ.
"އަރްސަލް ގާތު އަހާ" އެއްވެސް އަސަރެއްނެތް ފަދަ ގޮތަކަށް ރާދިން ބުނެލިއެވެ. ހީވަނީ އޭނާގެ ޠަބީޢަތަށް ވެސް ބަދަލުތަކެއް އައިސްފައިވާހެނެވެ. އޭނާގެ އަތުން ކީފާގެ ދެއަތް ވަކިކޮއްލުމާއެކު ރާދިން އައިސް ސޯފާގައި އިށީނެވެ. އަދި ހުޅުވާފައި ހުރި ޓީވީގެ އިސްކުރީނަށް ނަޒަރު ހުއްޓާލި ގޮތަށް އިނެވެ. ކީފާ ވެސް މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ.
* * * *
ކޮޓަރިއަށް ވަދެވުމާއެކު ލައްޕާލި ދޮރުފަތުގައި ނިމްރާގެ ދެކޮނޑުގައި ހިފާ އަރްސަލް ޖައްސާލިއެވެ. ބިރުގެންފައި ހުރި މީހަކު ފަދައިން ނިމްރާގެ ދެ ލޯ ހުރީ ބޮޑުކޮއްލެވިފައެވެ. އަރްސަލް ކުރަން އުޅެނީ ކޮންކަމެއްކަން ނޭނގޭތީ ނިމްރާގެ މޭގައި އޮތް ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ފިނިވަމުން އައި ދެއަތްތިލަ ނިމްރާއަށް މުއްކަވާލައި ބާރުކޮއްލެވުނެވެ.
"އަރްސ..." ނިމްރާގެ އަނގައިގައި ހިފާ އަރްސަލް ފިތާލިއެވެ.
"ތި އަނގައިން އަހަރެންގެ ނަން ނުކިޔާށޭ ބުނީމެއްނު" ދަތްތަކަށް ބާރުލައިގެން ހުރެ އަރްސަލް ބުނެލިއެވެ. ނިމްރާ އޭނާގެ މޫނު އަނބުރާލަން މަސައްކަތް ކުރިއެވެ. އޭރު އަރްސަލްގެ މޫނު ކައިރިކަމުން ނޭވާގެ ހޫނުކަން ނިމްރާގެ މޫނަށް އިހުސާސް ކުރެވެމުންދިޔައެވެ. ދަތްތަކުގެ ތެރެއަށް ކޯ ވަންނަމުންދިޔަ ވަރަކަށް ވޭނުން ނިމްރާގެ ދެ ލޯ ފެންކަޅިވަމުންދިޔައެވެ. ދެއަތުން އަރްސަލް ދުރަށްލާން އޭނާގެ މޭގައި އަޅައި ކޮއްޕަން ވެސް ފެށުނެވެ. އެހެންނަމަވެސް އަރްސަލްގެ ހަށިގަނޑު އެކަތައިގެ ތަނބެއް ފަދައެވެ. އެންމެ ތަންފުކެއް ވެސް ގުޑުވައެއް ނުލެވުނެވެ. ލޮލުން ފޭދިގެން ކޯތާފަތުން ތިރިއަށް ފޭބި ކަރުނައާއެކު ނިމްރާ ދެ ލޯ މަރާލީ އަރްސަލްގެ ކުރިމަތީ ރޯން ބޭނުންނުވާތީއެވެ. އަރްސަލް އެހާ ވަރަށް ހިތްހަމަނުޖެހެންވީ ސަބަބެއް އެއްގޮތަކަށް ވެސް ނިމްރާގެ ވިސްނުމަކަށް ނައެވެ. ނިމްރާގެ ކަރުނައިގެ ފިނިކަން ކޯތާފަތުން ފައިބައިގެން އައިސް އަރްސަލްގެ އަތަށް އިހުސާސް ކުރެވުނު ހިނދު އޭނާ އަތް ދުރަށް ލިއެވެ. ނަމަވެސް ނިމްރާ ހުރީ ހަރަކާތެއްކޮއްލަން ޖެހިލުންވެފައެވެ. އަރްސަލް ދުރަށް ނުޖެހޭކަން ނިމްރާގެ މޫނަށް އޭރު ވެސް އެޅެމުންދިޔަ އަރްސަލްގެ ނޭވާއިން އެނގޭތީ ލޯ ހުޅުވާލަން ބޭނުންނުވެފައި ނިމްރާ ހުއްޓެވެ.
ކުއްލިއަކަށް އަރްސަލްގެ ކޮޓަރީގައި މީހަކު ޓަކިދިން އަޑު އިވުނެވެ. ނިމްރާ ސިހިފައި ދުރަށްދާން އުޅުނު ހިނދު އަރްސަލް އޭނާގެ ދެ ކޮނޑުގައި ހިފާ އަނެއްކާ ވެސް ދޮރާ ތަތްކޮއްލިއެވެ. ދެން އިވުނީ ކޮޓަރީގެ ބޭރުން ކީފާގެ އަޑެވެ. ނަމަވެސް އެ އަޑަށް އަރްސަލް ސަމާލުކަމެއް ނުދިނެވެ.
"މީގެ ފަހުން ހީނ ސަމާސާކުރާތަން އަހަންނަށް ފެނިގެންނުވާނެ... އަޑުއިވިއްޖެ" ނިމްރާގެ ކަންފަތް ދޮށުގައި އަރްސަލް ބުނެލީ ކިތަންމެ މަޑުން ނަމަވެސް އެ އަޑުގައިވި ހަރުކަށިކަމާއި އިންޒާރު ނިމްރާއަށް ނަގައިގަނެވުނެވެ. އަވަސްއަވަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
"ތި ލޯ ފުހޭ..." ނިމްރާގެ ލޮލާ ލޯ އަމާޒުކޮއްލައިގެން ހުރެ އަރްސަލް ބުނެލިއެވެ. އެއާއެކު އަވަސްއަވަހަށް ނިމްރާ ދެއަތުން ދެ ލޮލާއި މޫނު ފުހުނެވެ. އަރްސަލް ފަހަތަށް ފިޔަވަޅު އަޅާލީ ނިމްރާއާ ދުރަށް ޖެހިލުމަށެވެ.
"ތި ތުންފަތުން އެއްފަހަރު ވެސް ހިނިތުންވެގެން ނުވާނެ... ކަލެއަކަށް ހިނިތުންވުމުގެ ހައްޤެއް ލިބިގެނެއްނުވޭ. އެކަން ހަނދާން ބަހައްޓާތި" އަރްސަލް ދުރުގައި ހުރެ ބުނެލިނަމަވެސް އޭނާ ދިން އިންޒާރުގެ ވަރުގަދަކަން ނިމްރާގެ މުޅި ނަފްސަށް ވެސް އިހުސާސް ކުރެވުނެވެ.
"ދެން ދޭ... އަހަރެން ނުބުނަނީސް މިރޭ ކޮޓަރިން ނުނިކުންނާތި" އަރްސަލް ބުނެލިއެވެ. އެއާއެކު އެންމެ ސިކުންތެއް ވެސް މަޑުނުކޮށް ނިމްރާ ދޮރުހުޅުވާލިއެވެ.
އަރްސަލްގެ ކޮޓަރީގެ ދޮރުމަތީގައި ހުރި ކީފާ އަވަސްއަވަހަށް އެއްފަރާތްވެލީ ދޮރުހުޅުވާލާފައި މީހަކު ނުކުތުމުންނެވެ. އަނގަމަތީ އަތްއަޅައިގެން ހުރެ ދުވަމުން އެތެރޭގައި ހުރި ކޮޓަރިއަކަށް އެ އަންހެންކުއްޖާ ވަންތަން ކީފާ ދުށްޓެވެ. އެނބުރިލީއިރު ދޮރުމަތީގައި އަރްސަލް ހުއްޓެވެ. ނިތްކުރީގައިވި ދާތިކިތައް ފުހެލައި ބޮލުގައި އަތް ހިންގާލުމުގެ ސަބަބުން އޭނާގެ އިސްތަށިގަނޑު ހުރީ ހޭވިފައެވެ. މީހާ ހަމައަކަށް އެޅެން އަރްސަލް ލަމުން ދިޔަ ފުންނޭވާތަކާއެކު ކީފާގެ މެޔަށް ބާރުވެލިއެވެ. ހިތަށް ކުރެވުނު އާދަޔާ ޚިލާފު އިހުސާސާއެކު ހިންދިރުވާލިއެވެ. އަރްސަލްއާ ނަޒަރު ވަކިކޮއްލުން ފަސޭހަކަމަކަށް ކީފާއަކަށް ނުވިއެވެ.
"އެއީ ކާކުތަ؟" ސިކުނޑިއަށް ކުރަމުންދިޔަ ބާރާއެކު ވެސް ހަމަޖެހޭކަން ދައްކަމުން ކީފާ ސުވާލުކުރިއެވެ.
"އަހަރެން ކޮޓަރީގައިކަން އެނގޭއިރު ނުކުންނަންދެން މަޑުކުރިނަމަ" ކީފާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އަރްސަލް ބުނެލިއެވެ. އަދި ކޮޓަރިން ނުކުމެ ދޮރު ލައްޕާލާފައި ސިޓިންރޫމާ ދިމާއަށް ހިނގައިގަތެވެ. އަރްސަލްގެ ފަރާތުން ފެނުނު ކަންކަމުގެ މާނަ ނަގަންވީ ކޮންގޮތަކަށްކަމެއް ކީފާއަކަށް ނުވިސްނުނެވެ. އަޖައިބުވެފައި ހުރި މީހަކު ފަދައިން އަރްސަލްގެ ފަހަތުން ކީފާ އައެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެ އަންހެންކުއްޖާ ގޮވައިގެން އަރްސަލް ކޮޓަރިއަށް ވަދެ ކުރީ ކީއްކަމެއް އެނގެން ކީފާ ބޭނުންވަނީއެވެ. ކިތަންމެ ސުވާލެއް ކުރިޔަސް އަރްސަލް ޖަވާބު ދޭނީ އޭނާ ދޭން ބޭނުންވި ސުވާލަކަށްކަން ކީފާއަށް އެނގެއެވެ. (ނުނިމޭ)