ސަންފުލާވާއަކީ މިހާރު ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު މަލެކެވެ. ހާއްސަކޮށް މިހާރުގެ ދިވެހި ޒުވާން އަންހެން ކުދިން ގެ މެދުގައި ފޯރި ހުންނަ މަލެކެވެ. ލޯބިވެރިޔާއަށްވުރެ ސަންފުލާވާދެކެ ލޯބިވާ ކުދިން މިހާރު މާ ގިނަ ވާނެ އެވެ.
މިހެން ނުވާންވީ ސަބެބެއްވެސް ނެތެވެ. ރީނދޫ ކުލައިގެ އެ މަލަކީ ޗާލު މަލެކެވެ. ޗާލު އެކަންޏެއް ނޫނެވެ. އެ މަލުން ސިއްހަތަށްވެސް އެބަ ފައިދާތަކެއް ކުރެ އެވެ. ސަންފުލާވާގެ އޮށުގައި ހަށިގަނޑަށް ފައިދާކުރާނެ އެތަށް މިނަރަލާއި ވިޓަމިންސް އަދި ތެޔޮގެ ބާވަތްތައް ހިމެނެ އެވެ. އެހެންކަމުން ސަންފުލާވާދެކެ ލޯބިވުން ހައްގެވެ.
ކާޑިއޯވަސްކިއުލާ ސިއްހަތު ވަރުގަދަކޮށްދޭ
ސަންފުލާވާގެ އޮށުގައި ކާޑިއޯވަސްކިއުލާ ސިއްހަތު ނުވަތަ ހިތާއި ހަށިގަނޑުގައި ދައުރުވާ ލޭގެ ސިއްހަތު ހެޔޮގޮތުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ މުހިންމު ދެ ނިއުޓްރީޝަންގެ މާއްދާއެއް އެކުލެވެ އެވެ. އެ ދެ މާއްދާއަކީ ވިޓަމިން އީ އަދި ފޮލޭޓް އެވެ.
އާދައިގެ މޭޒުމަތީ ޖޯޑެއްގެ މެދު ޖޯޑުގެ ސަންފުލާވާގެ އޮށުގައި ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން އީގެ 60 އިންސައްތަ ހުންނާނެ އެވެ. ހަށިގަނޑަށް ބޭނުންވާ އަދަދަށް ވިޓަމިން އީ ލިބޭނަމަ ހިތުގެ ބަލިތަކުގެ ސަބަބުން އަވަހަށް މަރުވުމުން މީހާ ދުރުކޮށްދޭނެ އެވެ. ވިޓަމިން އީ އިން މީހާގެ ސިކުނޑީގެ ސިއްހަތު ދުޅަހެޔޮ ކޮށްދީ މިހާގެ ހަންގަނޑު ރަތްވުމާއި ދުޅަވުންފަދަ ކަންކަމުން ދުރުކޮށްދޭނެ އެވެ. ހަންގަނޑު ރަތްވުމާއި ދުޅަވުމުން ދުރުކޮށްދޭ އެހެން މާއްދާއެއް ކަމަށްވާާ ސެލެނިއަމްވެސް ސަންފުލާވާ އޮށުގައި އެކުލެވެ އެވެ.
ޕޮލޭޓް މާއްދާ އިންވެސް ކުޑައިރުން ފަށައިގެން މުސްކުޅި އުމުރަށް ދަންދެން މީހާގެ ކާޑިއޯވަސްކިއުލާ ސިއްހަތު ދުޅަހެޔޮޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ އެވެ. ފޮލޭޓް އިން ހަށިގަނޑުގައި ކާޑިއޯވަސްކިއުލާގެ މައްސަލަތަށް ކުރިމަތިކުރުވާ މާއްދާއެއް ކަމަށްވާ ހޯމޯސައިސްޓީން ދުޅަހެޔޮ މާއްދާއެއް ކަމަށްވާ މިތިއޯނައިންއަށް ބަދަލުވުމަށް އެހީތެރިވެދޭނެ އެވެ.
ހަށިގަނޑަށް ފައިދާވާ ކޮލެސްޓްރޯލް ލިއްބައިދޭ
ސަންފުލާވާގެ އޮށުގައި ގިނަ އަދަދަކަށް ފިޓޯސްޓެރޯލްސް އެކުލެވެ އެވެ. ފިޓޯސްޓެރޯލްސްގައި ސިއްހަތަށް ފައިދާކުރާ ކޯލެސްޓްރޯލްއާއި އެއްގޮތް މާއްދާތަކެއް އެކުލެވެ އެވެ.
މީގެ އިތުރަން ސަންފުލާވާގެ އޮށުގައި ގިނަ އަދަކަށް މެގްނީޒައަމްވެސް އެކުލެވެ އެވެ. މެގްނީޒިއަމް މާއްދާއަކީ ހިތުގެ ބަތިލަތާކައި، ނާރު ބަލިތަކުގެ އިތުރުން ދިފައީ ނިޒާމަށް ކުރިމަތިވާ އެކި މައްސަލަތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ މައްދާއެކެވެ. ހަށިގަނޑުގެ މަސްތަކާއި ކަށިތަަކަށްވެސް ދުޅެހޮޔޮ ގޮތުގައި ހުރުމަށް މެގްނީޒައަމް ބޭނުންވެ އެވެ.
އާދައިގެ މޭޒުމަތީ ޖޯޑެއްގެ މެދު ޖޯޑުގެ ސަންފުލާވާގެ އޮށުގައި ދުވާލެއްގެ މައްޗަށް ބޭނުންވާ މެގްނީޒިއަމްގެ 25 އިންސައްތަ ހުންނާނެ އެވެ.
މޫޑު ރަނގަޅު ކުރުމަށްވެސް ބޭނުންކުރެވިދާނެ
ސަންފުލާވާގެ އޮށުގައި ހިމެނޭ މެގްނީޒިއަމް އިން އިތުރު ފައިދާއެއްވެސް ކުރާނެ އެވެ. މީހާގެ މޫޑު ނުވަތަ އުދާސްކަން ކަނޑުވާލުމަށް ސަންފުލާވާގެ އޮށުން އެހީތެރިވާނެ އެވެ. މީގެ ސަތޭކަ ވަރަކަށް އަހަރު ކުރިން ޑިޕްރެޝަންއަށް ގޮސްފައިވާ ޕޭޝަންޓުންނަށް ފަރުވާއެއްގެ ގޮތުގައި މެގްނީޒިއަމް ސަލްފޭޓުދީފައިވެ އެވެ.
މެގްނީޒިއަމް ސަލްފޭޓުގެ ދުޅަހެޔޮކަމާއި އޭގެ ރައްކާތެރިކަމުގެ ސަބަބުން އެ މާއްދާ ބޭނުންކޮށްފައިވެ އެވެ. ނަފްސާނީ ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި މިހާރުވެސް މެގްނީޒިއަމްގެ މާއްދާ ބޭސްވެރިކަމުގެ ދާއިރާގައި ބޭނުންކުރެ އެވެ.
ސަންފުލާވާ އޮށް ކާން އެންމެ ރަނގަޅު ގޮތް
ސަންފުލާވާ އޮށް އާންމުކޮށް މީހުން ކައި އުޅެނީ ފިހެގެންނެވެ. ނަމަވެސް ސިއްހަތަށް ފައިދާނެ ގޮތަށް ކެއުމަށް އިސްކަންދިނުން މުހިންމެވެ. ސަންފުލާވާ އޮށް ފިހުމަށްފަހު ކާ އެހެން އެއްޗެއްގެ ތެރެއަށް އޮށްތަށް އަޅައިގެން ކެއުން ރަނގަޅު ވާނެ އެވެ. ޔޯގާޓް، ސީރިއަލް، ސެލެޑެއް ނުވަތަ ސޭންޑުވިޗެއް ކަހަލަ އެއްޗެއް ތެރެއަށް އަޅައިގެން ކެއުން ރަނގަޅުވާނެ އެވެ.
ސަންފުލާ އޮށުން ތައްޔާރުކޮށްފައި ހުންނަ ސަންފުލާވާ ސީޑް އޮއިލްއަކީވެސް ސިއްހަތަށް ފައިދާހުރި އެއްޗެކެވެ. ކާއެއްޗެހި ތައްޔާރުކުރާއިރު ސަފްވުލާވާ ސީޑް އޮއިލް ބޭނުންކުރާށެވެ.