އެކެއް ފެބްރުއަރީގައި ވެސް ދިވެހި ސިފައިންގެ ފަރާތުން މާޔޫސްކަމެއް ނުފެންނަ ކަމަށާއި ފެނިގެން ދިޔައީ ނުގުޑާ އަޒުމަކާއި ހިއްވަރެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓްރީން ރޭ ޔޫޓިއުބުގައި އާންމުކުރި މިނިސްޓަރުގެ އިންޓަވިއުއެއްގައި ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ގިނަ ވާހަކަފުޅުތަކެއް ދައްކަވާފަ އެވެ. އެގޮތުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމާއި އެއަށްފަހު ސިފައިންގެ މައި މަރުކަޒުގައި ބައެއް ކަންކަން ހިނގައިދިޔަ ގޮތް މިނިސްޓަރު ވަނީ އެ ވީޑިއޯ މެދުވެރިކޮށް ހިއްސާ ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފެބްރުއަރީ އެއް ވަނަ ދުވަހުގެ ރޭ ކަމެއް ހިނގާފާނެ ކަމުގެ މައުލޫމާތު ސިފައިންގެ އިދާރާއަށް އަމުރު ނެރުމުގެ ކުރިން ލިބުނެވެ. އެއާއެކު އެ ހާލަތާ ގުޅިގެން އަސްކަރިއްޔާއިން އަޅަންޖެހޭ ފިޔަވަޅުތައް ޗީފް އޮފް ޑިފެންސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ގެންދެވީ އަޅުއްވަމުންނެވެ. އަމުރު ނެރުނު ހިސާބުން ފެށިގެން މޭޖާ ޖެނަރަލް ޝިޔާމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު މެދު ކެނޑުމެއްނެތި ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށެވެ.
"އަމުރު ނެރުނު އިރު އަޅުގަނޑު ހުރީ ހެޑްކުއާޓާގައި. އެ ވަގުތު ޗީފް އޮފް ޑިފެންސް ފޯސް އާއި އެމަނިކުފާނުގެ ޓީމުގެ ބޭފުޅުންނާއެކު އަޅުގަނޑު ގެންދިޔައީ ސިޔާސީ މަސްރަހު ވަރަށް ގާތުން ބަލަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ މަސްރަހަށް ދިމާވި އެ އުނދަގޫ ދަނޑިވަޅުގައި ވެސް ދިވެހި ސިފައިން ފަރާތުން އެއްވެސް ކަމަކަށް އެއްވެސް ސުވާލެއް އިސް ނުކުރާ ކަމަށާއި ސިފައިން އެ ދަނޑިވަޅުގައި ވެސް ތިބީ ވަރަށް ހިއްވަރުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، "ސިފައިންގެ މޫނުމަތިން މާޔޫސްކަމެއް ފެނިވަޑައެއް ނުގަންނަވާ،" ކަމަށެވެ. ދިވެހި ސިފައިންނަކީ ދިމާވާ ކޮންމެ ދަނޑިވަޅެއްގައި ގައުމު ދިފާއުކުރާނެ ބައެއް ކަމާމެދު ޝައްކު އުފެދޭނެ އެއްވެސް ހާލަތެއް ސިފައިންގެ މުއައްސަސާގެ ތެރޭގައި މެދުވެރި ނުވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ސިފައިންގެ ފަރާތުން ގައުމަށްޓަކައި އެ އަޒުމް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަކީ ރާއްޖެ ދެކެ ވަރަށް ލޯބިވާ ބަޔަކު އަބަދުވެސް އުޅޭ ބައެއް ކަމަށާއި ކާބަފައިން ވެސް ވަނީ އެ ނަމޫނާ ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދެން ވެސް ވިދާޅުވީ އަބަދުމެ ދައްކާ ވާހަކަފުޅެކެވެ. މި ގައުމު ހިމާޔަތްކުރާނީ ދިވެހިންނެވެ. ބޭރުގެ މީހަކު ދައްކާ ވާހަކަތަކަށް ރޭރުވެގެން ސިފައިން އެއްވެސް ކަމެއް ނުކުރާނެ އެވެ.