މީހުން

ޓްވިޓާގައި އެންމެ ގިނަ ފޮލޯވާޒް ތިބީ މި މީހުންގެ

މަޝްހޫރު ފަންނާނުންނާއި އަދި ތަފާތު ވިޔަފާރީތައް ކުރާ މީހުން އެންމެ ގިނައިން ބޭނުންކުރާ ޝޯޝަލް މީޑިއާ ޕްލެޓްފޯމަކަށް މިހާރު ވާނީ ޓުވިޓާ އެވެ. މީގެ 12 އަހަރުކުރިން ތައާރަފުކުރި ޓުވިޓާ ބޭނުންކުރާ މީހުންގެ އަދަދު މިހާރު އުޅެނީ 330 މިލިއަނަށްވުރެ މަތީގަ އެވެ.

މަޝްހޫރު ފަރާތްތަކުން އުޅެމުންދާ ގޮތާއި އެމީހުން ކުރާ ކަންކަން އެންމެ ފަސޭހައިން ބަލާލެވޭނީ ޓުވިޓާ އިންނެވެ. އެ ފަރާތްތަކުން ކުރާ ކަންކަން ބެލުމަށް ފޫގަޅައިގެން އެތަށް ފޮލޮވަރުންނެއް ތިބެ އެވެ. އެގޮތުން މިހާރު ޓުވިޓާގައި އެންމެ ފޮލޮވަރުން ގިނަ މަޝްހޫރު 10 ފަރާތަކަށް ބަލާލާނަމެވެ.

ކެޓީ ޕެރީ

ޓުވިޓާގައި މިހާރު އެންމެ ގިނަ ފޮލޮވާސް ތިބީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީގެ އެވެ. އެއީ 109 މިލިއަން ފޮލޮވަރުންނާއެކު އެވެ.

ކެޓީ ޕެރީއަކީ ޓުވިޓާގައި އެންމެ ފުރަތަމަ 100 މިލިއަން ޕޮލޮވަރުން ހޯދި ފަރާތްވެސްމެ އެވެ. އެކަމުގެ މުނާސަބަތުގައި ޓުވިޓާ އިން ވަނީ ވީޑިއޯ އެއްވެސް ޕޯސްޓުކޮށްފަ އެވެ. ކެޓީ ޕެރީ ޓުވިޓާ ބޭނުންކުރަން ފެށީ 2009 ގަ އެވެ.

ޖަސްޓިން ބީބާ

ދެ ވަނައަށް އެންމެ ގިނަ ފޮލޮވަރުން ތިބީ ކެނަޑާގެ ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އެވެ. ޖަސްޓިންގެ 105 މިލިއަނަށްވުރެ ގިނަ ފޮލްވަރުން އެބަތިއްބެވެ.

ޖަސްޓިން ފާހަގަކޮށްލެވެނީ ޓުވިޓާގައި ދުނިޔޭގައި ހިނގާ އެކި ކަހަލަ ހިތާމަވެރި ހާދިސާތަކާއި ގުޅުވައިގެން ވަރަށް ގިނައިން ޓުވީޓުކުރާ ފަރާތެއްގެ ގޮތުގަ އެވެ. ޓުވިޓާގައި އޭނާގެ ލަވަތަށްވެސް ފޭނުންނާއި އަބަދުހެން ހިއްސާކުރެ އެވެ. މީގެ އިތުރުން ހެއްވާ މަޖާ ޓުވީޓުތަކާއި އޭނާ ފޮޓޯތައްވެސް ހިއްސާކުރެ އެވެ.

ބަރަކް އޮބާމާ

ޓުވީޓާގައި އެންމެ ގިނަ ފޮލޮވަރުން ތިބި 10 މީހުންގެ ލިސްޓުގައި ހިމެނެނީ އެންމެ ސިޔާސީ ފަރާތެކެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ.

އޮބާމާގެ 101 މިލިއަނަށްވުރެ ގިނަ ފޮލޮވަރުން ޓުވިޓާގައި އެބަ ތިއްބެވެ. މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ލައިކުކުރި ޓުވީޓަކަށްވެސް ވީ އޮބާމާގެ ޓުވީޓެކެވެ. އެ ޓުވީޓަކީ މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ރިޓުވީޓުކުރި ޓުވީޓުވެސްމެ އެވެ.

ރައިހާނާ

މި ލިސްޓުގެ ހަތަރު ވަނާގައި ހިމެނެނީ ބާބޭޑޯސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރައިހާނާ އެވެ. ރައިހާނާގެ 86.8 މިލިއަން ފޮލޮވަރުން އެބަ ތިއްބެވެ.

ރައިހާނާ ޓުވިޓާ އެންމެ ގިނައިން ބޭނުންކުރަނީ އޭނާގެ އަމިއްލަ ބިއުޓީ ބްރޭންޑް، ފެންޓީ ބިއުޓީގެ ޕްރޮޑަކްޓްތައް ނުވަތަ ޒީނަތްތެރިވުމަށް އޭނާގެ އަމިއްލަ ކުންފުނިން އުފައްދާ ސާމާނުތައް އިޝްތިހާރު ކުރަމަށެވެ.

ޓެއިލާ ސްވިފްޓް

ޓުވިޓާގައި ގިނަ ފާޑުކިޔުންތަކެއް އާމާޒުވެފައިވާ ޓެއިލާ ސްވިފްޓް އޮތީ މި ލިސްޓުގެ ފަސް ވަނަގައި އެވެ. މިހާރު އޭނާގެ 86.6 މިލިއަނަށްވުރެ ގިނަ ފޮލަވަރުން އެބަ ތިއްބެވެ.

މި ލިސްޓުގައި ހިމެނޭ އެހެން ލަވަކިޔުންތެރިންނެކޭ އެއްގޮތަށް ޓެއިލާވެސް އޭނާގެ ޓުވީޓާގައި ތަފާތު ވީޑިއޯތަކާއި އަމިއްލަ ލަވަތަކާއި ޓުވާތަކުގެ އިތުރުން އޭނާގެ އަމިއްލަ ޕްރޮމޯޓުކުރެ އެވެ.

ލޭޑީ ގާގާ

ޕޮޕް ސްޓާ ލޭޑީ ގާގާގެ 78 މިލިއަން ފޮލޮވަރުން މިހާރު އެބަ ތިއްބެވެ. ގާގާގެ ފޮލަވަރުން އެންމެ ގިނަވީ މިދިޔަ އަހަރު ސުޕާ ބޯލް 2017 އަދި ޖޮއާން ވޯލްޑް ޓުވާގައި އޭނާ ދިން ހުށަހެޅުންތަކަށްފަހު އެވެ.

ގާގާ ވަނީ މިއަހަރުގެ ގްރޭމީ އެވޯޑުގައި ބެސްޓް ޕޮޕް ވޯކަލް އަލްބަމް އަދި ބެސްޓް ޕޮޕް ސޯލޯ ޕާފޯމާގެ އެވޯޑު ގެންގޮސްފަ އެވެ.

އެލެން ޑީޖެނެރިސް

އެމެރިކާގެ މަޝްހޫރު ކޮމެޑިއަން އަދި އަމިއްލަ ޓޯކް ޝޯ "ދި އެލެން ޝޯ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެލެން ޑީޖެނެރިސް 77 މިލިއަން ފޮލޮވަރުން އެބަ ތިއްބެވެ.

އެލެން ފާހަގަކޮށްލެވެނީ ޓުވީޓާގައި އޭނާގެ ޝޯގެ ވީޑިއޯ ކްލިޕްތަކާއި މަޖާ ވާހަކަތައް އަބަދުވެސް ހިއްސާކުރާ ފަރާތެއްގެ ގޮތުގަ އެވެ.

ޔޫޓިއުބް

ޓުވިޓާގައި ދެން އެންމެ ފޮލޮވަރުން ގިނައީ ވީޑިއޯ ޝެއަރިން ވެބްސައިޓް ޔޫޓިއުބްގެ އެވެ.

ގޫގުލްގެ ސަބްސިޑަރީ އެއްގޮތަށް އޮޕަރޭޓުކުރާ ޔޫޓިއުބް އުފެއްދީ 2005 ވަނަ އަހަރު އެވެ. ޔޫޓިއުބްގެ 71.1 މިލިއަން ފްލޮވަރުން މިހާރު ޓުވިޓާގައި އެބަ ތިއްބެވެ. މަޝްހޫރު އެތަށް ފަރާތްތަކުންނާއި ގިނަ ބަޔަކު ތަފާތު ވީޑިއޯތައް ހިއްސާކުރުމަށް މި ވެބްސައިޓު ބޭނުންކުރެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

މި ލިސްޓުގައި ހިމެނޭ ހަމައެކަނި ކުޅުންތެރިޔައަކީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ލިސްޓުގެ ނުވަ ވަނަގައި އޭނާ އޮތީ 71.5 މިލިއަން ފްލޮވަރުންނާއެކު އެވެ.

ރިއާލް މެޑްރިޑްގެ މި ކުޅުންތެރިޔާއަކީ މިހާރު އިންސްޓަގުރާމުގައި އެންމެ ފޮލަވަރުން ގިނަ ފަރާތްވެސްމެ އެވެ. ޓުވިޓާގާއި ރޮނާލްޑޯ އޭނާގެ ޓްރެއިންގެ ފޮޓޯތަކާއި އާއިލާގެ ފޮޓޯ އަދި ވީޑިއޯތައް ހިއްސާކުރެ އެވެ.

ޖަސްޓިން ޓިމްބާކްލޭ

މި ލިސްޓުގެ އެންމެފަހު ޖާގަ އަދި ދިހަ ވަނަ ދިފާއުކޮށްފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ޓިމްބާކްލޭ އެވެ. ޖަސްޓިންގެ ޓުވިޓާއަށް 65 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯކުރެ އެވެ.

އެހެން ލަވަކިޔުންތެރިންނެކޭ އެއްގޮތަށް ޖަސްޓިންވެސް ޓުވިޓާ އެންމެ ގިނައިން ބޭނުންކުރަނީ އޭނާގެ ލަވަތަކާއި އަލްބަމްތައް ޕްރޮމޯޓުކުރުމަށެވެ.