ހަބަރު

ހައްޔަރުކުރާ މެންބަރުން މަޖިލީހަށް ހާޒިރުކުރާކަށް ނުޖެހޭ: ދައުލަތް

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުކުރަން ނުޖެހޭ ކަމަށް ބަންޑާރަ ނައިބު އޮފީހުން މިއަދު ބުނެފި އެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން މިހެން ބުނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސްވަނަ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ މައްސަލަ ބާތިލުކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލާގެ ބަހުސުގަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަސް މެންބަރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ޖަލްސާއަށް ހާޒިރުކޮށްފައިނުވުމަކީ އެ އިސްލާހު ބާތިލުކުރަންޖެހޭ ސަބަބެއް ކަމަށް މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ތިން މެންބަރުން ފާހަގަކުރައްވަ އެވެ.

މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި އަނާރާ ނައިމާއި އަލީ ހުސެއިންގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މެންބަރުން ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

އެއަށް ރައްދު ދެއްވައި ބަންޑާރަ ނައިބުގެ ވަކީލް މާޝާ ލުތުފީ ވިދާޅުވީ ގަވައިދު އެހެން އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ ބާތިލުކޮށްފައިވާތީ ގަވައިދުގެ 205 ވަނަ މާއްދާގެ ގާނޫނީ ބާރު ކެނޑިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒުކުރަމުންދާ ހާލަތްތަކުގަ އާއި އެ ކުށުގެ ތަހުގީގީ މަރުހަލާގައި މެންބަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. އެ މާއްދާ ބާތިލުކުރީ ސުޕްރީމް ކޯޓުންނެވެ. އެއީ ހުކުމް ތަންފީޒުކުރުމާއި ތަހުމަތުކުރެވޭ ހާލަތްތައް ޝާމިލުވާ ގޮތަށް އެ މާއްދާގައި އޮތުމުގައި ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެވެ.

ރިފްއަތު ވިދާޅުވީ އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. ރިފްއަތު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާ އާއި އިމްތިޔާޒު ގާނޫނުގެ 16 ވަަނަ މައްދާ އުޑާއި ބިމާހާ ތަފާތު ކަމަށެވެ. ގާނޫނުގެ 16 ވަނަ މާއްދާގައި ވަނީ ހުކުމް ތަންފީޒުކުރާ މެންބަރުންނާއި ތުހުމަތު ކުރެވޭ މެންބަރުން ހާޒިރުކުރަންޖެހޭނެ ވާހަކަ ކަމަށެވެ. ނަމަވެސް ގަވައިދު އޮތީ ހަމައެކަނި ތުހުމަތު ކުރެވޭ މެންބަރުން ހާޒިރުކުރަން ޖެހޭނެ ކަމަށް ކަމަށެވެ.

އެއާއެކު ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވެސް ދައުލަތަށް ސުވާލުތަކެއް ކުރިމަތިކުރެއްވި އެވެ. އެ މާއްދާ ބާތިލުކޮށްފައިވަނީ ކުށެއް ކުރަނިކޮށް ރެޑް ހޭންޑްކޮށް ހައްޔަރުކުރެވޭ ހާލަތްތައް ފަދަ ހުރިހާ ކަމެއް ޝާމިލުވާ ގޮތަށް އޮތުމުން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބަޔާން ކުރަނީ އެންމެ ހާލަތެއް ކަމަށާއި އެހެން އެ މާއްދާގެ ބާރު ކެނޑިފައިވާ ކަމަށް ގަބޫލު ކުރައްވަނީ ކީއްވެތޯ އެއްސެވި އެވެ. އަދި މާއްދާގެ ބާރު ކެނޑިފައިވާނަމަ ގަވައިދު އިސްލާހުނުކޮށް އޮތީ ކީއްވެތޯ ވެސް އެއްސެވި އެވެ. މަޖިލީހުގެ ގަވައިދުތައް ހަދަން ޖެހެނީ މަޖިލީހުންނެވެ.

އެއަށް ޖަވާބު ދެއްވަމުން މާޝާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަލާއިރު ގަވައިދުގެ އެ މާއްދާއަށް އަމަލު ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވަނީ ކަމަށެވެ. ގަވައިދު އިސްލާހުނުކޮށް އޮތްއޮތުމަށް ސާފު ޖަވާބެއް ނުދެއްވަ އެވެ.