މާލެ އާއި ވީއައިއޭ ހިމެނޭ ހުޅުލެ ގުޅުވައިދޭ ބްރިޖަށް ދާ މަގުގައި 450 ގަސް ޖަހަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ހަދަން ނިންމާފައިވާ މަގުތަކުގައި ގާތްގަނޑަކަށް 450 ގަސް ޖަހަން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވަނީ ޓްވީޓްގައި އެމަސައްކަތުގެ ރަމްޒީ ކުރެހުމެއް ވެސް ހިމަނުއްވާފަ އެވެ.
ބްރިޖަށްދާ މަގުތައް ތަރައްގީކޮށް ތާރު އެޅުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މިހާރު ވަނީ އެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން އާޓިފިޝިއަލް ބީޗް ސަރަހައްދުގެ ބޭރު ފާރު މިހާރު ދަނީ ތަޅަމުންނެވެ. އަދި އެ ސަރަހައްދުގައި ހުރި ސްޓޭޖް މަތީގައި ޖަހާފައިވާ ޓިނުތައްވެސް މިހާރު ވަނީ ނަގާފަ އެވެ.
ހަދަން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުން އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. އަދި ބުރިޖާ ގުޅިގެންދާ އެ މަގުތަކުގައި ތާރު އަޅަން ވެސް ވަނީ ނިންމާފަ އެވެ.
ބްރިޖަށް ދާ މަގުތައް ހަދަން ފަށަން ތައްޔާރުވެފައިވާއިރު މިހާރު ވެސް އިއްޒުއްދީން މަގު ފުޅާ ކުރުމަށްފަހު އެ މަގުގައި ދަނީ ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.