ފާރިސް މައުމޫން

ވަކީލުން ފާރިސްއާ ބައްދަލު ކުރަން ފުރުސަތެއް ނުދިން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ވަކީލުން އޭނާއާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭން ފުލުހުން ނިންމައިފި އެވެ.

ފާރިސްގެ ވަކީލުންގެ ޓީމްގައި ހިމެނޭ މުހައްމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަކީލުން ފާރިސްއާ ބައްދަލުކުރަން ކަސްްޓޯޑިއަލް އަށް ފޯމް ހުށަހެޅުމުން ބަލައިނުގެންފައިވާ ކަމަށާއި ސަބަބެއް ކަމަށް ފުލުހުން ބުނީ، ވަކީލުން ފާރިސްއާ ބައްދަލުކުރަން ފުރުސަތު ނުދޭން އިންވެސްޓިގޭޝަން އޮފިސަރުން އަންގާފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ވަކީލުންނާއި ފާރިސް ބައްދަލު ކުރުމަށް ހުރަސް ނޭޅޭނެ ކަމަށެވެ.

ފާރިސްގެ ވަކީލުން އޭނާއާ ބައްދަލުކުރަން ހުއްދަ ނުދީފައިވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ ވަކީލުންގެ ޣައިރު ހާޒިރުގައި އޭނާއާ ސުވާލު ކުރަން އުުޅުމުން އެކަމާ ދެކޮޅު ހަދާފަ އެވެ. ދެކޮޅު ހެދުމުން ފުލުހުން ބާރުގެ ބޭނުންކޮށްގެން އޭނާ އަތުގައި ބިޑި އަޅުވައިގެން ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި އޭނާގެ ކޮނޑަށް ވަނީ އަނިޔާވެފަ އެވެ. އެއަނިޔާއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފާރިސް ވަނީ މާލެ ގެނެސް އައިޖީއެމްއެޗުން އެކްސްރޭ ނަގާފަ އެވެ.

މައުމޫން ހަމީދު ވިދާޅުވީ ފުލުހުން ކުރިއަށް ގެންދަން އުޅުނު އެ އިންޓަވިއުއަށް ފާރިސް ދެކޮޅު ހެއްދެވީ ވަކީލުން ނެތި އޭނާއާ ސުވާލުކުރުމަށް އުޅުމުން ކަމަށެވެ. އެކަމާ ފާރިސް ދެކޮޅު ހެދުމުން ވަކީލަކަށް ގުޅަން ފުރުސަތު ދެއްވި ކަމަށެވެ.

ފާރިސް މިހާރު ހައްޔަރުކޮށްފައި ހުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ކުރަނީ ސަރުކާރު ވައްޓާލަން ރިޝްވަތު ދެއްވި ކަމުގެ ތުހުމަތެވެ.