އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދާ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުމަކީ މުޅި ދިވެހިރާއްޖެ އަށް ލިބުނު ފަހުރެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް މި މަހުގެ 27 ވަނަ ދުވަހު ކުޅޭ މެޗަށް ނުކުންނަ މެލޭޝިއާ ލީގުން ހޮވާލެވޭ ޓީމުގައި ހިމެނޭ ފަސް ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ދަަގަނޑޭ ހިމެނެ އެވެ.
ރާއްޖޭން ވޯލްޑް ކަޕް ކޮލިފައިންގެ ތައްޔާރީތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ އިނގިރޭސި ލީގުގެ ވަރުގަދަ ޓީމެއް ކަމަށްވާ ޓޮޓެންހަމްއާ ދެކޮޅަށް ދަގަނޑޭ ކުޅުމަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭ ބޮޑު ކާމިޔާބެއް ކަމަށެވެ.
"މި މަހުގެ 27 ވަނަ (ޓޮޓެންހަމްއާ ދެކޮޅަށް) މެލޭޝިއާގައި ކުޅޭ މެޗުގައި އަޅުގަނޑުމެންގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް ކުޅުމަކީ މުޅި ގައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް، ވަރަށް ބޮޑު އުފަލެއް،" މަލީހު ވިދާޅުވި އެވެ. "އަޅުގަނދު ދެކޭ ގޮތުގައި ޔޫރަޕްގެ ނަން މަޝްހޫރު ކްލަބުތަކާ ދެކޮޅަށް ދިވެހި ކުޅުންތެރިް ކުޅުމަކީ ދިވެހި ފުޓްބޯޅަ އަށް ލިބޭ ކުރިއެރުމެއް. އެހެން ކުޅުންތެރިންނަށް ލިބޭނެ އިތުރު ހިތްވަރެއް."
މެލޭޝިއާ ޕްރިމިއާ ލީގުގައި މިދިޔަ އަހަރު ދެއްކި މޮޅު ކުޅުމާއެކު، މެލޭޝިއާގައި މިދިޔަ އަހަރު ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމު ދަގަނޑޭ އަށް ވަނީ ލިބިފަ އެވެ. މި އަހަރު މެލޭޝިއާގެ ސުޕަ ލީގުގައި ވެސް ދަގަނޑޭ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މިދިޔަ އަހަރު މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕީޑީއާރްއެމް މެލޭޝިއާގެ ފުރަތަމަ ޑިވިޝަން ޕްރޮމޯޓްކޮށްދިނުމުގައި ދަގަނޑޭ މުހިންމު ރޯލެއް އަދާކުރި އެވެ. މީގެ އިތުރުން މެލެޝިއާގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި މެލޭޝިއާ ކަޕްގެ ސެމީ ފައިނަލާ ހަމައަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައި ދަގަނޑޭ ހިއްސާބޮޑެވެ.