ކުޅިވަރު

ނިއުގެ ކުޅުންތެރިން ފުޓްސަލްއަށް ނުދާނެ

އޮފީސް ތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ފުޓްސަލް މުބުރާތުގައި، އެކިއެކި ޓީމުތަކަށް ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ލިސްޓް ކޮށްފައި ތިބި ނަމަވެސް އެ ކުޅުންތެރިން ފުޓްސަލްއަށް ނުދާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ކުލަބު މޯލްޑިވްސްގައި، ވާދަ ކުރާ ޓީމުތަކަށް ފުޓްސަލް ކުޅެން ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން ދޫކޮށްލަން ޖެހުމުން ކުލަބުތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. ފުޓްސަލް ކުޅެފައި އައިސް ޓީމުތަކުގެ ފަރިތަކުރުން ތަކުގައި އެ ކުޅުންތެރިންނަށް ރަނގަޅަށް ފޯކަސް ނުކުރެވޭކަން ޓީމުތަކުން ފާހަގަ ކުރި އެވެ.

މިދިޔަ އަހަރު އެ މައްސަލަ ކުރިމަތިވުމުން، އެފްއޭއެމުން ވަނީ ފުޓްސަލް އާއި ފުޓްބޯޅަ ވަކި ކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މި އަހަރުގެ މުބާރާތަށް ދިޔައިރުވެސް އެކަމަށް އެކަށީގެންވާ ހައްލެއް ހޯދިފައެއް ނުވެ އެވެ. ނިއު ރޭޑިއަންޓުން އެޅި ފިޔަވަޅަކީ އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް އެކަމަށް ފުރުސަތު ނުދިނީ އެވެ. މި އަހަރަކީ ނިއު އޭއެފްސީ ކަޕުގައި ވާދަ ކުރާ އަހަރެވެ. އެހެންވެ ކުޅުންތެރިން އެކަމަށް ފޯކަސް ކުރުން ނިއު އަށް ވަރަށް މުހިންމެވެ.

"އެ ކުޅުންތެރިން ހިމަނާފައި ހުއްޓަސް އެ ކުޅުންތެރިން ނުފެންނާނެ ކުލަބު މޯލްޑިވްސްއަކުނެއް." ނިއުގެ އެސިސްޓެންޓް ކޯޗް އަޝްރަފް ލުތުފީ (ސަމްޕަތު) ބުންޏެވެ.

މާލޭ ލީގްގައި މިއަދު ހަވީރު ނިއު ނިކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ސަމްޕަތު ބުނީ އީގަލްސް އަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި އެ ޓީމާ ދެކޮޅަށް ފަސޭހަ ކޮށްލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"އީގަލްސް ދެރަ ޓީމެކޭ ނުބުނެވޭނެ،" ސަމްޕަތު ބުންޏެވެ. އެ ޓީމުގައި އެބަހުރި [މުހައްމަދު އާރިފް] ބަކާ ވެސް، މިދިޔަ އަހަރުވެސް ވަރަށް ރަނގަޅަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފައި އޮތް ޓީމެއް އީގަލްސް އަކީ، އެކަން މި ސީޒަންގައިވެސް އެބަ ދައްކާ."

ނިއުގެ ސަޕޯޓަރުންނަށް އޮތް މާޔޫސް ކަމަކަށް ވާނީ، އެ ޓީމުގެ ސްޓައިކަރު ގްއިލެމް މާޓީ މިސްޓްގެ ކިބައިން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ނުދިއުމެވެ. ސަމްޕަތު ބުނީ އޭނާ އަންނަނީ ކުރިން ލިބިފައި ހުރި އަނިޔާއަކުން ރިކަވާ ވަމުން ކަމަށެވެ.