އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓު ބައްދަލުކުރި މެޗު 2-2 އެއްވަރުވެގެން ނިމިއްޖެ އެވެ. މެޗުގައި އީގަލްސް ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ނިއު ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކުރީ ފަހަތުން އަރައެވެ.
މި ނަތީޖާއާއެކު ނިއު މިހާރު އޮތީ މާލޭ ލީގު ތާވަލުގެ ތިންވަނަ މަގާމުގައި ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. އީގަލްސް އޮތީ ލީގުގެ އެއްވަނަ މަގާމުގައި ހަތަރު މެޗުން ލިބުނު އައް ޕޮއިންޓާއެކު އެވެ.
މެޗަށް ދެ ޓީމުން ނެރުނު ފުރަތަމަ އެގާރަށް ބެލާއިރު ނިއު މެޗަށް ނިކުތީ އީގަލްސްއަށް މިދިޔަ ސީޒަނުގައި ކުޅުނު ރިހާމް އަބްދުލްގަނީ (ބޮބީ) އަދި އިމްރާން ނަޝީދު ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އީގަލްސް މެޗަށް ނިކުތީ އަހުމަދު ރިޒްވާން (ރިޒޭ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ އިގަލްއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ އެވެ.
އީގަލްސް ލީޑު ނެގިތާ މާގިނަ އިރެއްނުވެ ނިއުއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ބޮބީއަށް މިފުރުސަތުގެ ބޭނުނެއް ނުހިފުނެވެ.
މެޗުގެ 26 ވަނަ މިނިޓުގައި އީގަލްސް މެޗުގެ ދެވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކުރި އެވެ. މި ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ފޯވާޑް ލުއިޒް އެޑުއާޑޯ އެވެ. އޭނާއަށް މިފުރުސަތު ތަނަވަސް ކޮށްދިނީ ނާއިމް އެވެ. ނަމަވެސް އީގަލްސްގެ ކުޅުންތެރިން ތިބީ އޮފްސައިޑުގައި ކަމަށް ބުނެ ނިއުގެ ކުޅުންތެރިންނާއި ބެންޗުން އަދި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
މެޗުގައި ވޯޓާ ބްރޭކް ދިން ވަގުތު ނިއު ކޯޗު އޮސްކާ ބްރުޒޯން ވަނީ ލައިންސްމަން ނިއުޝާދު މުހައްމަދުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
އެއަށްފަހު އީގަލްސްގެ ކުޅުންތެރިޔަކު ނިއުގެ ކުޅުންތެރިޔަކަށް ކުރި ފައުލަކަށް ކާޑު ދައްކަން ބެންޗުގައިއިން ކީޕަރު އިމްރާން އެޕީލްކުރުމުން މެޗުގެ ރެފްރީ އާދަމް ފަޒީލް ވަނީ އިންމައަށް ރީނދޫ ކާޑު ދައްކާފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ފެނުނީ ނިއުގެ ކޯޗު އޮސްކާ ބެންޗުން ފޮނުވާލި މަންޒަރެވެ. އޭގެ ކުރިން އިގާލްސްގެ ކުޅުންތެރިއެއް އަތުގައި އޭރިޔާ ތެރެއިން ބޯޅަ ޖެހުމުން ނިއުއިން ވަނީ ޕެނެލްޓީއަކަށް އެޕީލް ކޮށްފަ އެވެ.
ދެވަނަ ހާފް ފަށައިގެން މާގިނަ އިރެއްނުވެ ނިއުއިން ލަނޑެއް ޖެހި އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އީގަލްސްގެ ކުރީގެ ކުޅުންތެރިނާ ބޮބީ އެވެ.
76 ވަނަ މިނިޓުގައި ނިއުގެ ހަސަން އަދުހަމް (ސަޑޭ) އަށް އީގަލްސް ކީޕަރު ސުޖަން އޭރިޔާ ތެރެއިން ފައުލް ކުރުމާ ގުޅިގެން ރެފްރީ ވަނީ ޕެނެލްޓީއެއް ދީފަ އެވެ. ނަމަވެސް އަލީ ފާސިރު ފޮނުވާލި ހަމަލާ ދިޔާ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ.
އޭގެ ފަހުން ސެންޓޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ސުޖަން ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ. މެޗުގައި ނިއު އެއްވަރުކުރި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޑިފެންޑަރު އަކްރަމް އެވެ.
މެޗަށް ފަހު އީގަލްސްގެ ކޯޗު މޯހަން އަދި ނިއުގެ އެސިސްޓެންޓް ކޯޗު ސަމްޕަތު ވަނީ ރެފްރީގެ ނިންމުންތަކާ މެދެ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކާފަ އެވެ.