ކުޅިވަރު

ހާލަތު ބަދަލު ކުރަން ވިކްޓަރީ ތިންއިރު ޕްރެކްޓިހަށް

ޓީމުގެ ހާލަތު ރަނގަޅު ކުރަން ވިކްޓަރީގެ ޕްރެކްޓިސް ކޮންމެ ދުވަހަކު ތިން އިރު ކުރާނެ ކަމަށް އެ ޓީމުގެ ކޯޗް ލާޒްލޯ ކިސް ބުނެފި އެވެ.

މި ސީޒަންގައި ވިކްޓަރީ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން، ކިސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރީ އެ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސްއާ މެދު އެވެ. އޭނާ ބުނެފައި ވަނީ މިހާރުގެ ކުޅުންތެރިންގެ ތެރޭގައި މުހްތާރު ނަސީރު (ޓޫކިލޯ) އާއި އަލީ އަޝްފާގް (ދަގަނޑޭ) ފަދަ ކުޅުންތެރިޔަކު ނެތް ކަމަށާއި މިހާރުގެ ކުޅުންތެރިންގެ ފިޓްނަސް ދަށް ކަމަށެވެ.

"ޓޫކިލޯ ދުވަންޏާ އެއް ވަނަ، ދަގަނޑޭ އެއް ވަނަ، އަލީ އުމަރު އެއް ވަނަ،" އެ ކުޅުންތެރިންނާއެކު ކާމިޔާބު ހޯދާފައިވާ ކޯޗު ބުނެފައި ވެއެވެ. "ޓޫކިލޯ ތިން މަސް ވަންދެން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ބަރާބަރަށް ދުވި، އޭގެ ސަބަބުން އޭނާ ހުރީ ވަރަށް ފިޓްކޮށް."

މާލޭ ލީގްގައި ވިކްޓަރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އެއީ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އަނެއް ތިން މެޗުން ބަލިވީ އެވެ. މާޒިޔާއާ ދެކޮޅަށް ނިކުތް މެޗުގެ ކުރިން ކިސް ބުނެފައި ވަނީ މިހާރުގެ ޒުވާން ކުޅުންތެރިންގެ ތެރޭގައި ބުރަކޮށް މަސައްކަތް ކޮށްގެން ކުރި އެރުން ހޯދަން ބޭނުންވާ ކުޅުންތެރިޔަކު ނެތް ކަމަށެވެ. މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން ވިކްޓަރީ ބަލިވީ 3-0 ންނެވެ.

"މީގެ ފަހުން އަހަރެންގެ ޓީމުގެ ފަރިތަކުރުންތައް ކޮންމެ ދުވަހަކު ކުރިއަށް ގެންދާނަން." މާޒިޔާ އަތުން ބަލިވި މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން ކިސް ބުންޏެވެ.

ކުރީގެ ގަދަ ބާރު ވިކްޓަރީ، ވޭތުވެދިޔަ ހަތް އަހަރު ފެނުނީ ފަނޑު ކޮށެވެ. އެ ޓީމުގެ ކުރީގެ މިޑްފީލްޑާ އަދި ކޯޗު މުހައްމަދު ނަޒީހް ބުނެފައި ވަނީ ވިކްޓަރީ އަލުން ގަދަ ބާރަކަށް ހަދަން ބޭނުންނަމަ އެ ޓީމުގެ މުޅި ފިލޯސަފީ އެއްކޮށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.