އޮފްބީޓް

ޝާހީ ކައިވެންޏަށް ކޭކު އަޅާނެ މީހަކު ހޯދައިފި

އިނގެރޭސިވިލާތުގެ ޝާހީ އައިލާގެ އެންމެފަހުން ބޭއްވި ގިނަ ކައިވެނިތަކުގައި ކޭކްއަކީ ވަރަށް ހާއްސަ އެއްޗެކެވެ. ޝާހީ ދަރިކަލުން ޕްރިންސް ހެރީ އާއި ފިލްމީ ތަރި މޭގަން މާކަލްގެ ކައިވެނީގެ ކޭކްވެސް ހާއްސަ ވާނެ އެވެ. އެ ދެކަނބަލުން ކައިވެންޏަށް ކޭކު އަޅާނެ ފަރާތެއް މިހާރު ވަނީ ހޯދާފަ އެވެ.

މި ދެކަނބަލުންގެ ކައިވެނީގެ ކޭކު މާ ބޮޑަށްވެސް ހާއްސަވާނެ ކަމަށް ބެލެވެ އެވެ. އެއީ މީގެ ކުރިން ޝަހީ އާއިލާގެ ކައިވެނިތަކުގެ އަޅާ އުޅުނީ "ޓްރެޑިޝަނަލް ފުރުޓް ކޭކް" އެކެވެ. ނަމަވެސް މިފަހަރުގެ ކައިވެންޏަށް އަޅާނީ ލެމަން އެލްޑާފްލާވާ ކޭކް އެކެވެ. ކޭކު އެޅުމަށް "ސްޕްރިންގް ފްލޭވާސް" އާއި ބަޓާ ކްރީމް އަދި ކޭކު ޒީނަތްތެރިކުރުމަށް "ފްރެޝް ފްލާވާސް" ނުވަތަ އަސްލު މާ ބޭނުންކުރާނެ އެވެ. ކޭކުގައި ބޭނުންކުރާނީ ސީޒަނަލް އަދި އޯގެނިކް އެއްޗެއްސެވެ.

ކޭކު އަޅަން ހަވާލުކޮށްފައި ވަނީ ލަންޑަންގައި ހުންނަ ވައިލެޓް ބޭކަރީ އާއި އެވެ. ކޭކު އަޅާނީ އެ ބޭކަރީގެ ބޮޑު މީހާ އަދި ޝެފް ކްލެރާ ޕީޓެކް އެވެ. ޝާހީ ކައިވެންޏަށް ކޭކު އަޅަން ފުރުސަތު ލިބުމުން ކްލެރާ ހުރީ އުފަލުންނެވެ. އެ ދެކަނބަލުންނަށް ކަމުދާނެ ގޮތަށް ކޭކު އެޅުމަށް އޭނާ މިހާރުވެސް ވަނީ މަސައްކަތް ފަށާފަ އެވެ.

ކްލޭރާއަކީ މޭގަން އެކޭ އެއްގޮތަށް އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ އަންހެނެކެވެ. ކޭކު އަޅަން ކްލޭރާއާއި ހަވާލުކުރުމުން އެކަން ހާއްސަވާ ސަބަބެއްވެސް އެބައޮތެވެ. މީގެ ކުރިން ލައިފްސްޓައިލް ވެބްސައިޓެއް ކަމަށްވާ "ދަޓިގް" ގެ ލިޔުމަކަށް މޭގަން ވަނީ ކްލޭރާ އިންޓަވިއުކޮށްފަ އެވެ.

ކްލޭރާ ވައިލެޓް ބޭކަރީ ހުޅުވީ 2010 ވަނަ އަހަރު އެވެ. ކްލޭރާ މީގެ ކުރިން ވަނީ ކެލިފޯނިއާގެ ޕޭސްޓްރީ ފިހާރައެއްގައިވެސް މަސައްކަތްކޮށްފަ އެވެ. ލަންޑަންގައިވެސް ތިން ޕޭސްޓްރީ ފިހާރައެއްގައި އޭނާ މަސައްކަތްކުރި އެވެ.

ޝާހީ އައިލާގެ ކައިވެނީގެ ކޭކުގެ ތާރީހަށް ބަލާނަމަ 1840 ގައި ކުއީން ވިކްޓޯރީއާގެ ޒަމާނުގައި ކޭކްއަކީ އެހާ ސަމާލުކަން ދޭ އެއްޗެއް ނޫނެވެ. ޝާހީ ކައިވެންޏަށް ގޮސްތިބޭ ގިނަ މެހުމާނުނަށް ކޭކު ކާންވެސް ލިބެ އެވެ. ކުއީން ވިކްޓޯރިއާ އަދި ޕްރިންސް އެލްބާޓްގެ ކައިވެންޏަށް އެޅި ކޭކުގެ ބަރުދަނުގައި 137 ކިލޯ ހުއްޓެވެ. އެ ކޭކުގެ ރައްކާކޮށްފައި އޮތް ބާކީވެފައިވާ އޮތް ކޭކު ފޮއްޗެއް 2016 ވަނަ އަހަރު ނީލަން ކިޔައިގެން 2101 ޑޮލަރަށް ވިއްކާލާފައިވެ އެވެ.

އެންމެފަހުން 2011 ވަނަ އަހަރު އޮތް ޝާހީ ކައިވެނި ޕްރިންސް ވިލިއަމް އަދި ކޭޓްގެ ކައިވެނީގައި ދެ ކޭކެއް އަޅާފައިވެ އެވެ. ޝާހީ ކައިވެނީގެ ތާރީހަށް ބަލާނަމަ ޕްރިންސް ވިލިއަން ނިސަބަތްވާ ޑޫކް އެންޑް ޑަޗެސް އޮފް ކޭމްބްރިޖް ދަރިކޮޅުގެ ކުދިންގެ ކައިވެނިތަކުގައި އާންމުކޮށް ދެ ކޭކެއް އަޅާ އުޅުނެވެ.

ޕްރިންސް ވިލިއަމްގެ ކައިވެޏަށް އެޅި އެއް ކޭކަކީ 900 ހަކުރުގެ ފްލޭވާތައް ބޭނުންކޮށްގެން ތައްޔާރުކުރާ ފުރުޓް ކޭކެކެވެ. އަނެއް ކޭކަކީ ޗޮކޮލެޓް ބިސްކަޓް ކޭކް - ކުޑައިރުއްސުރެ ޕްރިންސް ވިލިއަންއަށް ވަރަށް ކަމުދާ ކޭކެއް - އެކެވެ. އެ ކޭކުގައި ބޭނުންކޮށްފައި ވަނީ މަޝްހޫރު ބިސްކަޓް ބްރޭންޑެއް ކަމަށްވާ މެކްވިޓީގެ ބިސްކޯދެވެ.

މެކް ވިޓީން ވަނީ 1947 ވަނަ އަހަރު ކުއީން އެންޑް ޑޫކް އޮފް އެޑިންބާގްގެ ޝާހީ ކައިވެނީގެ ކޭކު އަޅާފަ އެވެ. އެ ކޭކުގައި ނުވަ ފޫޓު ހުއްޓެވެ.

ޕްރިންސް ޗާލްސްއާއި ޕްރިންސެސް ޑަޔާނާގެ ޝާހީ ކައިވެނީގެ ކޭކުގައި ފަސް ފޫޓު އަދި 116 ކިލޯ ހުއްޓެވެ. އެ ކޭކު ތައްޔާރުކުރީ ޝާހީ ނަވުގެ ކުކަރީ ސުކޫލުންނެވެ.