މާލެ އާއި ވީއައިއޭ ހިމެނޭ ހުޅުލެ ގުޅުވައިދޭ ބްރިޖަށް ދާ މަގުތައް ރަނގަޅު ފެންވަރުގައި ހެދަން ފެށުމަށްޓަކައި ބްރިޖާ ގުޅޭ މަގުތައް ހުސްކުރަން ފަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ބްރިޖެގެ މަސައްކަތް ނިމުމުގެ ކުރިން މާލެ ކޮޅުން ބްރިޖަށްދާ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މަގުތަށް ހުސްކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
ހަދަން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. އަދި ބުރިޖާ ގުޅިގެންދާ އެ މަގުތަކުގައި ތާރު އަޅަން ވެސް ވަނީ ނިންމާފަ އެވެ.
ބްރިޖަށް ދާ މަގުތައް ހަދަން ފަށަން ތައްޔާރުވެފައިވާއިރު މިހާރު ވެސް އިއްޒުއްދީން މަގު ފުޅާ ކުރުމަށްފަހު އެ މަގުގައި ދަނީ ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.