ސަލްމާން ހާން އަދި ޕްރިޔަންކާ ޗޯޕްރާ އެންމެފަހުން ފެނިގެންދިޔައީ މީގެ ދިހަ އަހަރު ކުރިން ނިކުތް ފިލްމު "ގޯޑް ތުސީ ގްރޭޓް ހޯ" އިން 2008 ވަނަ އަހަރު އެވެ. އޭގެފަހުން މި ދެ ތަރިން އަނެއްކާވެސް އާ ފިލްމަކުން ފެންނަން އުޅޭކަމަށް މިހާރު ދަނީ ހަބަރު ފެތުރެމުންނެވެ.
ފާއިތުވި ދިހަ އަހަރު ތެރޭގައި މި ދެތަރިން އެއްކޮށް ނުފެނުނު ނަމަވެސް، ދެ ތަރިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. ސަލްމާން ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނައިރު، ޕްރިޔަންކާ އަންނަނީ ބޮލީވުޑާއި ހޮލީވުޑްގައި ރަނިކަން ކުރަމުންނެވެ.
ސަލްމާން އާއި ޕްރިޔާންކާ އެކުގައި ތިން ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެ ފިލްމުތަކަކީ "މުޖުސޭ ޝާދީ ކަރޯގޭ" އާއި "ސަލާމް އޭ އިޝްގު" އަދި "ގޯޑް ތުސީ ގްރޭޓް ހޯ" އެވެ. ޕްރިޔަންކާ ބޮލީވުޑްގެ ފިލްމަކުން ނުފެންނަތާ މިއަހަރަށް ދެ އަހަރު ވާނެ އެވެ. އެންމެފަހުން ބޮލީވުޑްގެ ފިލްމަކުން އޭނާ ފެނިގެންދިޔައީ 2016 ވަނަ ނިކުތް "ޖޭ ގަންގާޖަލް" އިންނެވެ.
ބޮލީވުޑްގެ މީޑިއާ ރިޕޯޓުތައް ބުނަމުންދާ ގޮތުން ޕްރިޔަންކާ މިހާރު ހުރީ މުމްބާއީގައި އޭނާ މަސައްކަތްކުރާނެ ބޮލީވުޑްގެ ފިލްމެއް ފައިނަލްކުރުމަށް އައިއްސަ އެވެ. ރިޕޯޓުތައް ބުނާގޮތުން ޕްރިޔަންކާ މަސައްކަތްކުރުން އެންމެ ގާތީ ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތް" ގަ އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓުކުރާ އެ ފިލްމުގެ މަސައްކަތުގައި ވަރަށް ގާތުން އުޅޭ މީހެއް ބުނިގޮތުގައި "ޕްރިޔަންކާ ވަނީ މީގެ ކުރިން ފިލްމު 'ގުންޑޭ' (2014) ގައި ޑައިރެކްޓާ އަލީ އާއެކު މަސައްކަތްކޮށްފަ. މި ފިލްމު ވެގެންދާނީ ޕްރިޔަންކާ، ސަލްމާން އަދި އަލީ އެއްކޮށް މަސައްކަތްކުރާނެ ފުރަތަމަ ފަހަރަށް." އެވެ.
ބާރަތްއަކީ މީގެ 70 އަހަރު ކުރިން އިންޑިއާގެ ތާރީހުގައި ހިނގާފައި ބޮޑެތި ގިނަ ކަންތައްތަކެއް ފެނިފައިހުރި މީހެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ ކޮރެއާ ފިލްމު "އޮޑޭ ޓު މައި ފާދާ" ގެ އެޑަޕްޓޭޝަނެކެވެ.