ދިވެހި ސިނަމާ

"ތިޔަ ލޯތްބާ ދުރަށް" ޕޯސްޓާ ރިލީޒްކޮށްފި

މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓުކުރި ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ އޮފިޝަލް ޕޯސްޓަރު ދައްކާލައިފި އެވެ. ފިލްމުގެ އޮފިޝަލް ޕޯސްޓަރު ދައްކާލީ ރޭ ބީ ހައިވް ހޮޓެލްސްގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

އެ ހަފްލާގައި ފިލްމުގެ ލީޑުން ފެނިގެންދާ ބަތަލާ މަލީހާ ވަހީދު (މަލް) އަދި ފިލްމު ޕްރޮޑިއުސްކުރާ ޓެޕްކޯން މީޑިއާގެ ފަރާތުން ބޭފުޅުން ބައިވެރިވެފައިވެ އެވެ. އެ ހަފްލާގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ޔޫސުފް ޝަފީޢު (ޔޫއްޕެ) އަދި ޢަލީ ސީޒަން ބައިވެރިވެފައިވެ އެވެ. މީގެ އިތުރުންވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނާނު އެ ހަފްލާގައި ބައިވެރިވި އެވެ.

ލޯތްބާއި އައިލީ ކަންކަމާއި އަދި ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތައް ދައްކުވައިދޭ މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދާ (މަލް)، މަރިޔަމް ޝަހްޒާ (ޝަހޫ)، އަހްމަދު އަމަން (ޓޮމް) އަދި ލަންކާގެ ބަތަލާ އުދޭނީ އެވެ.

ތިޔަ ލޯތްބާ ދުރަށް ޓްރެއިލާ.

ލަންކާގައި ޝޫޓުކުރި މި ފިލްމުގެ ޑަބިންގެ މަސައްކަތް ނިންމާލާއި މިހާރު ކުރަމުންދަނީ ބެކް މިއުޒިކުގެ މަސައްކަތެވެ. ފިލްމުގެ ކެމެރާގެ މަސައްކަތްކޮށްފައި ވަނީ އަލީ ރަޝީދު (ގޮޅާ) އެވެ. ޓެކްނޯ މީޑިއާގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އަދި ޕްރޮމޯޝަނަލް ލަވައެއްވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ހަތަރު ލަވަ ހިމެނޭ މިި ފިލްމުގެ މިއުޒިކުގެ މަސައްކަތްކޮށްފައި ވަނީ ތިއްތި އެވެ.

ޓިކެޓްވެސް މިހާރު ވަނީ ބުކޮށްދޭން ފަށާފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް ޓިކެޓް ބޭނުންވާ ފަރާތްތަކަށް ބުކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހު ފަށާނެ އެވެ.

އޮލިމްޕަހުގެ އިތުރުން މި ފިލްމު ފުވައްމުލަކު، އައްޑޫ، ލ.ގަން އަދި ކުޅުދުއްފުށީގައިވެސް އަޅުވާނެ އެވެ. ލަންކާވެސް ފިލްމުދެއްކުމުގެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.