ކުޅިވަރު

މޮރީނިއޯގެ ޓެކްޓިކްސް އައުޓްޑޭޓްވީތަ؟

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ މިހާރު ފެންނަނީ އައުޓްޑޭޓް ވެފައިވާ ކޯޗެއްގެ ގޮތުގައި ކަމަށް ޗެލްސީގެ ކުރީގެ ސްޓައިކަރު ކްރިސް ސަޓަން ބުނެފި އެވެ.

ޔުނައިޓަޑް އޮތީ އިނިގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނައިގަ އެވެ. އަދި އެ ޓީމު ވަނީ އެފްއޭކަޕްގެ ސެމީފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ސެވިއްޔާ އަތް ދަށުވެ ޔުނައިޓަޑް ކަޓައިގެން ދިއުމުން އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ފަރާތުން މޮރީނިއޯއަށް ވަނީ ފާޑު ކިޔުން އަމާޒު ވެފަ އެވެ.

ބީބީސީގެ ފުޓްބޯޅަ އެނަލިސްޓް އިއާން ރައިޓް ބީބީސީ ރޭޑިއޯގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ މޮރީނިއޯއާ ބެހޭގޮތުން ވާހަކަ ދައްކަން މިހާރު އޭނާ ބޭނުން ނުވާ ކަމަށެވެ.

ޔުނައިޓަޑް އޮތީ މެންޗެސްޓާ ސިޓީއަށް ވުރެ 16 ޕޮއިންޓް ފަހަތުގަ އެވެ. މިހާރު އޮތީ ބާކީ އަށް މެޗެވެ. އެފްއޭކަޕުގެ ފައިނަލުގެ ޖާގައެއް ހޯދުމަށްޓަކައި އަންނަ މަހު ޓޮޓެންހަމް ހޮސްޕާއާ ދެކޮޅަށް ޔުނައިޓަޑް ނިކުންނާނެ އެވެ.

ލީގްގައި ސިޓީ ވަނީ 85 ލަނޑު ޖަހާފަ އެވެ. ޔުނައިޓަޑަށް ޖެހިފައި ވަނީ 58 ލަނޑެވެ. މިއީ ލަނޑު ޖެހުމުގެ ރޭޓްގައި ގަދަ ހަތަރެއްގެ ހުރިހާ ޓީމުތަކަށްވުރެ ދަށް އަދަދެކެވެ.

ބީބީސީ ރޭޑިއޯ ފަހެއްގައި، ރޭ ވާހަކަ ދައްކަމުން ސަޓަން ބުނެފައި ވަނީ 2004 ވަނަ އަހަރު އިންގްލެންޑަށް މޮރީނިއޯ އައިސް އޭނާ ހުރީ ވަރަށް ރަނގަޅު ބަދަލުތައް ގެނައި ކޯޗެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިހާރު މޮރީނިއޯގެ ކެރެކްޓާއަށް ވެސް ބަދަލު އައިސްފައިވާ ކަމަށް ސަޓަން ބުންޏެވެ.

އޭނާ ބުނީ މިހާރު އިނގިރޭސި ފުޓްބޯޅަ ވެސް ބަދަލު ވަމުން ދާކަމަށެވެ. ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ކިބައިން އެކަން ފެންނަމުންދާ ކަމަށެވެ.

"އޭނާ ބަލާ ސިޓީގެ މުޅި ސިސްޓަމް، އަދި އެމީހުން ކުޅޭ ސްޓައިލް ބަލާ އަދި ލިވަޕޫލް ކުޅޭ ގޮތް ބަލާ، އޭނާ އަކީ އޭނާ އައިރު އެންމެ ރަނގަޅު ބަދަލުތައް ގެނައި އެކަކު، ނަމަވެސް މިހާރު އޭނަ ފެންނަނީ އައުޓްޑޭޓް ވެފައިހުރި ތަން، އަދިވެސް އޭނާގެ ޓީމު ކުޅޭ ގޮތުން އެކަން ފެނިގެންދޭ، ދެން ބަލާ މިހާރު އެހެން ޓީމުތަކުގެ ގޭމް ސްޓައިލަށް އައިސްފައިވާ ބަދަލުތައް." މޮރީނިއޯއާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަޓަން ބުންޏެވެ.

މޮރީނިއޯ 55، ވަނީ ޗެލްސީއަށް ތިން ފަހަރެއްގެ މަތިން ލީގް ކާމިޔާބު ކޮށްދީފަ އެވެ. އަދި އިންޓަމިލާންއަށް އިޓަލީގެ ލީގާއި، ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގް ހޯދައިދިނެވެ. ލުއިސް ވެންހާލްއަށް ފަހު ޔުނައިޓަޑް ކޯޗު ކަމަށް އައި މޮރީނިއޯ ވަނީ ޔޫރޮޕާ ލީގް ކާމިޔާބު ކޮށް ޔުނައިޓަޑަށް ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދައިދިފަ އެވެ.

އިއާން ރައިޓް ބުނީ މޮރީނިއޯ އާއެކު ޔުނައިޓެޑް ޓީމު ކުޅޭ ގޮތާއި ދެވަނަ ފަހަރަށް ޗެލްސީއާ ހަވާލުވެ އޭނާ ކުޅުނު ގޮތް ތަފާތު ކަމަށެވެ.

"ދެ ވަނަ ފަހަރަށް ޗެލްސީ އާއި ހަވާލުވެ ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅުނު ނަމަވެސް އެކަން އޮގަތަށް ހިފެހެއްޓީ ހަމައެކަނި ސީޒަންގެ މެދާ ހަމަޔަށް ދަންދެން."