ކުޅިވަރު

ބޮޑު މޮޅަކާއެކު ގްރީންއަށް ފުރަތަމަ ތިން ޕޮއިންޓް

ޔުނަިއޓަޑް ވިކްޓަރީގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި، މާލޭ ލީގްގައި ގްރީން ސްޓްރީޓުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގްރީންއިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ ޔޫކްރޭންގެ ސްޓައިކަރު ރޮލޭންޑް ރަސެލް ބިލަލާ އެވެ. ގްރީންގެ ފަސް ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

ރަސެލް ގްރީންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ 60 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖެހިއިރު ޔުނައިޓަޑް ވިކްޓަރީގެ ޑިފެންސަށް ތިބެވުނީ ފަސޭހަ ކޮށްލައިގެންނެވެ. ގްރީންގެ ރީޝްވާން (ފުކޭ) ބޯޅަ ހިފައިގެން ގޮސް ހުރަސް ކުރި ބޯޅަ ރަސެލް ކާމިޔާބު ކުރީ ބޮލުންނެވެ. ގޯލް ކުރިމައްޗަށް ހުރަސް ކުރި އެ ބޯޅަ ބޮލުން ޖެހިރުވެސް ޔޫވީގެ ޑިފެންޑަރުންނަށް ތިބެވުނީ ރަނގަޅަށް އޭނާ މާކު ނުކޮށެވެ.

ދެ ވަނަ ގޯލް އޭނާ ކާމިޔާބު ކުރީ މެޗުގެ 70 ވަނަ މިނެޓްގައެވެ. އެ ލަނޑު ޖެހުމުގައި ކެޕްޓަން އަސްހަދު އަލީ (އަޑޭ) އަމިއްލަ ހާފުގެ ތެރޭގައި ހުރެފައި ފޮނުވާލި ބާރު ބޯޅަ އިން ފުރުސަތު ތަނަވަސްވެގެންދިއުން ފާހަގަ ކުރެވެ އެވެ. ގްރީންގެ ތިން ވަނަ ލަނޑު ޖަހައި އޭނާ ހެޓްރިކު ހެދީ އޭގެ ފަސް މިނެޓް ފަހުންނެވެ.

ގްރީންގެ ހަތަރު ވަނަ ލަނޑު އަދި އޭނާގެ ވެސް ހަތަރު ވަނަ ލަނޑު ރަސެލް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެއީ ޔޫވީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ގްރީންގެ އަބްދުﷲ މިސްބާހް (މިސްބެ) އަށް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީއެއްގަ އެވެ.

އެ ޕެނަލްޓީ ޖެހުމަށްޓަކައި ގްރީންގެ ކީޕަރު ސާޖީ ސްމޯޑިން ވަނީ ޔޫވީގެ ޕެނަލްޓީ އޭރިއާ ކައިރިއަށްވެސް ގޮސްފަ އެވެ. އަދި އޭނާ އަށް ޕެނަލްޓީ ޖަހަން ފުރުސަތު ދިނުމަށް ގްރީންގެ ކޯޗް އަލީ ސުޒޭން އަށް އިޝާރާތް ކޮށް އޭނާ އެދުނެވެ. ގްރީންގެ ފަސް ވަނަ ލަނޑު މެޗުގެ 93 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ އިބްރާހިމް ޝަފްރަޒް (ޝަފަލޭ) އެވެ.

މެޗުން މޮޅުވެ ލިބުނު ފަސް ޕޮއިންޓާއެކު ގްރީން މިހާރު އޮތީ، ތާވަލުގެ ފަސް ވަނައިގަ އެވެ.