ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދީފައިވާ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ވާށޭ މަށާ އެކީ" އަދި "މީ ލޯތްބަކީ" އަންނަ މަހު އަނެއްކާވެސް އޮލިމްޕަހުގައި އަޅުވަން ނިންމައިފި އެވެ.
ވާށޭ މަށާ އެކީގެ ޝޯއެއް އަޅުވާނީ އަންނަ މަހު 12 ގަ އެވެ. މިއީ ލޯތްބަކީ އަޅުވާނީ އަންނަ މަހު 13 ގަ އެވެ.
ވާށޭ މަށާ އެކީ އަކީ މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޑާކްރެއިންގެ ފިލްމެވެ. މިދިޔަ އަހަރު ބޭއްވި ދިވެހި ފިލްމްސް އެވޯޑުގައި ގިނަ އެވޯޑުތަކެއް ކާމިޔާބުކޮށް އެންމެ މޮޅު ޑައިރެކްޝަން އަދި އެންމެ މޮޅު ފީޗާ ފިލްމުގެ އެވޯޑު އެ ފިލްމު ވަނީ ގެންގޮސްފަ އެވެ.
ދަރިން ހޯދަން ބޭނުންނުވާ ޒުވާން ފިރިއަކާއި ކުޑަކުދިން ދެކެ އިންތިހާއަށް ލޯބިވާ އަންބެއްގެ ވާހަކަ ދައްކުވައިދޭ މި ފިލްމުގައި މައިގަނޑު ދެ ތަރިންގެ ގޮތުގައި ހަރަކާތްތެރި ވަނީ ހަމަ މި ފިލްމުން މިދިޔަ އަހަރު ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓާއަކަށް ހޮވުނު ޖުމައްޔިލް ނިމާލް (ޖުމަލް) އާއި އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވުނު މަރިޔަމް މަޖުދާ (މަޖޫ) އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ފަހަތުގައި ހުރި، މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރީ މަހުދީ އަހުމަދެވެ. ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. އާންމުންގެ ބޮޑު ތަރުހީބެއްވެސް މި ފިލްމަށް ލިބުނެވެ.
އޮޕިމްޕަހަށް ދެން ގެންނަ ރޮމޭންޓިކް ކޮމެޑީ ފިލްމު "މިއީ ލޯތްބަކީ" އަކީވެސް އާންމުން ބޮޑު ތަރުހީބެއް ހޯދާފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު ފެނިގެންދިޔަ މި ފިލްމުގެ ލީޑުން ފެނިގެންގޮސްފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އަދި މަރިޔަމް އައްޒަ އެވެ.
ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިސްކޮށް އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ. ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ޗިއްޕެ އެވެ.
މި ދެ ފިލްމު އަޅުވަން ނިންމާފައިވާއިރު މިހާރު ޑާކްރެއިން އިން އޮޕިމްޕަހުގައި ދައްކަމުން އަންނަ އެ ޕްރޮޑަކްޝަންގެ މިއަހަރުގެ ފުރަތަމަ ފިލްމު "ވަކިން ލޯބިން" މި މަހު ދައްކާ ފަހު ދެ ޝޯ މި މަހު 22 އަދި 23 ގައި އޮންނާނެ އެވެ. މީގެ އިތުރުން އަންނަ މަހު ފަހަކުން ފަށައިގެން އަނެއްކާވެސް މި ފިލްމުގެ ހާއްސަ ޝޯތަކެއް އޮޕިމްޕަހުގައި ދައްކާނެ އެވެ.
މި ހުރިހާ ފިލްމެއްގެ ޝޯތަކަށް މިހާރު އަންނަނީ ޓިކެޓު ވިއްކަމުންނެވެ.