ބޮލީވުޑްގެ ކުރީގެ ހިޓް ލަވަތައް މުޅިން ބަދަލުކޮށް ޒަމާނާ އެއްގޮތަށް ގެނެސް ދިނުމަކީ މިހާރު އާންމު ކަމެކެވެ. މިހާރު ނުކުންނަ ގިނަ ފިލްމުތަކުގައި ކުރީގެ ލަވަތައް ރިމިކްސް ލަވަތަކަކަށް ބަދަލުކޮށް އައިޓަމް ލަވަތައް ހަދަ އެވެ.
އެގޮތުން ކުރިއަށް އޮތް ބޮލީވުޑްގެ ފިލްމު "ބާޣީ2" ގައި އައިޓަމް ލަވައަކަށް، މާދުރީ ދިކްޝިތް ފެނިގެންދިޔަ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ 1998 ގެ ފިލްމު "ތޭޒާބް" ގެ ލަވަ "އޭކް ދޯ ތީން" އަށް ރިމިކްސް ލަވައެއް ވަނީ ތައްޔާރުކޮށްފަ އެވެ. އެ ލަވަ އިން ފެނިގެންދަނީ ބަތަލާ ޖެކްލީން ފެނާންޑޭޒް އެވެ.
މި ލަވައިގެން އަސްލު ލަވަ ކިޔާފައި ވަނީ އަލްކާ ޔަގްނިކް އެވެ. ރިމިކްސް ލަވަ ކިޔާފައި ވަނީ ޝްރޭއާ ގޯޝަލް އެވެ.
ގިނަ ބަޔަކު މިހާރު ދަނީ މި ލަވައަކީ ކުރީގެ ލަވަ ބަދުނާމު ކުރަން ހަދާފައި އޮތް ލަވައެއްކަމަށް ބުނެ ޓްވިޓާގައި ނުރުހުން ފާޅު ކުރަމުންނެވެ. ލަވައިގައި ޖެކްލީން، މާދުރީ ދިކްޝިތްގެ "ފައިވާނަށް" އަރައިގެން ނެށުމަކީ މާދުރީއަށް ވެސް ލިބޭ "ހުތުރެއް" ކަމަށް ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.
ކުރީގެ ބޮލީވުޑްގެ ރީތި ލަވަތައް ހަޑި ނުކުރުމަށް ގިނަ ބަޔަކު ވަނީ އެދިފަ އެވެ.
ޖެކްލީން މި ލަވަ ރިލީޒް ކުރުމާއި ވިދިގެން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، "މި ލަވައަކީ މާދުރީ ދިކްޝިތައް ދިން ޓްރިބިއުޓެއް. އެކްޓަރެއްގެ ހައިސިއްޔަތުން މި ފިލްމަށް ނަށާލަން ފުރުސަތު ލިބުން މިއީ ފަހުރެއް. އެއީ އަހަންނަށް އެނގޭ ދުވަހަކު ވެސް އަހަންނަށް މާދުރީ ދިކްޝިތާ އެއް ފެންވަަރަށް ނުދެވޭނެކަން. އަދި އެ ހިސާބަށް ދާން މަސައްކަތެއް ނުވެސް ކުރަން. މާދުރީ ދިކްޝިތް ކަހަލަ މީހަކަށް ނުވެވޭނެ." ކަމަށެވެ.
ޓައިގާ ޝްރޮފް އަދި ދިޝާ ޕަޓަނީ ފެނިގެންދާ "ބާޣީ2" ގެ ޓީމަށްވެސް ދަނީ މި ލަވައިގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. ސާޖިފް ނަޑިއާޑްވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގައި ފެނިގެންދާނީ އިންޑިއާގެ ފައުޖުގައި އުޅޭ ސިފައިންގެ މީހަކު އޭނާގެ ކުރީގެ ލޯބިވެރިޔާގެ ރަހީނުކޮށްފައިވާ ދަރިފުޅު ހޯދުމަށް ކުރާ މަސައްކަތެވެ.
ސިނަމާތަކުގައި މި ފިލްމު ދައްކަން ފަށާނީ މި މަހު 30 އިން ފަށައިގެންނެވެ.