ދިވެހި ސިނަމާ

"ގޮށްރާޅު" ފަސްކުރީ މިހާރުގެ ހާލަތާއި ހެދި

އަންނަ މަހު ފަހެއްގައި ރިލީޒްކުރުމަށް ޑާކްރެއިން އެންޓަޓެއިންމަންޓުން ނިންމާފައި އޮތް ފިލްމު "ގޮށްރާޅު" ވަނީ ވަކި ތާރީހެއް ކަނޑަނާޅާ މީގެ ކުރިން ފަސްކޮށްފަ އެވެ. އޭރު ފިލްމު ފަސްކުރަން ނިންމީ އޮލިމްޕަސް ބާރުބޮޑުވުމުން ޑާކްރެއިން އިން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ވަކިން ލޯބިން" ގެ އިތުރު ޝޯތަކެއް އެތާރީހުން ފަށައިގެން ދެއްކުމަށެވެ.

ގޮށްރާޅު ރިލީޒްކުރާނެ ތަރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް ޑާކްރެއިން ބުނެފައިވަނިކޮށް މިއަދު އެ ޕްރޮޑަކްޝަނުން ވަނީ ފިލްމު ޑިސެމްބަރު މަހު 18 އަށް ފަސްކުރިކަން އިއުލާނުކޮށްފަ އެވެ. ގޮއްރާޅުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމު ފަސްކުރަން ނިންމީ ރާއްޖޭގެ ހާލަތު މިވަގުތު ހަލަބޮލިވެފައި އޮތީމަ ކަމަށެވެ.

"މިދުވަސްކޮޅުގެ ގޮތުން ފިލްމު ފަސްކުރަން ނިންމީ. ރާއްޖެ ވަރަށް ހަލަބޮލިވެފައި އޮތީމަ." ޑިސެމްބަރު މަހަށް ފިލްމު ފަސްކުރި ނަމަވެސް ފިލްމު އެ ތާރީހުގައި އަދި އަޅުވާނެކަން ޔަގީން ނޫންކަމަށް މޮގާ ބުންޏެވެ.

ގޮށްރާޅާއި ގުޅޭ މާ ގިނަ ތަފްސީލުތަކެއްވެސް އަދި ޑާކްރެއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޑާކްރެއިންގެ ފަރާތުން މިދިޔަ މަހު ބޭއްވި ހާއްސަ އިވެންޓެއްގައި އަލީ ޝިފާއު (ޗިއްޕެ) ބުނީ މި ފިލްމަކީ ޑާކްރެއިން އިން ގެނެސްދިން ފިލްމު "ހެޕީ ބާތްޑޭ" އަށްފަހު އެ ޕްރޮޑަކްޝަނުން ގެނެސްދޭ އެންމެ ތަފާތު ފިލްމަށް ވާނެ ކަމަށެވެ. އެ އިވެންޓުގައި މި ފިލްމުގެ ޓީޒާ ޕޯސްޓަރެއްވެސް އާންމުކޮށްފައިވެ އެވެ.

މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

ފިލްމު ޑައިރެކްޓުކޮށްފައިވަނީ "4426" ގެ ޑައިރެކްޝަންގެ މަސައްކަތްކޮށްފައިވާ އަހްމަދު ޝިނާން އެވެ. މި ފިލްމަކީ އޭނާގެ ފުރަތަމަ އަމިއްލަ ޑައިރެކްޝަންވެސް މެއެވެ.

މި ފިލްމުގެ ވާހަކަ ލިޔެ ސްކްރީންޕްލޭ ތައްޔާރު ކޮށްދީފައި ވަނީ ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ލޫދިފާ" އަދި "ހެޕީ ބާތްޑޭ" ގެ ސްކްރީންޕްލޭވެސް ތައްޔާރު ކޮށްދިން މޫމިން ފުއާދު އެވެ.