ހޮލީވުޑް

ސްޕީލްބާގްގެ "އިންޑިއާނާ ޖޯންސް 5" ފަށައިފި

މަޝްހޫރު ފިލްމު ޕްރޮޑިއުސާ އަދި ޑައިރެކްޓާ ސްޓީވެން ސްޕީލްބާގް، ފިލްމު ސީރީޒް "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފި އެވެ.

ޑިޒްނީ އިން ގެނެސްދޭ ޓައިޓަލް އަދި ހާމަކޮށްފައި ނުވާ އެ ފިލްމުގެ މަސައްކަތް ފަށާފައިވާކަން ސްޓީވެން ހާމަކުރީ އިއްޔެ އޮތް ރަކުޓެން ޓީވީ އެމްޕަޔާ އެވޯޑްސް ހަފްލާގައި ލެޖެންޑު އޮފް އަވާ ލައިފްޓައިމް އެވޯޑާ ހަވާލުވުމަށްފަހު ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ.

ލަންޑަންގައި ބޭއްވި އެ ހަފްލާގައި ވާހަކަދައްކަމުން ސްޓީވެން ވަނީ އިނގެރޭސިވިލާތުގެ ފިލްމު އިންޑަސްޓްރީ އާއި އޭނާ އޮންނަ ގާތް ގުޅުމުގެ ވާހަކަ ދައްކާފަ އެވެ.

"އިނގެރޭސިވިލާތުގައި އަހަރެންގެ ފިލްމެއް ހަދަންޔާ މި އިންޑަސްޓްރީގައި ތިބި ހުނަރުވެރި ގިނަ ބައެއްގެ އެހީތެރިކަން ލިބޭ. (މި އިންޑަސްޓްރީން) އެހީވި އެކްޓަރުންނާއި، ކްރޫއިންނާއި އަދި އަހަރެންގެ ފިލްމުތައް ތައްޔާރުކުރުމަށް އެހީތެރިވި އިތުރު ފަރާތްތަކުން، އަންނަ އަހަރު އޭޕްރީލް މަހު އަހަރެން އިންޑިއާނާ ޖޯންސްގެ ފަސް ވަަނަ ފިލްމު ހަދަން މި ގައުމަށް އަންނައިރު އެހީވާނެ ކަމަށް އުއްމީދުކުރަން." ސްޓީވެން ބުންޏެވެ.

ސްޓީވެން އިތުރަށް ދެއްކި ވާހަކަތަކުގެ ތެރޭގައި ހޮލީވުޑްގައި ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް ފާށާފައިވާ "ޓައިމްސް އަޕް" ކެމްޕެއިނަށް ތައުރީފުކޮށްފައިވެ އެވެ.

އިންޑިއާނާ ޖޯންސް ފިލްމު ސީރީޒްގެ ހަތަރު ފިލްމެއް މިހާތަނަށް ގެނެސްދީފައިވާއިރު، އެ ހުރިހާ ފިލްމެއްވެސް ޑައިރެކްޓުކޮށްފައި ވަނީ ސްޓީވެން އެވެ. މި ފިލްމު ސީރީޒްގެ ދަށުން އެންމެ ފުރަތަމަ ފިލްމެއް ގެނެސްދިނީ 1981 ވަނަ އަހަރު އެވެ. އެންމެފަހުން މި ފިލްމު ސީރީޒްގެ ފިލްމެއް ނިކުތީ 2008 ވަނަ އަހަރު އެވެ.

ޑިޒްނީ އިން ސްޓީވެން އަދި އެކްޓާ ހެރިސަން ފޯޑް އާއެކު ފިލްމެއްގެ މަސައްކަތް ފަށާފައިވާކަން ހާމާކުރީ 2016 ވަނަ އަހަރު އެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށާއި ފިލްމު ރިލީޒްކުރުމަށް ހަޖައްސާފައި ވަނީ 10 ޖުލައި 2020 ގަ އެވެ.