ހަބަރު

ހެކި ފޮރުވުމުގެ ތުހުމަތު މައުމޫންއަށް ކޮށްފި: ވަކީލް

ތަހުގީގަށް ބޭނުންވާ ހެކި ފޮރުވުމުގެ ތުހުމަތު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ހެކި ފޮރުވުމުގެ ތުހުމަތު ކޮށްފައިވާކަން ފުލުހުން އަންގައިފި ކަމަށް އެމަނިކުފާނުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

މައުމޫން ހަމީދު މިއަދު ވިދާޅުވީ، ފުލުހުން މިއަދު ގުޅުމަށްފަހު އެކަން އަންގާފައިވާ ކަމަށެވެ. ފުލުހުން ކުރަނީ ހެކި ފޮރުވުމުގެ ތުހުމަތު ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ހެއްކެއްގެ ވާހަކަކަން ސާފުނުވާ ކަމަށެވެ.

މައުމޫން ހަމީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، މިހާތަނަށް ރައީސް މައުމޫނާއި އެ މަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްއާ އެއްވެސް ސުވާލެއް ތަހުގީގުގައި ކޮށްފައި ނުވާ ކަމަށެވެ.

"ސުވާލުތަކެއް ނުކުރައްވާ ކިހިނެއްތޯ ވިދާޅުވާނީ ތިމަންނަމެންނަށް ދަތި ކުރައްވަނީއޭ، ތިމަންނަމެންނަށް އެއްބާރުލުމެއް ނުދެއޭ، ކަނޑައެޅިގެން މި ބޭފުޅުންގެ ފަރާތުން އިންކާރު ކުރަން އެ ވާހަކަ، އެ ބޭފުޅުންނަށް ރައްދުވާ ގޮތަކަށް އެ ވާހަކައެއް ފުލުހުންނަށް ނުދެއްކޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ރައީސް މައުމޫންގެ އަނެއް ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ، ތަހުގީގުގައި އިތުރަށް ވާހަކަ ދެއްކޭނީ ސުވާލުކޮށްގެން ކަމަށެވެ. ސާފުކުރަން ބޭނުންވާ ކަމެއް ވެސް އެނގިގެން ކަމަށެވެ.

"ފުލުހުން އެބަ ބުނޭ ހެކި ނުދޭ ކަމަށް، އަޅުގަނޑުމެން ވަރަށް އެބަ މަސައްކަތް ކުރަން ހެކި ދޭން، އެކަމަކު ކޮން ހެއްކެއްތޯ ދޭނީ، ކަނޑައެޅިގެން އެބަ އިންކާރު ކުރައްވާ، އެ ހުރިހާ ކުށަކަށް އިންކާރު ކުރައްވާ، ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދޭން ވެސް ބޭނުންވޭ، އެކަމަކު ކޮން އެއްޗެއްތޯ ދޭނީ، ކިހިނެއްތޯ ހަދާނީ، އަޅުގަނޑުމެންނަށް ހެއްކެއް ނުވެސް އުފެއްދޭނެ، ފުލުހުންނަށްތާ ހެކި އުފައްދަން ވެސް މަސައްކަތް ކުރެވޭނީ، އެހެންވެ އެ ދައްކަވާ ވާހަކައަކީ އާންމުކޮށް ތަހުގީގުގައި ނޫޅުއްވާ ބޭފުޅުން ޕްރެސްއަށް އަރައި ވާހަކަ ދައްކަންވީމަ ދެއްކޭ ވާހަކަތަކެއް، އެ ބޭފުޅުންނަށް ތަހުގީގު ހިނގާ ގޮތް މާބޮޑު ސާފު ނުވާތީ،" ޝަމީމް ވިދާޅުވި އެވެ.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސްޕާސަން، އަހުމަދު ޝިފާން ވިދާޅުވީ، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން އެ މައްސަލައިގައި ހެކި ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކުން ތަހުގީގަށް ހުރަސް އަޅައި ފުލުހުންގެ ދައުރަށް ދަތިކުރި ކަމުގެ މައްސަލަ ބަލައި އެ މައްސަލައިގައި ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫންގެ މައްޗަށް މީގެކުރިން ކޮށްފައިވާ ތުހުމަތުތަކަކީ، ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކަމާ ގުޅޭ ބައެއް ލިޔެކިޔުންތައް ކަޅު ފޮއްޓަކުން ފެނުނު ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.