އަލީ ހަމީދު

ފަނޑިޔާރު އަލީ ހަމީދު ޝަރީއަތް ނިމެންދެން ބަންދަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކުރިމިނަލް ކޯޓުން ނިންމާފައިވާއިރު މިހާތަނަށް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެއްވެސް ޝަރީއަތެއް ހިންގަން ފަށާފައެއް ނުވެ އެވެ. މިއީ ފަނޑިޔާރު އަލީ ހަމީދު ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރު އަލީ ހަމީދަށް ކޮށްފައިވާ ތުހުމަތުތަކަކީ ރިޝްވަތު ހިފުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ދަތި ކުރުމާއި ދައުލަތް ހިންގުމަށް ދަތި ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމެވެ. އަލީ ހަމީދާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާ ކަމަށާއި އެކަމާ ހެކި ހޯދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަނޑިޔާރު ހައްޔަރުކޮށްފައިވާ މައްސަލާގެ ތަހުގީގު ނިންމައި މިހާތަނަށް ދައުވާކުރަން ފޮނުވާފައެއް ނުވެ އެވެ. ނަމަވެސް ހެކި ނައްތާލަން އުޅުނު ކަމަށް ބުނެ ފަނޑިޔާރަށް ވަނީ ދައުވާކޮށްފަ އެވެ. އެކަމަކު އަދި ޝަރީއަތެއް ނުފަށަ އެވެ.

ފަނޑިޔާރުގެ މައްޗަށް މި ތުހުމަތުތައް ކުރާއިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހިޔާނާތާއި ރިޝްވަތާއި ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ހެކި ލިބިފައިވާ ކަމަށް ބުނެ މަގާމުން ސަސްޕެންޑްވެސް ކޮށްފަ އެވެ.

ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަންނަ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ އިތުކުރަމުންނެވެ.

އެގޮތުން މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދު ވަނީ އިތުރުކޮށްފަ އެވެ.

މިއަދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދު މަޖިލިސް އޮންނާނެކަން ވެސް ވަނީ އަންގާފަ އެވެ.