ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރާނެ އެވެ.
ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރަނީ ކޮން ގަޑިއެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދު ކޮށްފައިވާ ރައީސް މައުމޫނަށް ތުހުމަތުތަކާ ގުޅިގެން ދެ ފަހަރެއްގެ މަތީން އެ މަނިކުފާނާ ފުލުހުން ސުވާލުކޮށްފައި ވެއެވެ.
ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ އިސް ގާނޫނީ ވަކީލު، މައުމޫން ހަމީދު ރާއްޖެ ވަޑައިގެން ނެތް ވަގުތެއްގައި އެއްވެސް ޝަރީއަތެއް ކުރިޔަށް ނުގެންދިޔުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުގެ ތުހުމަތަށެވެ. އަދި އެ މައްސަލަތަކުގެ ހެކި ފޮރުވުމުގެ ތުހުމަތުވެސް އެމަނިކުފާނަށް ކުރެ އެވެ.