ޕާކިސްތާން

ރާއްޖެއަށް އެހީވެދޭން ޕާކިސްތާނު އޮތީ ތައްޔާރަށް: ސަފީރު

Mar 20, 2018

ރާއްޖެއަށް ކުރިމަތިވާ ކަންތައްތަކުގައި އެހީވާން ޕާކިސްތާނު ތައްޔާރަށް އޮތް ކަމަށް ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އެރުވުމަށް މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕާކިސްތާނުގެ އާ ސަފީރު ވިދާޅުވީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރު ދާއިރާތަކުން ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވެސް ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިނަށާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ހަގާން އައްބާސީއަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސް ކުރައްވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވެސް ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ވަރުގަދަ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.