ބޮލީވުޑް

"ސިމްބާ" ގައި ސާރާ އަލީ ހާން

ބޮލީވުޑްގެ އެންމެ ކުޅަދާނަ ދެ ޑައިރެކްޓަރުން ކަމަށްވާ ކަރަން ޖޯހަރް އަދި ރޯހިތް ޝެއްޓީގެ ފިލްމު "ސިމްބާ" ގެ ލީޑު ބަތަލާއަކަށް ސާރާ އަލީ ހާން ހަމަޖައްސައިފި އެވެ. ކޮޕް ޑްރާމާ ފިލްމު ސިމްބާގެ ލީޑު ބަތަލަކަށް ނަގާފައި ވަނީ ރަންވީރު ސިންހް އެވެ.

ސާރާ އެ ފިލްމަކަށް ނަގާފައިވާކަން ފިލްމު ގެނެސްދޭ ދަރްމާ ޕްރޮޑަކްޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.

"ފިލްމުގެ ފުރަތަމަ ޕޯސްޓަރު ރިލީޒް ކުރުމާއެކު، ފިލްމުގައި ރަންވީރް ސިންހް އާއެކު ލީޑުން ފެނިގެންދާނީ ކޮން ބަތަލާއެއްތޯ ބަލަން ގިނަ ބަޔަކު ތިބީ ކެއްމަދުވެފަ. ފިލްމުގެ ލީޑަށް ބަތަލާއެއް މިހާރު ވަނީ ނަގާފަ. ރޯހިތް ޝެއްޓީ އަދި ކަރަން ޖޯހަރުގެ ފިލްމު ލީޑުން ފެނިގެންދާނެ ބަތާލާއަކީ ސާރާ ހާން. މި ފިލްމު ޑައިރެކްޓުކުރާނީ ރޯހިތް." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސައިފް އަލީ ހާން އަދި އަމްރިތާ ސިންހްގެ ދަރިފުޅު ސާރާއަށް ބޮލީވުޑަށް ތައާރަފުވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާއިރު
މި ފިލްމާއެކު އޭނާއަށް ބޮޑު ދެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ އެވެ. މީގެ ކުރިން ސާރާ ވަނީ ޑައިރެކްޓާ އަބީޝޭކް ކަޕޫރުގެ ލޯބީގެ ފިލްމު "ކެދަރްނާތް" ކުޅުމަށް އެބަސްވެފަ އެވެ. އަންނަ ނޮވެންބަރު މަހު 23 ގައި ރިލީޒްކުރާ ކެދަރްނާތުގެ ޝޫޓިންގް ވެސް މިހާރު ވަނީ ފަށާފަ އެވެ.

ރޯހިތްގެ ޝޭޓީ ޕިކްޗާޒް އަދި ކަރަންގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމު ސިމްބާއަކީ ޓެލުގޫ ފިލްމު "ޓެމްޕާ" ގެ ރީމޭކްއެކެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ ޑިސެމްބަރު 28 ގަ އެވެ.